ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ނެރެ، އެހެން ގައުމުތަކަށް ފޮނުވާލުމުގެ ހާއްސަ ރޭވުމެއް، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގްވީރު، ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.

އިޒްރޭލުގައި ބާއްވަން ތައްޔާރުވާ ވާދަވެރި އިންތިހާބާ ދިމާކޮށް ބޭއްވި އެއްވުމެއްގައި ބެން ގްވީރު ބުނީ، މި ޕްލޭނުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޣައްޒާއިން 250،000 މީހުން ފޮނުވާލުމަށް އަމާޒުހިފާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، ޖެހިގެން އަންނަ ހަ އަހަރުގެ ތެރޭގައި ބާކީ ތިބި ދެ މިލިއަނެއްހާ ރައްޔިތުން މުޅިން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ ކުރެވިދާނެ ކަމެއް،" ފަލަސްތީނު މީހުން ބަލައިގަތުމަށް ބައެއް ގައުމުތަކުން ތައްޔާރަށް ތިބި ކަމަށް ދައުވާކުރަމުން ބެން ގްވީރު ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

"އަހަރެމެން ޖެހޭނެ ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުވުމަށް ހިތްވަރުދޭން،" އޭނާ ބުންޏެވެ. އަދި މިއީ މަޖުބޫރުން ފަލަސްތީނު މީހުން ފޮނުވާލުން ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ސަރަހައްދުތަކުގައި ތިބި އާންމުން މަޖުބޫރުން އެހެން ތަންތަނަށް ބަދަލުކުރުމަކީ ޖެނީވާ ކޮންވެންޝަންގެ ދަށުން ހަނގުރާމައިގެ ޖަރީމާއެކެވެ. ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި އެ މީހުންގެ ފަސްގަނޑުން ނެރެލުމަށް ކުރާ ކޮންމެ މަސައްކަތަކީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމުގެ ތެރޭގައި ހިންގި "ނަކްބާ" ނުވަތަ ބޮޑު މުސީބާތް ތަކުރާރުކުރުމެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ މުހިންމު ވަޒީރެއް ކަމަށްވާ ބެން ގްވީރުގެ މިފަދަ ހައްދުފަހަނައަޅާފައިވާ ވާހަކަތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވެ އެވެ.

ބެން ގްވީރު ބުނީ ދެން އުފެދޭ ސަރުކާރެއްގައި އޭނާގެ "ޖުވިޝް ޕަވަ" ޕާޓީއަށް "އިމިގްރޭޝަނާ ބެހޭ ވުޒާރާއެއް" ދިނުމަށް އެދޭނެ ކަމަށެވެ. އަދި އޭނާ މި ގެންގުޅޭ ޕްލޭނަކީ ދޮޅު އަހަރު ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ބުންޏެވެ. 

އޭއެފްޕީއަށް ލިބިފައިވާ "ނޭޝަނަލް ވާކް ޕްލޭން ފޯ ވޮލަންޓަރީ އެމިގްރޭޝަން ފްރޮމް ދަ ގާޒާ ސްޓްރިޕް" ނަމުގައިވާ 20 ސަފުހާގެ ލިޔުމުގައި ބުނެފައިވަނީ، މިއީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލެއް ކަމަށެވެ.

ނަމަވެސް، އިޒްރޭލުގެ ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުން ފަލަސްތީނު މީހުން ބޭރުކުރުމާ ގުޅޭގޮތުން އެތައް ފަހަރަކު ވާހަކަދައްކާފައިވީ ނަމަވެސް، މިއަށް އަމަލީ ސިފައެއް އަންނާނެ މިންވަރެއް ސާފެއް ނޫނެވެ. އަންނަ މަހު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވޭއިރު، މިހާރު ވެރިކަމުގައި ތިބި ޕާޓީތަކަށް އަލުން ވެރިކަން ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ބުދަ ދުވަހު ބުނެފައިވަނީ، އެމެރިކާގެ ހުއްދަ ލިބިއްޖެ ނަމަ ޣައްޒާއިން ފަލަސްތީނު މީހުން ބޭރުކުރުމުގެ ޕްލޭން ތަންފީޒުކުރަން އިޒްރޭލު އޮތީ ތައްޔާރަށް ކަމަށެވެ. ކާޓްޒް ވެސް ދަނީ ޣައްޒާގެ ރައްޔިތުން އަމިއްލައަށް އެހެން ގައުމުތަކަށް ބަދަލުވުމުގެ ނަމުގައި މިފަދަ ފިޔަވަޅުތައް އެޅުމަށް ވަކާލާތު ކުރަމުންނެވެ.

މީގެ އިތުރުން، އިޒްރޭލުގެ މާލީ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ 1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް ވެސް މި ފިޔަވަޅު ފުޅާކުރުމަށް ހުށަހަޅައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ދެވަނަ ދައުރު ފައްޓަވަމުން، ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމަށް ގޮވައިލެއްވުމުން ދުނިޔެއަށް ސިހުން ގެނުވި އެވެ.  ޓްރަމްޕް ވިދާޅުވީ، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު އިޒްރޭލުގެ ހަމަލާތަކުން ސުންނާފަތިވެފައިވާ ޣައްޒާ، އަގުބޮޑު ރިސޯޓުތަކެއްގެ ގޮތުގައި ތަރައްގީކުރެވިދާނެ ކަމަށެވެ.

ނަމަވެސް، ޣައްޒާއާ އިންވެގެން އޮތް ހަމައެކަނި ގައުމު ކަމަށްވާ މިސްރުގެ އިތުރުން އެހެން ގައުމުތަކުގެ ބޮޑު ނުރުހުމެއް އަމާޒުވުމުން ޓްރަމްޕް ވަނީ އެ ވާހަކަ އަނބުރާ ގެންދަވައިފަ އެވެ.

އިޒްރޭލުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، ހަމާސްއިން ދިން ހަމަލާގައި 1،221 މީހުން މަރުވެފައިވާއިރު، އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ ބޮޑު ބަޔެއް ވަނީ އަމިއްލަ ފަސްގަނޑުގައި ގެދޮރުގެއްލިފަ އެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން މަދުވެގެން 73،470 މީހުން ޝަހީދުވެފައި ޥާއިރު، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް 1،330 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ