އޭނާ އާއި އިންޑިއާގެ ވިޔަފާރިވެރިޔާ ޝިކަރް ޕަހާރިޔާއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަން ފުރަތަމަ ފަހަރަށް ހާމަކޮށް، ކައިވެންޏާ ބެހޭ ގޮތުން ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރު ވާހަކަދައްކައިފި އެވެ.
ޖާންވީ އެކަން ހާމަކުރީ ވަރުން ދަވަންއާ އެކު "ކޮފީ ވިތު ކަރަން" ސީޒަން 9 ގެ އެޕިސޯޑެއްގައި ބައިވެރިވެ، ޝޯގެ ހޯސްޓް ކަރަން ޖޯހަރު ކުރި ސުވާލުތަކަށް ދިން ޖަވާބުގަ އެވެ.
ޖާންވީ އާއި ޝިކަރް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކަރަން "އޮފިޝަލީ ޝިކަރްއާ ރައްޓެހިވެގެންތައް އުޅެނީ؟"އޭ އެހުމުން ޖާންވީ ވަނީ އެއީ ތެދެއް ކަމަށް ބުނެފަ އެވެ.
އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މާ ބޮޑަށް އާންމުކުރަން ބޭނުން ނުވި ނަމަވެސް، މިފަދަ ކަންކަން ސިއްރުކޮށްގެން އުޅުމަކީ ވަރަށް "ފޫހި" ކަމެއް ކަމަށާއި ސިއްރުކުރުމުގެ ބޭނުމެއް ނެތްކަމަށް ޖާންވީ ބުންޏެވެ.
މީގެ އިތުރުން، ކާވެނިކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި ޖާންވީ ބުނީ ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައި ކާވެނިކުރުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ދެމީހުންގެ ގުޅުން މިހާރު އޮތީ ވަރަށް ހަމަޖެހޭ އަދި އުފާވެރި މާހައުލެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އެ އެޕިސޯޑުގައި ޖާންވީ ވަނީ 2018 ވަނަ އަހަރު އޭނާގެ މަންމަ، މަޝްހޫރު އެކްޓްރެސް ސްރީދޭވީ މަރު ދުވަސްވަރު ޝިކަރްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަން ހަނދާން އާކޮށްފަ އެވެ.
އެ ހާދިސާ ހިނގިއިރު ލަންޑަންގައި ކިޔަވަން ހުރި ޝިކަރް، ކިޔެވުން މެދުކަނޑާލުމަށް ފަހު މުމްބާއީއަށް އެނބުރި ގޮސް، ޖާންވީއަށް އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ކައިރީގައި ހުރުމަށް ޖުހޫގައި ހުންނަ ރައްޓެއްސެއްގެ ގޭގައި މަހެއްހާ ދުވަހު ހުރި ކަމަށް ޖާންވީ ބުންޏެވެ.