94 ވަނަ އޮސްކާ އެވޯޑް ހަފުލާގައި އެމެރިކާގެ އެކްޓަރު ވިލް ސްމިތު ބެސްޓް އެކްޓަރު އިން ލީޑިން ރޯލް "ކިންގް ރިޗަޑް" އަށް ލިބުނު އެވޯޑާއެކު -- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2022 - 06:39
އޮސްކާ އެވޯޑް އިންތިޒާމުކުރާ ދަ އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްގެ މެމްބަރު ކަމުން އެމެރިކާގެ އެކްޓަރު ވިލް ސްމިތު މިއަދު އިސްތިއުފާ ދީފި އެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެރައިޓީން ވިލްގެ ސްޓޭޓްމަންޓަކާ ހަވާލާދީ ބުނީ، އެންމެފަހުން ބޭއްވި އޮސްކާ އެވޯޑް ހަފުލާގައި އެމެރިކާގެ ކޮމީޑިއަން ކްރިސް ރޮކްގެ މޫނުމަތީގައި އޭނާ ޖެހި މައްސަލައިގައި ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށް އޭނާ ގަބޫލުކޮށް، އެކެޑަމީގެ މެމްބަރުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
"އެކެޑަމީން އަހަންނަށް ކުރި އިތުބާރު ގެއްލިއްޖެ. އަހަރެންގެ ސަބަބުން އެ އެވޯޑަށް ނޮމިނޭޓްވި މީހުންނާއި އެވޯޑް ލިބުނު މީހުންނަށް އެމީހުންގެ ކާމިޔާބީ ފާހަގަކުރަން ލިބުނު ފުރުސަތަށް ވެސް ހުރަސް އެޅިއްޖެ،" ވިލްގެ ސްޓޭޓްމަންޓްގައި ބުންޏެވެ.
އޮސްކާސް ލައިވް ޓެލެކާސްޓުގެ ތެރެއިން ވިލް ސުމިތު ގޮސް ކްރިސް ރޮކް މޫނު މަތީގައި ޖަހަނީ -- ފޮޓޯ: އޭއެފްޕީ
"އެހެންވެ، އަހަރެން އެކެޑަމީގެ މެމްބަރުކަމުން އިސްތިއުފާ ދޭން ނިންމައި އަދި އަހަންނާ މެދު އަޅާ ފިޔަވަޅަކަށް ބޯލަބާނަން."
ވިލްގެ އެ ނިންމުން އައިސްފައި ވަނީ ރޮކްގެ މޫނުމަތީގައި ޖެހި މައްސަލައިގެ ތަހުގީގެއް އެކެޑަމީން ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައިގައި އެކެޑަމީން ނިންމާ ގޮތެއް އިއުލާންކުރުން އޮތީ މި މަހު 11 ގަ އެވެ.
އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެ، ސްމިތު ސްޓޭޖަށް އަރައި ކްރިސްގެ ކޯމަތީގައި ޖެހި އެވެ.
ރޮކް ވަނީ ސްމިތުއާ ދެކޮޅަށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް، އެކެޑަމީން އިން ބުނީ އެ މައްސަލަ ރިވިއުކުރާނެ ކަމަށެވެ. އެއީ އެ އެވޯޑުގެ ދިގު ތާރީހުގައި ދުވަހަކު ވެސް ހިނގާފައިނުވާ ކަހަލަ ބޭއަދަބީ ކަމެއް ކަމަށް އެކެޑަމީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
02 April 2022
ފިލްމުކުޅުންވެސް ހުއްޓާލާ ދުރަށްދޭ އަހަރެެމެންބޭނުމެއްނޫން ތިކަހަލަމީހުން އުޅޭފިލްމުބަލާކަށް އަދި އަހަރެމެންގެ ދަރިންބެލިޔަދޭކަން، ލިބުނު އެވޯޑުވެސް އަތުލަންޖެހޭ އެހެންނޫނީ ތިޔައެވޯޑުގެ އެއްވެސް އަގެއްނެތް، ފިލްމުތަކުގައި އެފެންނަނީ އެކުޓިންގ، މިހެން ހިނގާ ހާދިސާއަކުން މީހާގެ އަސްލުސިފަ މިހާމަވަނީ، މާފައްއެދެމޭކިޔައިގެންވެސް ތީހަމަ ފޭކު ސުމެއްގެމީހެއް
ދިވެހިފަޚުރު
02 April 2022
ދިވެހިން ކިޔާނެ ރީތިގޮތަކީ ކޯތާފަތް - ކޯމަތިނޫން.