މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި އިއްޔެ އިން ފެށިގެން ބައެއް މުވައްޒަފުން ކުރާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި ހާލު ދެރަވި ދެ މީހަކު މިއަދު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އިއްޔެ އިން ފެށިގެން ކެއުން ހުއްޓާލި މުވައްޒަފުންގެ ތެރެއިން ހާލު ދެރަވި ދެ މީހުން މިހާރު ތިބީ އެ ރިސޯޓުގައި އައިވީ ގުޅައިފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ކެންޓީނުން ކެއުން ހުއްޓާލީ ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި މުވައްޒަފުންގެ ޝަކުވާތައް އަޑު ނޭހުމުން ހިތްހަމަނުޖެހިގެން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ މީހުން ނުކައި އިއްޔެ އިން ފެށިގެން. ވަޒީފާ އިން ވަކިކުރުމުގެ ކަންކަން ދަނީ އެއްވެސް އިންސާފުވެރި ގޮތަކަށް ނޫން. ކުއްލިއަކަށް އެތައް ބަޔަކު ކަނޑާލަން ނިންމުމަކީ އެތައް އާއިލާއަކަށް ލިބޭ ނިކަމެތި ކަމެއް،" އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަނަފަރުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރި މުވައްޒަފަކު އެޑްމިޓްކޮށްގެން ފަރުވާދެނީ. --ފޮޓޯ/ސޯޝަލްމީޑިއާ
މަނަފަރުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރި މުވައްޒަފަކު އެޑްމިޓްކޮށްގެން ފަރުވާދެނީ. --ފޮޓޯ/ސޯޝަލްމީޑިއާ

މަނަފަރުގެ ގިނަ މުވައްޒަފުން ވަކިކުރަން ނިންމީ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ އެވެ.

މުވައްޒަފުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، އެ ސަބަބު ދައްކައި ވަޒީފާ އިން ވަކިކުރަނީ އެއްވެސް އުސޫލަކުން ނޫނެވެ.

"ދެތިން އަހަރުވީ މުވައްޒަފުން ބައިތިއްބާފައި، އެތައް އަހަރެއްވީ މީހުން ވަކިކުރަން ނިންމާފައި ވަނީ. މިއީ އެއްވެސް އިންސާފަކުން ކުރާ ކަމެއް ވެސް ނޫން،" އޭނާ ބުންޏެވެ.

"ހަޅުތާލު ކުރިއަސް ރިސޯޓުގެ އޮޕަރޭޝަނަކަށް އެއްވެސް ބުރުލެއް މުވައްޒަފުން ނާރުވާ."

މަނަފަރު ރިސޯޓުގެ މުވައްޒަފުން ކުރާ ޝަކުވާ އަޑު އެހުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ އެކު އެ މިނިސްޓްރީގެ ޓީމެއް މިރޭ އެ ރިސޯޓަށް ދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމެންޓުގެ ހައްގުތައް ކަށަވަރުކުރުމުގައި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ އެވެ.

މީގެ ފަސް އަހަރު ކުރިން ހުޅުވި މަނަފަރު ރިސޯޓުގައި 330 ވަރަކަށް މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ ތެރެއިން 54 ޕަސެންޓަކީ ދިވެހި މުވައްޒަފުންނެވެ.