މީގެ 21 އަހަރު ކުރިން ތައާރަފުކުރި "އައިޕޮޑް" ހެދުން ހުއްޓާލިކަން އެޕަލް އިން އިއުލާންކޮށްފި އެވެ.

ލަވަ ޖަހަން ބޭނުންކުރާ އައިޕޮޑް ހެދުން ހުއްޓާލި ކަން އިއުލާންކޮށް، އެޕަލް އިން ބުނީ ސްޓޮކްގައި މިހާރު ހުރި އައިޕޮޑް ޓަޗްތައް ވިކި ހުސްވުމުން ދެން އެ ނުވިއްކާނެ ކަމަށެވެ.

އައިޕޮޑް ހުއްޓާލިޔަސް، "އޭގެ ރޫހު" އެ ކުންފުނީގެ އެހެން ޑިވައިސްތައް ކަމަށްވާ އައިފޯނާއި އައިޕެޑާއި އަދި ހޯމްޕޮޑް މިނީގައިވާ ކަމަށް އެޕަލް އިން ބުންޏެވެ.

ހެޑްސެޓް ޖަހައިގެން ބޭނުންކުރެވޭ އައިޕޮޑް އެންމެ ފުރަތަމަ ތައާރަފުކުރުމުން އެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެޕަލް އިން ވަނީ 2019 ގެ ނިޔަލަށް އޭގެ އެކި ލަންތަކުގެ އާ މޮޑެލްތައް ވެސް ނެރެފަ އެވެ. ބައެއް މޮޑެލްތައް ހެދުން އޭގެ ކުރިން ވެސް ހުއްޓާލި އެވެ.

އައިޕޮޑް ނެނޯ އާއި އައިޕޮޑް ޝަފުލް ލައިނަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެންމެ ސަޅި ލައިނެއްގެ ގޮތުގައި ފާހަގަކުރެވުނީ 2007 ގައި ތައާރަފުކުރި އައިޕޮޑް ޓަޗް އެވެ. އެ ލައިންގެ މޮޑެލްތައް ފަރުމާކުރީ ފޯނެއް ނޫނަސް، އައިފޯނެއްގެ ތަޖުރިބާކޮށްލެވޭ ކަހަލަ ގޮތަކަށެވެ.

އައިޕޮޑް ހެދުން ހުއްޓާލަން ނިންމައިރު، މިހާރު އެ ބޭނުންކުރާ މީހުން ވެސް ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ.

އެޕަލް އިން އައިޕޮޑް ތައާރަފުކުރީ 2001 ވަނަ އަހަރު އެވެ. ފުރަތަމަ މޮޑެލްގައި 1،000 ޓްރެކް ނުވަތަ ލަވަ ރައްކާކުރެވެ އެވެ.