ޣައްޒާއިން އިޒްރޭލާ ދިމާލަށް ގުޑި އާއި ޑްރޯން އަދި ފުއްޕާހަން ފޮނުވުން އިތުރުވެފައިވާ ކަމަށާއި، މިކަންކަން ނުހުއްޓުވައިފި ނަމަ ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ އިންޒާރު އިޒްރޭލުން އާދީއްތަ ދުވަހު ހަމާސްއަށް ދީފި އެވެ.

ނަމަވެސް ހަމާސްއިން ވަނީ މިއީ އެ ޖަމާއަތާ އެއްވެސް ގުޅުމެއް ހުރި ކަންކަން ނޫން ކަމަށް ބުނެފަ އެވެ. 

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އިމުގެ ސަރަހައްދުގެ އަވަށްތަކުން ހޮނިހިރު ދުވަހު ހަތަރު ގުޑި ފެނިފައިވާއިރު، އާދީއްތަ ދުވަހު އިޒްރޭލު ސިފައިން ވަނީ އިތުރު ގުޑިއަކަށް ހަމަލާދީ ވައްޓާލައިފަ އެވެ. މިއާ އެކު ފަހަކަށް އައިސް ފެނުނު މިފަދަ ގުޑިތަކުގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ޣައްޒާއިން ފޮނުވި އަލިފާން ރޯކުރާ ގުޑި އާއި ފުއްޕާހަންތަކުގެ ހަނދާން މި ހާދިސާތަކާ އެކު ވަނީ އާވެފަ އެވެ. އެ ދުވަސްވަރު ފޮނުވި އެއްޗެހީގެ ސަބަބުން އިޒްރޭލުގެ ދެކުނުގެ ދަނޑުބިންތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ގޮވާތަކެތި ހަރުކޮށްފައިނުވާ މި ގުޑިތައް ފޮނުވުމުގެ ފަހަތުގައިވަނީ ހަމާސް އެވެ. އަދި މިއީ އިޒްރޭލުން ރައްދުދޭނެ ގޮތެއް ބެލުމަށް ސިއްރުން ކުރި ކަމެއް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ގަބޫލުކުރެ އެވެ.

"އިޒްރޭލާ ދިމާލަށް ފޮނުވާ މި ތަކެތި ވަގުތުން ނުހުއްޓުވައިފި ނަމަ، މިކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތައް އިސްރާއީލު ދިފާއީ ބާރުތަކުން  ވަރުގަދަކުރާނެކަމުގެ އިންޒާރު އިޒްރޭލުން ހަމާސްއަށް ދެން،" އިޒްރޭކލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ނެރުނު ގުޅިފައިވާ ބަޔާނެއްގައިވެ އެވެ.

މީގެއިތުރުން ގުޑި އާއި ޑްރޯން އަދި ފުއްޕާހަން ފޮނުވާ ސަރަހައްދުތަކުން އާންމުން ނެރެ ހުސްކުރާނެކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އާދީއްތަ ދުވަހު އިޒްރޭލުގެ އެންމެ މަތީ އަސްކަރީ އަދި ސެކިއުރިޓީ މަސްއޫލުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މި މައްސަލައާ މެދު މަޝްވަރާކުރި ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ހަމަލާދިން ޣައްޒާއާ އިންވެގެން އޮންނަ އިޒްރޭލުގެ އަވަށެއްގެ އިސްވެރިއެއް ކަމަށްވާ އުރީ އެޕްސްޓީން ޗެނަލް 12 އަށް ބުނީ 'އެއީ އެއްވެސް ކަމެއް ނޫން' ކަމަށް ބުނާ ބުނުންތަކަކަށް އޮކްޓޯބަރު 7 ގެ ފަހުން އިތުބާރެއް ނެތް ކަމަށެވެ.   "ނުރައްކަލުގެ އިންޒާރު ސާފުކޮށް ފެންނަން އެބައޮތް" ކަމަށާއި މި ކަންކަމާ މެދު ކުރިން ފިޔަވަޅުއެޅުމަކީ އަސްކަރިއްޔާގެ ޒިންމާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމާސްއިން ވަނީ މި ހާދިސާތަކުގެ ޒިންމާ އުފުލަން ދެކޮޅުހަދައިފަ އެވެ.

ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ ބާސިމް ނައީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ގުޑިތަކަކީ "ޣައްޒާގެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރެއިން، މައުސޫމް ކުޑަކުދިން ސިކުންތުކޮޅެއްގެ އުފާވެރިކަމަކަށް" އެ ކުދިން ކޮށް އުޅޭ ކަންތައް ކަމަށެވެ.

އެހެން ބަޔާނެއްގައި، އެ ޖަމާއަތުން ވަނީ، އާދީއްތަ ދުވަހު ޣައްޒާގެ މެދުތެރެއަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ބަހަނާއަކަށް މި ގުޑިތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ޣައްޒާގެ ސިވިލް ޑިފެންސުން ބުނި ގޮތުގައި އެ ހަމަލާތަކުގައި ތިން މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ