ލ. ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް 390 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި އެ ޕްރޮޖެކްޓާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކުން 10 މަސް ތެރޭގައި ނިިންމުމަށް ވަނީ ކަނޑައަޅައިފަ އެވެ. ޝޯ ޕްރޮޓެކްޝަން މަސައްކަތް ހަވާލުކުރީ އެއް އަހަރާއި 10 މަސް ތެރޭގައި ނިންމުމަށެވެ.

ޕްރޮޖެކްޓްގެ ދަށުން ހިއްކާ ބިމުގައި ކައްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް 2.4 ކިލޯމީޓަރުގެ ރަންވޭ އަކާއި އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލެއް ހަދާނެ އެވެ.

ސަރުކާރުން ނިންމާފައި ކައްދޫ އެއާޕޯޓް ބޮޑުކުރުމަށްޓަކައި 57 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 4،433 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖަހާނެ އެވެ.