ޝަރީއަތްތައް ހިންގުމާ ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ޖުޑިޝަލް ކައުންސިލެއް ސުޕްރީމް ކޯޓުން މިއަދު އުފައްދައިފި އެވެ.
ޖުޑިޝަލް ކައުންސިލް އުފެއްދެވީ ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ގަރާރަކުންނެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއިކުރައްވައި، ނެރުއްވާފައިވާ އެ ގަރާރުގައިވާ ގޮތުން ޖުޑިޝަލް ކައުންސިލް އުފެއްދީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ފޯރަމެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށްވާތީ ކަމަށެވެ.
އެ ކައުންސިލް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ސުޕްރީމް ކޯޓުން އައްޔަންކުރާ ދެ މެޖިސްޓްރޭޓަކު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.
އެ ކައުންސިލް އުފެއްދުމުގެ އިތުރުން ކައުންސިލް ހިންގާ ގަވާއިދު ވެސް މިއަދު ވަނީ އާންމުކޮށް، އަމަލުކުރަން ފަށައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން އެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެވެ. އަދި އެ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ ތިން މަހުން އެއް މަހު ބާއްވަން ޖެހޭއިރު، ބައެއް ހާލަތްތަކުގައި ވެސް ޖަލްސާ ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ޖުޑިޝަލް ކައުންސިލުން ކަމެއް ފާސް ކުރެވޭނީ އެ ކައުންސިލްގެ ޖަލްސާގައި ހާޒިރުވެ، ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ތަންފީޒު ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކޯޓުތަކާ ބެހޭ ގާނޫނު 2010 ގައި ވުޖޫދަށް އައުމާ އެކު، އެ ގާނޫނުގެ ދަށުން ވެސް ޖުޑިޝަލް ކައުންސިލެއް އުފެދުނެވެ. އެކަމަކު ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކައުންސިލާ ބެހޭ ގޮތުން އެ ގާނޫނުގައި ހުރި މާއްދާތައް ބާތިލްކޮށް، އެ ކައުންސިލް ވެސް ބާތިލްކޮށްފަ އެވެ.