އަންނަ އޭޕްރީމް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ހޭލުންތެރިކުރަން ޓިކްޓޮކް މުބާރާތެއް ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ބައިވެރިވާން މިހާރު ހުޅުވާލާފައިވާ އެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ރަށުގެ ކުރިމަގު" ޓިކްޓޮކް މުބާރާތް ނަމުގަ އެވެ. އީސީން ވަނީ އެ މުބާރާތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ.އެ އުސޫލުގައި ބުނާގޮތުން ޓިކްޓޮކް މުބާރާތެއް ބާއްވަނީ އިންތިހާބަށް އާންމުން ހޭލުންތެރި ކުރުމަށެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ އެ މުބާރާތަށް ކަނޑައަޅާފައިވާ މައުލޫތަކަކީ:

  1. ވޯޓުލުމަށް ބޭނުން ކުރާ ރަސްމީ ލިޔުންތައް
  2. އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން
  3. ރަށު/ސިޓީއަށް ހާއްސަ އިންތިހާބުގައި ވޯޓުލުމުގެ މުހިންމުކަން
  4. އިންތިހާބު ދުވަސްވަރު ރަނގަޅަށް މައުލޫމާތު ފޯރުކޮށްދިނުމާއި އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މުހިންމުކަން

އީސީން ވަނީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2:00ގެ ކުރިން ވީޑިއޯ ހަދައި ނިންމައި، 7871414 އަށް ޓެލެގްރާމް ކުރުމަށް އެދިފަ އެވެ.

މުބާރާތުގެ ވަނަތައް:

  1. އެއް ވަނައަށް: 5000ރ. 
  2. ދެ ވަނައަށް: 3000ރ.
  3. ތިން ވަނައަށް: 2000ރ.