ރާއްޖޭގައި ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 74ރ. ނުލިބޭ މީހުންނަށް ކަމަށް ވާއިރު އަތޮޅުތަކުގައި 12.8 ޕަސެންޓް މީހުންނަށް މި މިންވަރަށް ނުލިބޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

"ތިލަދުންމަަތީ އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކުޅުދުއްފުށީގައި އެމްޑީޕީން ފެށި ކޮންފަރެންސްގައި މިކަން ފާހަގަކުރެއްވީ މާލެ އާއި އަތޮޅުތަކުގައި އާމްދަނީގެ ފަރަގާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފަގީރުންގެ މިންގަނޑުން ނެއްޓޭ ވަރުގެ އާމްދަނީއެއް ނުލިބޭ މީހުންގެ ނިސްބަތް މާލޭގައި ހުރީ 1.7 ޕަސެންޓްގައި ކަމަށެވެ.

އާމްދަނީގެ މި ފަރަގު އެނގިވަޑައިގަތީ ރައީސް ވިދާޅުވި ގޮތުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ޓަކައި ޕޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން ކަމަށެވެ.

"ރާއްޖޭގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި ކޮންމެ މީހަކަށް އެންމެ މަދުވެގެން 74 ރުފިޔާ ދުވާލަކު އެބަ ލިބެން ޖެހޭ. މާލެ އާއި އަތޮޅުތަކާ ބަލާއިރުގައި ވަރަށް ބޮޑު ތަފާތެއް އެބަހުރި. "މާލޭގައި މިއަދަދު ނުލިބޭ މީހުންގެ ޕަސެންޓޭޖަކީ، ވަޒީފާ އަދާކުރާ މީހުންގެ ޕަސެންޓޭޖަކީ 1.7 ޕަސެންޓް. އެއާ ހިލާފަށް އަތޮޅުތަކުގައި އެބަ އުޅޭ 12.8 ޕަސެންޓް. މި ފަަރަގު ނައްތާލަން އަޅުގަނޑުމެން މިއުޅެނީ،" ރައީސް ވިދާޅުވި އެވެ.

އާމްދަނީގެ ފަރަގުގެ ވާހަކަ ރައީސް ދެއްކެވީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ، މިނިމަމް ވޭޖެއް ކަނޑައެޅުމާ ގުޅުވައިގެންނެވެ.

މީގެ ކުރިން ރައީސް ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް މި ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ލަފާ ދޭ ބޯޑެއް ކުރިން އެކުލަވާލައި، އެ ބޯޑުން ކުރި ދިރާސާތަކަށް ފަހު މިދިޔަ މަހު ވަނީ އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެ ރިޕޯޓުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

މިނިމަމް ވޭޖާ ބެހޭ ގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.