ވަކީލް މަހްފޫޒް ސައީދު ބޮލަށް ވަޅިން ހަމަލާދިން މައްސަލާގައި، އޭނާ މަރާލަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ.
ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮޅަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ.
ޝަފްރާޒާއި ރާއިދުގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. ދެން ތިބި މީހުންގެ މައްޗަށް ކުރީ މަހްފޫޒަށް އެދުވަހު ފާރަލި ކަމަށް ބުނެ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ހުކުމުގައިވަނީ ހަމަލާދިން މަންޒަރު ފެނުނު ކަމަށް މަހްފޫޒް ފިޔަވައި އިތުރު ހެއްކަކު ބުނެފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހަ ހެކިވެރިން ކޯޓުގައި ހެކިބަސް ދީފައި ނުވާއިރު އެ މީހުންގެ ތަހުގީގު ބަޔާންތަކަށް ރިއާޔަތްކުރަން އެދުނަސް، ހުކުމުގައިވަނީ އެ ބަޔާންތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯތަކެއް ސްނެޕް ޝޮޓްތަކަކީ ވެސް އެ ހާދިސާ ހިނގި ސަރަހައްދާ މާ ދުރު ތަނަކުން ހުރި ކެމެރާއެއްގެ ސްނެޕް ޝޮޓްތަކެއް ކަމަށްވާތީ ހަމަލާދިން މަންޒަރު އެ ޝޮޓްތަކުން ނުފެނެ އެވެ. އަދި ހަމަލާދިން ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކުގެ އެނަލިސިސެއެއް ހަދާފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި މަހްފޫޒަށް ހަމަލާދިނީ ދައުވާލިބޭ ދެ މީހަކު ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އޮތަސް، އެ ރިޕޯޓަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ދައުވާލިބޭ ދެ މީހެއްގެ ފޯނު ކޯލް ޑީޓެއިލްސް ޗާޓުތަކެއް ދައުލަތުން ހުށަހެޅިޔަސް، ހުކުމުގައިވާ ގޮތުން އެ ތަކެތި ހޯދީ ކޯޓު އަމުރެއްގެ ދަށުންކަން އެނގެން ނެތުމުން އެ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ އެވެ. އަދި ދައުވާލިބޭ މީހުން އެކަމުގައި ބައިވެރިވި ކަމަށް މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނެތުމުންނާއި އަދި އެހެން ހެކިތަކަށް ބަލާއިރު ވެސް އެކަށީގެންވާ ހެއްކެއް ނެތުމުން ދައުވާލިބޭ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ އަލީ އާދަމް ކުރެއްވި އެވެ.