އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ހެދި، ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ގާތްގަނޑަކަށް 47 އުޅަނދު މިވަގުތު އަޅާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު ވިދާޅުވެއްޖެ އެވެ.
ހަފްތާއަކު އެއްފަހަރު ބާއްވާ ކެބިނެޓް މީޑިއާ ބްރީފިންގައި މިނިސްޓަރު އިއްޔެ ވިދާޅުވި ގޮތުގައި އެ އުޅަނދުތައް އަޅާފައިވަނީ ސްރީ ލަންކާގެ ސަރަހައްދީ ކަނޑުގެ އިމުން ފެށިގެން 24 ނޯޓިކަލް މޭލު ބޭރުގަ އެވެ. އެ އުޅަނދުތަކުގެ ތެރޭގައި އީރާނުގެ އުޅަނދުތައް ވެސް ހިމެނޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެއީ ވިޔަފާރި އަދި ކާގޯ ބޯޓުތައް ކަމަށެވެ.
އޭގެ ތެރެއިން އެއްވެސް އުޅަނދަކުން މިހާތަނަށް ސްރީ ލަންކާގެ އެއްވެސް ވަސީލަތެއް ނުވަތަ އެހީތެރިކަމަކަށް އެދިފައިނުވާ ކަމަށާއި، ސްރީ ލަންކާއިން ވެސް އެފަދަ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފޮރިން މިނިސްޓަރު ވިދާޅުވީ ސްރީ ލަންކާގެ ނޭވީން މިހާރު ދަނީ އެ ސަރަހައްދުގެ ހާލަތު މޮނިޓަރުކުރަމުން ކަމަށެވެ.
މާޗު މަހުގެ ކުރީ ކޮޅު، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދިޔަ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި، ސްރީ ލަންކާގެ ދެކުނު ކަނޑުގެ ބޭރުން އީރާނުގެ އަސްކަރީ މަނަވަރަކަށް އެމެރިކާއިން ހަމަލާދީ ވަނީ ފައްތާލައިފަ އެވެ. އެ ހާދިސާގައި ކަނޑުވި އީރާނު ސިފައިން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގައި، ގާތްގަނޑަކަށް 32 މީހުން ސަލާމަތްކޮށް ލަންކާގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނެވެ. އެ ހަމަލާގައި އެތައް ބަޔަކު މަރުވެ އަދި ގެއްލިފައިވެ އެވެ.
އޭގެ ފަހުން އީރާންގެ އެހެން މަނަވަރެއް ލަންކާގެ ބަނދަރަށް ވަދެ އެހީ ހޯދާފައިވެ އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، ކަނޑުމަތީގައި ހާލުގައިޖެހުނު އީރާނު ސިފައިން ސަލާމަތްކުރުމުގައި ސްރީ ލަންކާއިން އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތަކާ އެއްގޮތަށެވެ.