ލައިފްސްޓައިލް / މީހުން

ނަދީގެ ހަޔާތުގައި ބޮމްބޭ ޓީ ބޮއެ ބާގާ ކެއުމުގެ މަޖާގަނޑެއް ނެތް

ބޮމްބޭ ޓީގެ އެ ހޫނާއި ފޮނިކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި. އެކަނިވެރިވި ހަޔާތަށް ލޯތްބާއި އާރޯކަން ގެނެސްދިން.

ނަދީ ފޮޓޯއަކަށް ހުއްޓިލައިގެން. ބޮމްބޭޓީ ޓިކްޓޮކަށް ފަހު އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުވެއްޖެ

ވީކެންޑްގައި ތުރުކީ އަށް ގޮސް ބޮލުގައި އިސްތަށި އިންދައިގެން، ދުބާއީގެ ހިރަފުހުގައި ފޮޓޯނަގައި މަޖާކޮށް ފޯރިނެގިއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ތިޔައީ އަދި މުޅިން ކުށް ހީއެކެވެ. ސަބަބަކީ، ކެއްސަ ކެއްސާފައި ބޮމްބޭ ޓީ ބޮއެގެން 'ބާގާއެއް' ހުސްނުކޮށް މިއަދުގެ މަޖަލާއި ޓްރެންޑާ ގާތަކަށް ވެސް ނާދެވޭނެތީ އެވެ. މިއަދުގެ ހޮވުމަކީ އެއްވެސް ތައާރަފެއް ބޭނުމެއް ނުވާ، ލޯކަލް ޓިކްޓޮކްސްޓާ، އާދެ، ތިޔަ ބޭފުޅުންގެ 'ބޮމްބޭ ޓީ' އެވެ.

"ބޮމްބޭ ޓީ. ބޮމްބޭ ޓީ ބޯން އާދޭ. ބޮމްބޭ ޓީ ވަރަށް މީރު. ވަރަށް ހޫނު ދަރިފުޅާ. މިހިރީ ބޮމްބޭ ޓީ،" ޅ. ނައިފަރަށް އުފަން އުމުރުން 38 އަހަރުގެ ނަދީމާ މުހައްމަދު (ނަދީ) މި އަހަރުގެ ޖެނުއަރީ މަހު އޭނާގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓުކުރި 39 ސިކުންތުގެ ވީޑިއޯގައި ކީހާ ވެސް އެއްޗަކީ މިއެވެ.

އޭގައި އެއްވެސް ކަހަލަ ޓިކްޓޮކް ޓްރެންޑެއް، މެޗުކަޓް ޓްރާންސިޝަންތަކެއް، ހިމަ ނާރަށް އަސަރުކުރުވާ ކަހަލަ މިއުޒިކެއް އަދި އަމުދަކުން އެއްވެސް އެޑިޓެއް ވެސް ނެތެވެ. ނަމަވެސް، ދަރިފުޅު ކައިރީގައި ބަހައްޓައިގެން ބޮމްބޭ ޓީއެއް ބޯން އިނދެފައި ފޫހިވެގެން މަޖަލަކަށްކޮށްލި އެ ވީޑިއޯ ހަމަ ވަގުތުން ހިޓަކަށް ބަދަލުވީ އެވެ. ޓިކްޓޮކްގައި އުޅޭ ދިވެހިންގެ މެދުގައި އެކަންޏެއް ނޫނެވެ. މުޅި ރާއްޖެއަށެވެ. -- މުޅި ރާއްޖޭގައި ވެސް މިވަގުތު އެންމެ ފަސޭހައިން، އެންމެ އަވަހަށް 'ވައިރަލް' ވާ 'ޓިކްޓޮކް ސެލެބްރިޓީ' އަކަށް އޭނާ ބަދަލުކޮށް 'ބޮމްބޭ ޓީ' ގެ ވަނަމާއި ލަގަބު ވެސް ރަސްމީކޮށް އޭނާ އަށް ހަރުވެ ނިމުނީ އެވެ.

ނަދީ ފޮޓޯއަކަށް ހުއްޓިލައިގެން.

ބޮމްބޭ ޓީގެ އެ ހޫނާއި ފޮނިކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުކޮށްލައިފި އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު ކުއްލިއަކަށް 21،000 އަށް އަރާފައިވާއިރު އޭނާގެ ވީޑިއޯތަކަށް ލައްކައިން ދެ ލައްކައިން ވިއުސް ނުލިބޭ ފަހަރެއް މަދެވެ.

އެއަށް ފަހު، ކުއްލިއަކަށް ލިބުނު މި މަޝްހޫރު ކަމުގައި ހެވި ދިއްލިފައި ހުރި ތިން ކުދިންގެ މަންމަ ބުނަނީ މިހެންނެވެ.

"އަޅުގަނޑު މިވަރުގެ އުފަލެއް ނުވޭ ދުވަހަކުވެސް. ވަރަށް ވަރަށް އުފާވޭ ނުވެސް ދަންނަ މީހުން ވެސް އަޅުގަނޑަށް މެސެޖުކޮށް ސަޕޯޓްކޮށް ރަނގަޅު ކޮމެންޓްސް ދޭތީ. އަދި އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތް ބޮމްބޭޓީއޭ ގޮވިޔަސް. އަޅުގަނޑުގެ އެކުވެރިން ވެސް، މި ރަށު މީހުން ވެސް އަޅުގަނޑަށް މިހާރު ކިޔަނީ ހަމަ ބޮމްބޭޓީ،" ތިން ކުދިން ގޮވައިގެން ރަށުގައި ދިރިއުޅެމުން އަންނަ ސިންގަލް މަންމަ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނީ ޓިކްޓޮކް ވީޑިއޯތަކަކީ ފޫހިފިލުވާލަންކޮށްލާ ކަމެއް ކަމަށާއި މީހުންނަށް އެވަރަށް އޭނާގެ ވީޑިއޯތައް ކަމުދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އޭނާގެ ވީޑިއޯތައް ބަލައިގެން މީހުންނަށް އެވަރުގެ ބޮޑު އުފާވެރިކަމެއް ލިބޭއިރު އަމިއްލަ އަށް ކުޅެލާ މި ވީޑިއޯތައް ފެނުނީމަ އޭނާ އަށް ވެސް ހަމަ ނުހީ ނުހުރެވެ އެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ހިނި އާދޭ އެކަހަލަ މަޖާ އެއްޗެހި ލެވޭތީ. އަޅުގަނޑަކީ އަމިއްލަ ދިރިއުޅުމުގައި ވަރަށް މަޖާވާނެ. މަޖާކަންކަން ކުރާ ހިތްވާ މީހެއް. އަޅުގަނޑުގެ ބައްޕަ ވެސް ވަރަށް މަޖާވާނެ. ބުނެވިދާނެ ބައްޕަގެ އެ ސަކަ މިޒާޖޭ ގާތްގަނޑަކަށް ލިބިފައި މި ހުންނަނީ،" ނަދީ ބުންޏެވެ.

ނަދީގެ "ބާގާ" ޓިކްޓޮކް

ނަދީމާގެ ޓިކްޓޮކުން މިފަދަ އުފާވެރި، މަޖާ، ސަކަރާތާއި ފޯރި އޭނާގެ ބެލުންތެރިންނާ ހަމަ އަށް ގެނުވިޔަސް އޭނާގެ ހަޔާތުގެ އަސްލު ހަޔާތުގައި ކުޅެނީ ހިތްދަތި ރާގެކެވެ. ނުވަތަ އެންމެ ރަނގަޅުވާނީ މިހެން ބުނިއްޔާއެވެ. – ޓިކްޓޮކް ކުޅެން ފަށަންދެން އޭނާގެ ހަޔާތުގައި ކުޅެމުން ދިޔައީ ވަރަށް ހިތާމަވެރި ރާގެކެވެ.

ނަދީގެ ސަކަ މިޒާޖު އޭނާ އަށް 'ހަދިޔާކުރި' އޭނާގެ ބައްޕަ މިއަދަކު ދުނިޔޭގައި ނެތެވެ. މަންމަ ވެސް ވަނީ މީގެ ދެ އަހަރު ކުރިން ނިއާވެފަ އެވެ. އަދި ތިން ކައިވެނިކޮށް ކުދިން ލިބި އެ ކައިވެނިތައް ރޫޅިފައިވާއިރު ކުދިން ގޮވައިގެން ބައްޕަގެ ގޯތީގައި ދިރިއުޅެމުން އަންނަނީ ދަތިކޮށެވެ.

ނަމަވެސް ނަދީ ބުނީ އޭނާގެ މި ހާލަތަށް އެއްވެސް މީހެއްގެ ސިމްޕަތީއެއް ބޭނުމެއް ނުވާ ކަމަށެވެ. އަދި އުފަލާއި ހިތްހަމަޖެހުމަށް ކޮށްލާ ޓިކްޓޮކަކާ ގުޅިގެން ބައެއް މީހުން އޭނާ 'މޮޔައަކަށް ހަދައި' އޭނާ އަށް 'މަލާމާތްކުރިޔަސް' އެ ފާޑުކިޔުންތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ފާޑުކިޔާ މީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. ފާޑުކިޔުމަކީ ކުރިއެރުމެއްތާ. އެކަމަކު އަޅުގަނޑު މިކަމެއް ކުރަނީ މީހުން ކިޔާ އެއްޗަކަށް ބަލައިގެނެއް ނޫން. އަނެއްކޮޅުން ވަރަށް ގިނަ މީހުންގެ ފަރާތުން ލޯބި ވެސް ލިބޭ. ރަށު މީހުން ވެސް ވަރަށް ސަޕޯޓްކުރޭ،" ނަދީ ކިޔައިދިނެވެ.

އޭނާ ބުނާ ގޮތުން ނަމަ ޓިކްޓޮކް ކުޅެން ފެށުމަކީ ހަގީގަތުގައި ވެސް އޭނާގެ ދިރިއުޅުމުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ. ވަކިން ހާއްސަކޮށް އޭނާގެ ހަޔާތަށް ކުރިން ވެރިވެފައި އޮތް ހިތާމަ އާއި މާޔޫސްކަމަށް ފިލައިގެންދާ ހުޅުވުނު ދޮރެކެވެ. އޭނާ ބުނަނީ ޓިކްޓޮކަކީ އޭނާގެ އެކަނިވެރި ހިތްދަތި ދިރިއުޅުން ބަދަލުކޮށްލި އައު ދުނިޔެއެއް ނުވަތަ އެހެން ޕޯޓަލްއެއް ކަމަށެވެ. – ލޯބީގައި ހިތްހަލާކުވެފައި ހުއްޓައި ލޯބީގައި އަލުން ޖެއްސި ހަޔާތުގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ނަދީގެ 'ބޮމްބޭޓީ' ޓިކްޓޮކް

"އަޅުގަނޑު ކުރިން ވެސް ޓިކްޓޮކް ދަންނަން. އެކަމަކު މިގޮތަށް އަޅުގަނޑު ޓިކްޓޮކް ކުޅެ ވީޑިއޯލާން ފެށީ ކައިވެނި ރޫޅުނު ދުވަހުން ފެށިގެން. ވަރިކުރި ދުވަހުން ފެށިގެން އަޅުގަނޑު ޓިކްޓޮކަށް ވަންނަން ފެށީ. ހަމަ ހިތްހަމަ ޖައްސާލަންވެގެން ޓިކްޓޮކް ކުޅެލަނީ،" އެއްވެސް ޕްލޭންކުރުމެއް ނެތި ޖެހުނު ގޮތަކަށް، ޖެހުނު ތާކުން ގެނެސްދެމުން އަންނަ ޓިކްޓޮކްގެ ސިލްސިލާ ފެށުނު ގޮތް ކިޔައިދެމުން ނަދީ ބުންޏެވެ.

އޭނާ ބުނަނީ އޭނާގެ ޓިކްޓޮކްތައް އޭނާ އާއި އަދި އެހެން މީހުންނަށް "މަޖާވިޔަސް" ޓިކްޓޮކް ކުޅެނީ ކޮންމެހެން މަޖާވުމުގެ ބޭނުމުގައެއް ނޫނެވެ.

"ފޫހިފިލުވާލައި ހިތްހަމަޖައްސާލަން ކަމުގައިވިޔަސް މަޖާ ސަކަރާތަކަށް ނޫނޭ ނަދީ ޓިކްޓޮކް ކުޅެނީ. ކުރީގެ ހިތްދަތި ދިރިއުޅުމުގެ ހަނދާން ނައްތާލުން، އެއީ އެންމެ ބޮޑު ބޭނުމަކީ. ކުރީގެ އަސްލު މަޖާ ނަދީގެ ކެރެކްޓާ އާއި ދިރިއުޅުމަށް އަލުން ގެންގޮސްދޭ ތަނަކަށް ޓިކްޓޮކްވެފައި ވަނީ،" ނަދީ ބުންޏެވެ.

އެކަމަކު ދެން މި އޮތީ ފަހަރެއްގައި ނަދީގެ ފޭނުންނަށް 'އެ މީހުންގެ ޓިކްޓޮކް ހަޔާތުގައި' ވެސް ލިބޭނެ އެންމެ ހިތާމަވެރި ޚަބަރެވެ. އަދި ޓިކްޓޮކާއި ނަދީއާ ދެމެދު އޮތް ހިތާއިހިތުގެ ގުޅުމަށް އަންނަ އެންމެ ބޮޑު ޓްވިސްޓަށް ވެސް ފަހަރުގައި ވެދާނެ އެވެ. ސަބަބަކީ ޓިކްޓޮކަށް ވުރެ ބޮޑު ލޯތްބެއް އެންމެފަހުން އޭނާގެ ހަޔާތަށް މިއަދު އައިސްފައިވާތީ އެވެ.

އެއީ ޓިކްޓޮކުން ދިމާވެ، ފެނިދެނިވެ ރައްޓެހިވެ އެންމެފަހުން މިހާރު އިންނަން ރަންކިޔައި ތައްޔާރުވެފައިވާ އޭނާގެ އާ ލޯބިވެރިޔާ އަހުމަދު އެވެ.

@nadhyy5 #duet with @fulhubeali7 @fulhubeali7 ♬ original sound - Ali Sham

ނަދީ އާއި އޭނާގެ ލޯބިވެރިޔާ އަހުމަދުގެ ޑުއެޓް ޓިކްޓޮކެއް

"އަހުމަދުއާ ދިމާވީ ޓިކްޓޮކް ލައިވަކުން އެއް ދުވަހަކު. ވަރަށް ސަޕޯޓިވް، ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް އަހުމަދަކީ. އެހެންވީމަ އަޅުގަނޑު ގަސްދުމިކުރަނީ އަހުމަދާ އިނދެފަ ޓިކްޓޮކް ކުޅުން ހުއްޓާލަން،" ނަދީ ބުންޏެވެ.

އޭނާ ބުނީ އެކުގައި އުފަލުގައި އުޅޭނެ ކަމުގެ ޔަގީންކަންދޭ ބައިވެރިޔާ އަށް ވުރެ ޓިކްޓޮކް އޭނާ އަށް މުހިންމެއް ނުވާނެ ކަމަށެވެ. އަދި ޓިކްޓޮކް ކުޅުމާ އޭނާ ދުރަށް ދިއުމަކީ އަހުމަދު އާއި އަހުމަދުގެ އާއިލާގެ ވެސް އެދުމެއް ކަމަށްވާތީ އެ މީހުންނަށްޓަކައި ވެސް ޓިކްޓޮކާ ދުރުވާން މިހާރު ނިންމާފައިވާ ކަމަށް ބުންޏެވެ.

"އަޅުގަނޑު މިހާރު ކުރިން ޓިކްޓޮކަށް ވީޑިއޯލާ ގޮތަކަށް ކޮންމެ ދުވަހަކު އެހާ ގިނައިން ވީޑިއޯ ވެސް ނުލަން. އަނެއްކޮޅުން އަހުމަދުގެ އާއިލާއަކީ ވަރަށް ރަނގަޅު އާއިލާއެއް. އެ މީހުން އެދުނީމަ އަޅުގަނޑު ވެސް ބޭނުން ޓިކްޓޮކްކުޅުން ހުއްޓާލަން،" ނަދީ ބުންޏެވެ.

އެކަމަކު އަހުމަދު ވެސް ނަދީއާ އެއްވަރަކަށް ޓިކްޓޮކް ކުޅެ އެވެ. ރިސޯޓެއްގައި ވަޒީފާއަދާކުރާ އަހުމަދު އެންމެ ގިނައިން ކުޅެފައި ހުންނަނީ އޭނާގެ ހިތުގައި ނަދީ އަށް އޮތް ލޯބި ސިފަކޮށްދޭ، ލޯބީގެ އަސަރުގަދަ ޓިކްޓޮކެވެ.

"އަޅުގަނޑުގެ އަންހެން ކޮއްކޮ އާއި ފިރިހެން ކޮއްކޮ ވެސް ވަރަށް ހިތްހަމަނުޖެހޭ އަޅުގަނޑު ޓިކްޓޮކް ކުޅުނީމަ. އެކަމަކު އަޅުގަނޑު ހިތްހަމަ ޖައްސާލަން ކުރާހިތްވާވަރުން ޓިކްޓޮކް މި ކުޅެނީ،" ނަދީ ބުންޏެވެ.

"އަޅުގަނޑުގެ ދިރިއުޅުން އަޅުގަނޑަށް ވަރަށް ހިތްދަތި. އަމިއްލަ ދިރިއުޅުމުގައި ލިބިފައި ހުރީ ހިތި ތަޖުރިބާ. އެ ހިތިތަޖުރިބާއާ ދުރަށް ދެވޭނީ ވެސް މިކަހަލަ ގޮތަކަށް ފޫހިވެސް ފިލުވާލެވިގެންތާ."

ނަމަވެސް ލޯތްބަށް ޓިކްޓޮކް ގުރުބާންކޮށްލަން އޭނާ މިހާރު އެހެރީ ތައްޔާރުވެފަ އެވެ.

"އުފާވެރި ޒަވާޖީ ހަޔާތަކަށް އެދޭތީ ޓިކްޓޮކް ކުޅުން ހުއްޓާލަން މި ވިސްނަނީ. އަޅުގަނޑު ބޭނުން މުޅި އުމުރަށް ވެސް އުފަލުގައި އުޅެން،" ނަދީ ބުނެލި އެވެ.

ނަދީ އާއި އޭނާގެ ލޯބިވެރިޔާ އަހުމަދުގެ ޑުއެޓް ޓިކްޓޮކެއް

އެއީ ތެދެކެވެ. ޓިކްޓޮކް އޭނާ އަށް ގެނެސްދިނީ އަހުމަދެވެ. އަހުމަދު އޭނާގެ ހަޔާތަށް ގެނެސްދެނީ އުފަލާއި ހިތްހަމަޖެހުމާއި އުޖާލާ މުސްތަގުބަލެއްގެ ފޮނި ހުވަފެނެވެ. އެހެންވެ ހިތާ ދެކޮޅަށް ނަމަވެސް ޓިކްޓޮކަށް ޓާޓާ ނުކިޔަންވީ ސަބަބެއް ނެތެވެ.

ނަމަވެސް ނަދީމާ އަހުމަދު ގެނެސްދިން "ބޮމްބޭ ޓީ" އާއި "ބާގާ" އެއްފަހަރާ ދިރުވާލައިގެން ވެސް އަހަރެމެން ކޮށި ނާރާނެކަން ޔަގީނެވެ.

"ހޫނނމމމމ މީރު ރަހަ. ކެއްސި ކެއްސިހެން ހަމަ ބާގާ ކާ ހިތްވަނީ،" ބަލިވެ އުޅުނު ދުވަހެއްގައި މާ ގަދަ އަށް ބާގާ ކާ ހިތްވެގެން އޯޑަރުކުރި ބާގާއާ އެކު ކުޅުނު ވީޑިއޯގައި ނަދީ ބުނެލި އެވެ. މި ޓިކްޓޮކް ވެސް މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު އެއީ އެއް ލައްކަ ހިނިތުންވުމެވެ.

18 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 1%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަަަައަަބުދޯ ޖާބެ

20 March 2022

ނަދީ.......މައި ލަވް

The name is already taken The name is available. Register?

ޓިނުބެ

20 March 2022

ނަދީއަށް ފާގަތި މުސްތަގްބަލަކަށް އެދެން. ހަގީގަތުގައި ނަދީ އެ ސާބިތުކޮށްދިނީ އޮރިޔާން ނުވެވެސް ޓިކްޓޮކް ކުޅެވޭނެކަން. ސާބަސް ނަދީ

The name is already taken The name is available. Register?

ސޯފީ

20 March 2022

ނަދީ ވަރެއް ނެތް….

The name is already taken The name is available. Register?

އަނީ

20 March 2022

ނަދީ އަކީ ލެޖެންޑެއް.

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

20 March 2022

ޅ. ނައިފަރާ ހިންނަވަރަކީ ވަރަށް ހުނަރުވެރިމީހުން އުޅޭ ދެރަށް.

The name is already taken The name is available. Register?

ފުޅުބެ އެންޓިފޭން

20 March 2022

ނަދީ ހުއްޓާލައިފިއްޔާ އަހުމަދުވެސް ޖެހޭނީ ހުއްޓާލަން.

The name is already taken The name is available. Register?

ނިމްބޫ

20 March 2022

ފުޅުބޭ ހަބޭސް.

The name is already taken The name is available. Register?

ފުޅުބެ

20 March 2022

ނޫން ނަދީ ޓިކްޓޮކް ކުޅުން ނުހުއްޓާތި.. އަހަރެން މަރުވެދާނެ.. މައި ފޭވް

The name is already taken The name is available. Register?

ފުޅުބެގެ ޕްރިންސެސް ނަދީ

20 March 2022

އިނީމަ ދެން ފުޅުބެ މީހެއްނު މިއީ ދެން މަގެ ޖާން.

The name is already taken The name is available. Register?

ބަޗަން

20 March 2022

އާނ ޗަކޮޔާ. ޗަކަން އަވަހަށް ލަސް ނުކޮށް ހުއްޓޭލޭ. މިޔޮއް ބޯމަތިވަނީ ރޯދަ މަސް. އަޅުކަމާ އުޅުނިއްޔާ ޗަކޮޔަށް ފޭދާ ވާނީ.

The name is already taken The name is available. Register?

ޗަކޮޔާ

20 March 2022

މަވެސް ބޭނުން ޗަހެން ވާހަކަ ދައްކަން..ނޭފަރު ބަސް، ދަސްކޮށްދީބަލަ..

The name is already taken The name is available. Register?

ނެކޭ

20 March 2022

ނަދީ، ނެހީ ނެހީ ، ނަދީ އާއި ފުޅުބެގެ ކަޕަލް ފީލް ޓިކްޓޮކް ބޭނުމޯ ނަކުވާ ބުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454