އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބިންގާ އަޅައިފި އެވެ. 

ދިވެހިރާއްޖެ އަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރުން ފާހަގަކުރާ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުން އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މި މިސްކިތަށް ދީފައިވާ ނަމަކީ "ޖާމިއުއްސުލްތާން މުހައްމަދު ބިން އަބްދުﷲ" އެވެ. އެ ނަން ހާއްސަކުރީ ރާއްޖެ އިސްލާމްވިއިރު ރަސްގެފާނުގެ ގޮތުގައި ހުންނެވި ސުލްތާން މުހައްމަދު ބިން އަބްދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނަށެވެ. 

ބޮޑު މިސްކިތަށް ދަރުމަވަންތަ ރަސްގެފާނުގެ ނަން ދޭން ނިންމާފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމްދީން ގަބޫލުކުރައްވައި، މުޅި ރާއްޖެއަށް އިސްލާމްދީން ފެތެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެެވެ. 

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 އާއި 3 ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް މުއިއްޒު މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. 

ބޮޑު މިސްކިތާ އިންވެގެން އިސްލާމީ އެކި ވަސީލަތްތަކާއި ހިދުމަތްތައް ލިބޭ ގޮތަށް "އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒު" ވެސް ގާއިމް ކުރާނެ އެވެ. ރާއްޖޭގައި އިސްލާމްދީން ފެތުރުނު ގޮތް ކިޔައިދޭނެ ތަންތަން އެ މަރުކަޒުގައި ހުންނާނެ އެވެ. އަދި އެއީ ޓޫރިސްޓުންނަށް ވެސް ޒިޔާރަތް ކުރެވޭނެ ގޮތަށް ހަދާ ތަނެކެވެ. 

މި މިސްކިތް ބިނާކުރަނީ ސައޫދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުނީގެ މާލީ އެހީއާ އެކު އެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ ވެސް އެ ކުންފުނީގެ ތަޖުރިބާކާރުންނެވެ. މި މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން
ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން

ހުޅުމާލޭގައި ބޮޑު މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހުންނާނެ ކަމަށާއި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. 

މިސްކިތުގައި ހިމެނޭ ބައިތައް: 

- އެޑިއުކޭޝަނަލް، ކަލްޗަރަލް އަދި ކޮމިއުނިޓީ ސެންޓަރު 

- ނަމާދު ކުރާ މާލަން 

- އިމާމުންގެ އަދި އިދާރީ އޮފީސްތައް

- އިސްލާމިކް ލައިބްރަރީ އަދި ކަލްޗަރަލް ސެންޓަރު 

- ގުރުއާން މިއުޒިޔަމް 

- މަލްޓިޕާޕޯސް ކޮމިއުނިޓީ ހޯލް 

- ވިޒިޓާސް އޭރިޔާ 

- އިސްލާމިކް ބުކްޝޮޕް އަދި ގިފްޓް ޝޮޕް

- އެކްޒިބިޝަން ހޯލް

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގެ މިހާ ބޮޑު މިސްކިތެއް ބިނާކުރުމަކީ 20 އަހަރު ކުރިން ވެސް އޮތް ތަަސައްވުރެއް ކަމަށާއި ކުރިން އެކަން ކުރަން އޮތީ މިހާޜު ސެންޓްރަލް ޕާކް އޮތް ސަރަހައްދުގައި ކަމަށެވެ. ނަމަވެސް، އޭރު އެ ތަސައްވުރު ހާސިލް ނުކުރެވުނު ކަމަށް ވިދާޅުވި އެވެ. 

މި ފަހަރު މި ތަސައްވުރު ހާސިލްވީ ރައީސް މުއިއްޒު ދެއްވި ހާއްސަ އަހަމިއްޔަތުގެ ސަބަބުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި މި ތަސައްވުރު ހަގީގަތަށް ވުމުގައި އެޗްޑީސީގެ ވަރަށް ބޮޑު ދައުރެއް އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި މިހާރު އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި މީގެ 41 އަހަރު ކުރިން އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވެ އެވެ.