ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ފަސް ޑައިވަރުން ބޭނުންކުރީ އެފަދަ ތަނަކަށް ފީނުމަށް އެކަށީގެންވާ އާލާތްތަކެއް ނޫން ކަމަށާއި އެ މީހުން ގައިޑް ރޯޕް ވެސް ގެންގުޅެފައި ނުވާ ކަމަށް އެ ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕްގެ ޑައިވަރަކު ބުނެފި އެވެ.
ފިންލޭންޑުގެ ޑައިވަރެއްކަމަށްވާ ސާމީ ޕަކަރިނެން އިޓަލީގެ ލަ ރިޕަބްލިކާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ހަށިތައް ފެނުނީ ހޮހޮޅައިގެ އެއް ދިމާލަކުން ކަމަށާއި އެއީ ވަރަށް ފުން ހިސާބެއް ކަމަށެވެ.
ޕަކަރިނެން ކިޔައިދިން ގޮތުގައި ޑައިވަރުން މަރުވީ "ހިއުމަން އެރާ" އަކުން ކަމަސް ގަބޫލުކުރެވޭ ކަމަސެވެ. ނަމަވެސް އޭނާ ބުނީ އެ ހާދިސާގައި އަސްލު ކަންވީގޮތް ނިންމާނީ ތަހުގީގު ޓީމުން ކަމަށެވެ.
އޭނާ ބުނީ އެފަދަ ނުރައްކާތެރި ފުން ހޮހޮޅައަކަށް ވަނަންއިރު ބޭނުންކުރާ އެކަށީގެންވާ ސަލާމަތީ އާލާތްތަކާއި ނުލައި ވަދެފައި ވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
އާންމުކޮށް އެފަދަ ހަނި އަދި ފުން ހޮހޮޅަތަކަށް ވަންނައިރު މަގު ދައްކައިދިނުމަށް ބޭނުންކުރާ "ގައިޑް ރޯޕް" ނުވަތަ "ޑައިވިން ރީލް" ބޭނުންކުރަންޖެހޭނެ ކަމަސާއި ނަމަވެސް އެ ހޮހޮޅައަށް ވަދެގެން އުޅެނިކޮށް މަރުވި އިޓަލީ މީހުން އެ ބޭނުންކޮށްފައި ނެތް ކަމަށް އޭނާ ބުންޏެވެ.
"ހޮހަޅަތަކަށް ފީނާ މީހުންނަށް އެނގޭނެ ގައިޑް ރޯޕެއް ނެތި އެފަދަ ތަންތަނަށް ވަނުމަކީ ބުއްދިވެރި ކަމެއް ނޫންކަން. ހިތާމައަކީ، އެފަދަ ހޮހަޅަތަކުގައި ހިނގާ ގިނަ ހާދިސާތަކުގެ އަސްލަކީ އަމިއްލައަށް ހެދޭ ގޯސްތައް ކަމަށްވުން،" އޭނާ ބުނެފައިވެ އެވެ.
އުމުރުން 52 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން 31 އަހަރުގެ މުރިއެލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ހޯމަ ދުވަހު ފެނިފައިވަނީ ހޮހަޅަތަކުގެ ތިންވަނަ އަދި އެންމެ ފަހު ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. އޭގެ ތެރެއިން ދެ މީހުން ބުދަ ދުވަހު އަނެއް ދެ މީހުން ބުރާސްފަތި ދުވަހު ވަނީ ނަގައިފަ އެވެ.
އެމީހުންގެ އިޓަލީ ޑައިވިން އިންސްޓްރަކްޓަރު، އުމުރުން 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވަނީ އެ ހޮހަޅައިގެ ހަމަ އެ ބައިގެ ދޮރު ކައިރިން، އެ ހާދިސާ ހިނގި މި މަހުގެ 14 ވަނަ ދުވަހު އެވެ.
އެ މީހުންގެ ހަށިތައް މިހާރު އެ ގައުމަށް ގެންގޮސްފައި ވާއިރު އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ޕޯސްޓްމޯޓަމް ހަދާނެ އެވެ.
މީހުންގެ ހަށިތައް ނަގަން އެތަނަށް ވަން ޑައިވަރުން ބުނެފައިވަނީ ހޮހަޅައިގެ ދެ ވަނަ ބަޔަށް ވަނުމަށް ފަހު، އެތަނުން ނުކުންނަ މަގު، ވެލިގަނޑެއްގެ ސަބަބުން ކިލަނބުވެ ގެއްލޭ ކަމަށާއި ޑައިވަރުން މަރުވީ އެހެން ދިމާވެގެން ކުރިމަތިވި ހާސްކަމުގެ ތެރޭގައި، ހޮހަޅައިގެ ކޮޅު ބެދިފައިވާ ދިމާލަކަށް ވަދެވި މަގު އޮޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހު، މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ އިބްތިދާއީ ރިޕޯޓެއް ވެސް ރިކަވަރީ ޓީމުން ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައި ތަޖުރިބާކާރު ޑައިވަރުން އިރުޝާދު ދީފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނާއި ބޭނުންވާ ފަންނީ ސާމާނު ނެތި އެ ހޮހަޅައަށް ނުވަނުމަށެވެ.
ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށް ވާތީ، މިއީ ހަމައެކަނި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އަދި ފުރިހަމަ ވަސީލަތްތައް ހުރި ފަރާތްތަކުން ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.