ކުޑަކުއްޖަކު އުފަންދުވަސް ފާހަގަކުރަން ބޭނުންވީ ފަގީރުންނާ އެކު

އެމެރިކާ ކުއްޖެއް ކަމަށްވާ، އަރްމާނީ ކްރޫޒްގެ ހަ ވަނަ އުފަން ދުވަސް ފާހަގަކުރަން ޕާޓީއެއް ބާއްވާކަށް ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވީ ޕާޓީއަށް ޚަރަދުކުރަން ނިންމާފައިވާ ފައިސާއިން ކާއެއްޗެހި ގަނެ، މަގުމަތީގައި އުޅޭ ގެދޮރުނެތް ފަގީރު ކުދިންނަށް ކާންދޭށެވެ.


ޕާޓީއަށް އާއިލާއިން ޚަރަދުކުރަން ނިންމާފައި އޮތީ 300 ޑޮލަރެވެ. އަރްމާނީ އެ ފައިސާ އަތުލި އެވެ. އަދި ފަގީރުންނަށް ކާންދޭން އެއްޗެހި ގަތެވެ. އަރުމާނީގެ މި އިސްނެގުމަށް ތާއީދުކުރި ބަޔަކު ވެސް ކާތަކެތި ހަދިޔާކުރި އެވެ. އެ ތަކެތިން އުފަން ދުވަހު 125 މީހަކަށް ކާންދީގެން ހިތްހަމަޖެހުން ހޯދި އެވެ.

އޭބީސީ ނިއުސްއާ ވާހަކަ ދައްކަމުން އަރްމާނީ ބުނީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

އަރްމާނީގެ މަންމަ އަރްތިޝާ ކްރޫ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ފަގީރުންނަށް ކާންދޭހިތުން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެންމެ ފުރަތަމަ އޭނާ އާއި ފިރިމީހާ އެންޓޮއިން ހީކުރީ އެއީ އަރްމާނީ މަޖަލަކަށް ދައްކާ ވާހަކައެއް ކަމަށެވެ. މީގެ ކުރިން ވެސް މައިންބަފައިންގެ ހުއްދައާ އެކު ސޭންޑްވިޗް ފަދަ އެއްޗެހި ވެސް އަރްމާނީ ފަގީރުކުދިންނަށް ދޭ ކަމަށް މަންމަ ބުންޏެވެ.

ސޭންޑްވިޗް ފަދަ އެއްޗެތި ދިނުމަކުން ވެސް އަރްމާނީ ހިތްހަމައެއް ނުޖެހެ އެވެ. އެއަށް ވުރެ ގިނައިން އެކުދިންނަށް އެހީތެރިވާން ބޭނުންވެ އެވެ. އެހެންވެ އުފަން ދުވަހުވެސް ފަގީރުންނަށް ކާންދޭން އަރްމާނީ ބޭނުންވީ އެވެ. އޭނާގެ މަންމަ ބުނީ އުފަން ދުވަހު އެ ނޫން ކަމެއް ކުރަން އަރްމާނީ އެއްބަސް ނުވި ކަމަށެވެ.

"ޕާޓީ ނުބާއްވައިފި ނަމަ އެއްވެސް ހަދިޔާއެއް ވެސް ނުލިބޭނެ ކަމަށް އަރްމާނީގެ ބައްޕަ އޭނާއަށް ހަނދާން ކޮށްދިން. އެކަމަކު އޭނާ ބޭނުންވީ ޕާޓީ ބާއްވަން ހުރި ފައިސާއިން ފަގީރުންނަށް ކާންދޭން،" އަރްމާނީގެ މަންމަ ބުންޏެވެ.

އަރްމާނީ ވަނީ ކާތަކެތީގެ އިތުރުން، ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ވެސް ފަގީރުންނަށް ހަދިޔާކޮށްފަ އެވެ.