އާދިއްތަ ދުވަހާ ގުޅޭ
"އެންމެ ރަނގަޅު. ކަލެއަށް ހަނާ ރީތިތަ؟" އަނިލް ރައްދުގައި ބުންޏެވެ.
"އާނ! މަ ބުނީމެއްނު މަށަށް އޭނަ ރީއްޗޭ!" އެހެން ބުނާކަށް ޖިންނިސައިތާނާ ކުޑަކޮށް ވެސް ލަދެއްނުގަތެވެ. "އެހެންވެތާ އޭނަޔާ އަވަލަވައިގެން އަހަރެން މި އުޅެނީ. ދެން ބުނޭ އަހަރެން ދުވަހަކު ވެސް ތެދެއް ނުބުނާނޭ. ހީވާ ކަހަލަ ކަލޭމެންނަކީ މާ ތެދުވެރި ބަޔެކޭ. އަހަރުމެންނަށް ވުރެ ކަލޭމެން އިންސާނުންގެ ކެހިވެރިކަމާ، މަކަރުވެރިކަމާ، މުނާފިގުކަން މާ ބޮޑު. އެހެންވެގެންތާ ކަލޭގެ ހިތުގަ އޮތް ގޮތަށް ކަލެއަށް ބުނަން ނުކެރިގެން ތިއުޅެނީ. އަހަންނަށް ކެރޭނެ ބުނަން. ވަރިހަމަ ކަލޭ ގަބޫލުކުރިޔަސް ނުކުރިޔަސް."
ދޭތެރެޖެއްސުމާއި ހިތްޝައްކު އުފެއްދުމަކީ ޖިންނިސައިތާނުން ބޭނުންކުރާ ތޫނު ހަތިޔާރެކެވެ. އެއިން ދޭ ހަމަލައެއް އަމާޒުން ކަސިޔާރެއް ނުވާނެއެވެ. އަނިލްއާ މެދުގައި ރިޒްވާންގެ ހިތުގައި ޝައްކު އުފެދުނީ ކިހާ ވަރަކަށް ކަމެއް އަނިލް އަކަށް ނޭނގެއެވެ. ހަނާއަކީ ހުތުރު ކުއްޖެއް ނޫނެވެ. އެހެނަސް، ސިކުންތަކު ދެ ފަހަރަކު އެ ވާހަކަދައްކައިގެން ހަގީގީ މައްސަލައިގެ މިސްރާބު އެހެން ދިމާއަކަށް އެނބުރުނަދޭން އަނިލް ބޭނުން ނުވަނީއެވެ. އަނިލްގެ ނަޒަރުގައި އެއީ ފިނޑިކަމެއް ނޫނެވެ. ހިކުމަތްތެރިކަމެވެ.
"އަހަރެން ގަބޫލު ނުކުރާކަށް ނޫޅެމޭ،" އަނިލް ޖަވާބުދިނެވެ. "ކަލޭ ދައްކާ ވާހަކަޔާ، ކަލެއަށް ކިޔެވީމަ ދެން ކަންތައް ވާ ގޮތާ ދިމާނުވާތީ މައްސަލައަކީ. ކަލެއަށް އެނގޭނެ ކަލޭމެންނަކީ ކިހާ މަކަރުވެރި ބައެއްކަން. އަހަރެން ކިތަންމެ ސުވާލެއް ކަލެއާ ކުރިޔަސް ކަލޭގެ ޖަވާބަށް ވުރެ އަހަންނަށް މުހިންމީ ކަލޭގެ ފަރާތުން ފެންނަ އަލާމާތްތައް. އަހަރެން ކިޔެވީމަ ކަލެއަށް ވާ ގޮތް."
"އާނއާނއާނ!" ކާމިޔާބުގެ ރާގަކަށް ހަނާ ބުނެލިއެވެ. "އެއީ ދޯ ކަލޭ ތި ބަލާ ގޮތަކީ؟"
"މިޔޮއް ހުރިހާ ދުވަހު އެ ކަމާތަ ކަލޭ ބޯގޮއްވީ؟" އަނިލް ކުޑަކޮށް ހިނިއައިސްފައި ބުންޏެވެ. "އަހަރެން ކައިރީގަ އަހާލި ނަމަ."
"މަ އެހީމެއްނު!" ހަނާ ވަގުތުން ޖަވާބުދިނެވެ. "ކަލޭ ނުބުނީނު! އަދި ކިރިޔާ މި އެނގުނީ. ވިސްނާލަބަލަ ކަލޭގެ މަކަރުވެރިކަން ހުންނަ ވަރު. އެއީތާ ކަލެއަށް ތި ހުރިހާ އެއްޗެއް އެނގޭ ކަމަކީ."
ރުޤްޔާގެ ބައެއް ސިއްރުތައް އެންމެ ރަނގަޅީ ސިއްރުކޮށްފައި ބޭއްވުމެވެ. އޭގެ ނާޖާއިޒު ފައިދާ ޖިންނީން ނެގިޔަ ނުދިނުމަށް ޓަކައެވެ. އެހެންނަމަވެސް އަނިލްއަށް ބުނެވުނު އެއްޗަކުން އަނިލްއަށް ލިބޭނެ ދެރައެއް ނެތެވެ. ގެއްލުމެއް ނެތެވެ.
"އާނ! އެއީ އަހަރެން ބަލާ ގޮތަކީ،" އަނިލްގެ ސާބިތުކަން ވަރުގަދަކުރުމަށް ޓަކައި ބުންޏެވެ. "ކަލޭ ތި ހީކުރީ އެ ކަން އެނގިގެން ކަލެއަށް ވަރަށް ޗަރުކޭސް ދެއްކޭނެ ކަމަށްތަ؟ ނުދެއްކޭނެ. އަހަރެން ކިޔަވާ އިރު އަޅެ ކަލޭ އޮވެލަބަލަ ގުޑި ވެސް ނުލާ! އޭރަށް އަހަންނަކަށް އެކައްޗެއް ވެސް ނޭނގޭނެއްނު! އޮވެވޭނެތަ؟ ކެރޭނެތަ އޮންނަން؟"
"ކެރިދާނެ! އެކަމަކު މަ ބޭނުމެއް ނޫން ގުޑިނުލާ އޮންނާކަށް." ހަނާ ޖަވާބުދިނެވެ.
"ކަލެ އަކަށް ނުވެސް އޮވެވޭނެ. ތީ މާ މޮޅު ބައެއް ނޫނޭ،" ގޮންޖަހާކަށް އަނިލް ކުޑަކޮށް ވެސް ފަހެއް ނުޖެހުނެވެ. "ދުން ނާރާ އަލިފާނުން ކަލޭމެން ހެއްދެވުމާ، އަހަރުމެންނަށް ކަލޭމެން ނުފެނި ކަލޭމެންނަށް އަހަރުމެން ފެނުމަކީ ވެސް ކަލޭމެންގެ މޮޅުކަމެއް ނޫނޭ. އެއީ ﷲ ގެ ކުޅަދުންވަންތަކަން. އެކަމަކު އެ ބާރުތަކުގެ ނާޖާއިޒު ފައިދާއެއްނު ކަލޭމެން ތި ނަގަނީ. ކަލޭގެ ވަގުތު ހަމަވެއްޖެ! ހިތުންރުހުމުން މި ތަނުން ރައްކާވޭ އެެހެން ނޫނީ ކަލޭ ބަލިކޮށް ފަލީހަތްކޮށްލާނަން."
އަނިލް އެހެން ބުނުމުން "ހަނާ" އެއްޗެއް ނުބުނެ އިރުކޮޅަކު އޮތެވެ. އެކަމަކު ފަރުދާގެ ފުރަގަހުގައި ޖިންނީންގެ މެދުގައި ދިޔައީ މަޝްވަރާކުރެވެމުންނެވެ. އަނިލްއަށް އެ ވަރު ވިސްނެއެވެ. އެންމެން އެކުވެގެން އަނިލްއަށް ދޭނެ މޮޅު ޖަވާބެއް ތައްޔާރުކުރިއެވެ.
"ދެން ކަލޭ ކިޔަވާ އިރު، ނުބައި ތަންތަނަށް ވެސް އަހަރެން ތެޅިފޮޅޭނަން،" ހިތުން ނިކަން މޮޅު ޖަވާބެއް ހަނާ ދިނެވެ. "އޭރުން ކަލެއަކަށް ނޭނގޭނެ ތަނެއް ދޮރެއް ތަންޑެއް މަކުޑިއެއް."
"ކަލެއަށް ކޮން ތެޅުމެއް ތެޅުވޭނީ؟" އަނިލް ބުންޏެވެ. "ބަނދެލިބަނދެލީނުން ހިރި ވެސް ނުލެވޭ ވަރު ކޮށްފަ ކަލޭ ބާއްވާނީ."
"ތީއޭ މައްސަލައަކީ،" ހަނާގެ ރާގުގައި ވަނީ ނުތަނަވަސްކަމުގެ އަސަރެވެ. "ތީއޭ ގޯސްވާ ހިސާބަކީ. ނުކިޔެވިޔަކަސް ކަލެއަށް ވާހަކަދެއްކިދާނެއްނު. މިހާރު ވެސް ކިހާ އިރެއް ވެއްޖެ އަހަރުމެން ވާހަކަދައްކާތާ! ކީއްކުރަން ކިޔަވާ ކިޔެވުމެއް؟ ކަލޭ ބޭނުންވަނީ މި ތާ ތިބި އެންމެންނަށް ކަލޭ ކިހާ މޮޅަށް ކިޔަވާކަން އަންގަންތަ؟ ކަލޭ ތީ ހާދަ ދެއްކުންތެރި މީހެކޭ ދޯ! އެކަމަކު އަދިވެސް ކަލޭ ތި އުޅެނީ މީނައަށް ވެފަ ހުރި ގޮތް ނޭނގިގެން. ކޮބާ މޮޅުކަމެއް؟"
ޖިންނިސައިތާނުންނަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ބައެކެވެ. އެ ހުނަރު ޖިންނިސައިތާނުންނަށް ދަސްކޮށްދިނީ އިންސާނުންނެވެ. ސިހުރުވެރީންނެވެ. އޭގެ ބޭނުން ހިފައިގެން ފާފައިގެ ދަންތުރަ ތަކުގައި އިންސާނުން ހައްޔަރުކޮށްލައެވެ. އިންސީންގެ ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ ބައެއް ހަނދާންތަކަށް ބާރު ފޯރުވައި، ކުޅެހަދައެވެ. ހަނދާނުގެ އެތިކޮޅުކޮޅު ވަގަށް ނަގައިގެން އިންސާނުންނަށް އަވާމެންދުރު ދައްކައެވެ. އިންސާނުން މަގުފުރެއްދުމުގައި ކާމިޔާބު ހޯދައެވެ. އަނިލްގެ ބޭނުމަކީ ޖިންނީންނަށް ހުރަސްއެޅުމެވެ. ސިހުރުގެ ވަބާއިން މީހުން ސަލާމަތްކޮށް، ތެދުމަގަށް އިންސާނުން އަނބުރައި ގެނައުމެވެ.
"އަހަންނަށް މިހާރު އެނގިއްޖެ ހަނާއަށް ވީ ގޮތް." ޔަގީންކަމާ އެކުގައި އަނިލް ބުންޏެވެ.
"ކަލެއަށް އަދި ނޭނގޭ ކަމެއް އެބަ އޮތް،" ހަނާ ވެސް ހަމަ އެހައި ޔަގީންކަމާ އެކުގައި ބުންޏެވެ. "ނުވެސް ބުނާނަން."
"ތި ދައްކަނީ ދޮންވެލީގެ ވާހަކައެއްނު!" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.
ހަނާ އެއްވެސް ޖަވާބެއް ނުދިނެވެ. އެހައި ސިއްރުކޮށްފައިވާ ކަމެއް އަނިލްއަށް އެނގިދާނެ ކަމަކަށް "ހަނާ" އުންމީދެއް ނުކުރެއެވެ. ހަނާގެ ހަމަހިމޭންކަމުން އަނިލްއަށް ދޭހަވީ އެ މާނައެވެ.
"ކޮބާ! ތީ ތި ވާ ވަރަކީ،" މަލާމާތުގެ ރާގެއްގައި އަނިލް ބުންޏެވެ. "އަހަންނަށް ނޭނގިގެނެއް ނޫޅެމޭ! އަހަންނަށް އެނގޭ ހުރިހާ އެއްޗެއް އަދި ކަލޭ ކައިރީގަ ބުނާކަށް ނުޖެހެއެއްނު! ކަލޭ ތި ހީކުރަނީ އަހަރެން އެ ގެއަށް ފެން އަޅަން އުޅެފަ ހަނދާންނެތިގެން ނޭޅީ ކަމަށްތަ؟ އަސްލު މިރޭ ކިޔަވާފަ، ވާ ގޮތް ބަލާފަ ނޫނީ ފެން ނާޅަން އަހަރެން ބުނީމަ އެ މީހުން މަޑުކޮށްގެން އެ ތިބީ."
"އެއީ ކީއްކުރަން ކަލޭ ކުރި ކަމެއް؟" ހައިރާންވެފައި ހަނާ އެހިއެވެ.
"ނުޖެހޭނެ ކަލޭ ކައިރީގަ ބުނާކަށް،" އަނިލް އިންކާރު ކުރިއެވެ. "ކަލެއަށް އޮތީ ދެ ގޮތް. ހަމަ މިހާރު މި ތަނުން ދިޔުން. އެހެން ނޫނީ އަހަންނާ ކުރިމަތިލުން. ބޭނުން ގޮތެއް ބުނޭ. މަ ނުހުންނާނަން އާދޭސްކުރާކަށް."
ހަނާ ވިސްނަން އިރުކޮޅެއް ނެގިއެވެ. ކުރިން ގަދަފައި ވިއްދި އެންމެނަށް ކަންތައް ވީ ގޮތް ފެނިފައިވާތީ، ގަދަހިފުމަކަށް ދާކަށް ޖިންނީން ބޭނުމެއް ނުވިއެވެ. ހީވީ ސުލްހަވެރި ނިމުމެއް ފެނިއްޖެހެންނެވެ.
"އަހަރެން ހިނގައިދާނަން،" ހަނާ މަޑުމަޑުން ބުނެލިއެވެ. "އެކަމަކު މިހާރަކު ނޫން."
"އަހަނ!" އަނިލް ހައިރާންވެފައި ބުންޏެވެ. "އެއީ ކީއްވެ؟"
"އަހަރެން ދާނީ ކުޑަކޮށް ކުޅެލާފަ." ހަނާ ދިން ޖަވާބަކީ އެއީއެވެ.
ރިޒްވާނާއި ނާހިދަށް ވެސް ލިބުނީ ސިހުމެކެވެ. އިންސާނުންނަކީ ޖިންނިސައިތާނުން ކުޅެން ގެންގުޅޭ ބުދަކީ ހެއްޔެވެ؟ ނުވަތަ މަޖާ ކުޅިވަރަކީ ހެއްޔެވެ؟ އެހައި އަގު ދަށް ބަޔަކަށް އިންސާނުން ވީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާދާވެފައި ސާފެވެ. ޖިންނިސައިތާނުންނަށް އެ ބާރު ވެސް ދިނީ ސިހުރުވެރީންނެވެ. ސިހުރުވެރީންގެ މަގުސަދު ކާމިޔާބު ކުރުމަށް ޓަކައި އިންސާނުން ހަދިޔާކުރެއެވެ. ސިހުރު ޖައްސައި އިންސާނާގެ ލަގަން ޖިންނީންނާ ހަވާލުކުރެއެވެ. އެއީ ޖިންނިސައިތާނުން ކޮށްދޭ މަސައްކަތުގެ އުޖޫރައެވެ. އިންސާނުން އެ އުޖޫރަ ދެނީ، ދެން ވާނެ ގޮތަކާ މެދު ކުޑަކޮށް ވެސް ވިސްނައިލުމަކާ ނުލައެވެ. ފަހުން އެ ކަމާ ވެސް ކުރިމަތިލާން ފުރަތަމަ ސަފަށް ނުކުންނަން ޖެހެނީ ރާޤީންނެވެ. ޖިންނިސައިތާނުންގެ ބޮޑެތި ފައުޖުތައް ބަލިކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
"ކަލޭ ހާދަހާ ގޮތްކުޑައޭ ދޯ؟" ރުޅިއައިސްފައި އަނިލް ބުންޏެވެ. "އަހަރުމެން އިންސާނުންނަކީ ކަލޭ ކުޅެން ގެންގުޅޭ ބުދެއްތަ؟ ކަލޭ ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެ. އަހަރެން އަތުން ބޮނޑިއެއް ބޯން ކަލޭ ތި އުޅެނީ؟ އަނިޔާކޮށްލަންވީތަ؟"
"ތީ އެއްކަލަ ކަޑަވަނީޔޭ!" ހަނާ ވެސް ހިތްހަމަނުޖެހުނު ކަހަލައެވެ.
"ވަރިހަމަ ކިތަންމެ ކަޑަ ވިޔަސް،" ފަރުވާ ކުޑަ ގޮތަކަށް އަނިލް ބުނެލިއެވެ. "ކޮން ނަމެއް ކަލެއަށް ކިޔަނީ؟ ނަން ބުނޭ!"
ނަން ނުބުނަން "ހަނާ" ވިސްނި ކަހަލައެވެ. ނުވަތަ ނަން ބުނެގެން ލިބިދާނެ ދެރަޔަކާ މެދުގައި ޖިންނީންގެ މެދުގައި މަޝްވަރާއެއް ހިނގީއެވެ. އެއް ގޮތަކީ ނުބުނުމެވެ. އަނެއް ގޮތަކީ ކެރޭކަން އަންގަން ނަން ބުނުމެވެ.
"ދީޕޫ!" ފުރަތަމަ ފަހަރަށް "ހަނާ" ނަން ބުންޏެވެ.
"އައްޗި!" މަލާމާތުގެ ރާގަކަށް އަނިލް ބުނެލިއެވެ. "އަދި އިންޑިޔާ އެއްޗެއް ދޯ؟"
"އުހުނ!" ހަނާ އިންކާރު ކުރިއެވެ. "އިންޑިޔާއެއް ނޫން. އަހަރެންގެ ރަށަކީ އިތިއޮޕިޔާ!"
އެއީ ތެދަކަށް ވެދާނެއެވެ. ދޮގަކަށް ވެސް ވެދާނެއެވެ. ދެ ގޮތަށް ވެސް އަނިލް ވިސްނިއެވެ. ޖިންނިސައިތާނުން ދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތްގޮތް ހުރެއެވެ. އެ ކަމަށް އިތުރު ވަގުތުނަގާނެއެވެ. މުހިންމު ނޫން ކަންކަމަށް އިސްކަން ދޭކަށް އަނިލް ބޭނުމެއް ނޫނެވެ.
"ހާދަހާ ދުރަކުންނޭ ކަލޭ އައިސްގެން ތި އުޅެނީ،" ޝައްކު ކުރާ ކަހަލަ ރާގެއްގައި އަނިލް ބުންޏެވެ. "އިތިއޮޕިޔާ އެއީ ކޮން ހިސާބެއް. މީ ކޮން ހިސާބެއް."
އަނިލް ބުނި އެއްޗަކުން "ހަނާ" އަށް ފުން އަސަރުތަކެއް ކުރި ކަހަލައެވެ. އަޑުގައި ރިހުމެއް އުފެދުނު ކަހަލައެވެ.
"އަހަރެން ވެސް ތިހެން ބުނީމޭ. ނުދާށޭ ވެސް ބުނިން. އެކަމަކު އޭނަ އައީ މި ދިމާލަށް،" ކުރިން ނޭނގޭ ވާހަކައެއް ހަނާ ބުންޏެވެ. "ދެން އަހަރެން ވެސް ޖެހޭނީ އަންނާކަށްނު! ހޯދާހޯދާ މިހާރު ވަރުބަލިވެއްޖެ!"
"ކާކު ވާހަކައެއް ތި ދައްކަނީ؟" އަނިލް ސުވާލުކުރިއެވެ.
ނުނިމޭ