ބައިނަލްއަގުވާމީ އީކޮމާސް އަކީ މުދާ ވިއްކާ މީހާ އަށް، ގަންނަ މީހާ ފައިސާ ދެއްކުމާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. އެކި ގައުމުތައް ގުޅިފައިވާ ވިޔަފާރީގެ މި ނިޒާމަކީ އޭގެ ރައްކާތެރިކަމާއި ޔަގީންކަން ކަށަވަރު ކުރުމަށް އެތައް ކަމެއް ހިމެނޭ ވިއުގައެކެވެ. ގަންނަ މުދަލުގެ އަގަށް ވުރެ އިތުރަށް ހަރަދުތަކެއް ހިނގަ އެވެ. އެއީ މި މުޅި ނިޒާމު ފުރިހަމަކުރުމަށް ބޭނުންވާ ވަސީލަތްތަކަށެވެ. 

މުޅި ދުނިޔެ ގުޅިފައިވާ ވިޔަފާރީގެ މި ނިޒާމުގައި މާލީ މުއައްސަސާތަކުން އެތައް ކަމަކަށް އިންވެސްޓުކުރަން ޖެހެ އެވެ. 

•⁠ ⁠ޕޭމަންޓް އިންފްރާސްޓްރަކްޗާ: ތަފާތު ގައުމުތަކާއި ވަގުތުތަކުގައި އިތުބާރާ އެކު މަސައްކަތްކުރާ ނިޒާމެއް ގާއިމުކުރުމަށް.

•⁠ ⁠ސައިބާ ލިކުއިޑިޓީ މެނޭޖްމަންޓް ނިޒާމުތައް: ތަފާތު ފައިސާތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް.

•⁠ ⁠ސެކިއުރިޓީ ނިޒާމުތައް: މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކާއި ހަމަލާތަކުން ރައްކާތެރިވުމަށް.

•⁠ ⁠ކޮމްޕްލަޔަންސް އޮނިގަނޑުތައް: މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތް ކުރުމާއި ސެންކްޝަންތަކާ (ދަތިކުރުމުގެ ފިޔަވަޅު) ގުޅޭ ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަމަލުކުރުމަށް.

މިފަދަ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތަކުގައި އިތުބާރާއި ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. މި ކަންކަމަށް ހިނގާ ހިންގުމުގެ ހަރަދުތަކާއި ރެގިއުލޭޓަރީ ޑިމާންޑްތަކުގެ ސަބަބުން، އެއްވެސް ހަރަދަކާ ނުލައި ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަކީ ކުރިން ދެންނެވިހެން ކުރެވޭނެ ކަމެއް ނޫނެވެ. މި ނިޒާމަށް ބަލާއިރު، ބައިނަލްއަގުވާމީ އީކޮމާސް މުއާމަލާތްތަކާ ގުޅިފައިވާ ފީތަކަކީ ހަމައެކަނި އެއް މުއައްސަސާއަކަށް ލިބޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މި ފީތައް ބެހިގެންވަނީ މުޅި ޕޭމަންޓް ޗެއިންގެ ތެރެއަށެވެ.

ދިވެހިރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތައް

އީކޮމާސްގެ އޮނިގަނޑަށް ހިނގާ ހަރަދުތައް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި މާ ބޮޑަށް ފާހަގަކުރެވެ އެވެ. އާބާދީ ކުޑަ ނަމަވެސް، ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި އީކޮމާސްގެ ޚިދުމަތްދޭ ބޭންކް އޮފް މޯލްޑިވްސްގެ ރެކޯޑްތައް ދައްކާ ގޮތުން ހަމައެކަނި އެ ބޭންކް މެދުވެރިކޮށް، ރުފިޔާ އެކައުންޓުން ކާޑު ބޭނުންކޮށްގެން މަހަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އީކޮމާސް މުއާމަލާތް ކުރެ އެވެ. މާނައަކީ ބީއެމްއެލް އިން ކަސްޓަމަރުން ރުފިޔާ އިން ކުރާ ހަރަދު ޑޮލަރަށް ބަދަލުކޮށް، އެ ފައިސާ ރާއްޖެ އިން ބޭރަށް ފޮނުވައިދިނުމުގެ މަސްއޫލިއްޔަތު އަދާކޮށްދޭ ކަމެވެ.

ދުނިޔޭގެ ބައެއް މަޝްހޫރު އީކޮމާސް ސައިޓްތަކަށް، އާބާދީއާ އަޅާބަލާއިރު ރާއްޖެ އަކީ އެ ސައިޓްތަކުގެ އެންމެ ލޯޔަލް ކަސްޓަމަރުން ތިބި ތަނެވެ. އެންމެ ރަނގަޅަށް މުއާމަލާތްތައް ހިންގާ އެއް ގައުމެވެ. މިކަމުގެ ސަބަބުން އެ ވިޔަފާރިތަކުގެ ޓާގެޓް މާކެޓަކަށް ރާއްޖެ ވަނީ ވެފަ އެވެ. މިއީ ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރި ހިންގާ ސައިޓްތަކަށް ރާއްޖެ ބަރާބަރުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ކުރިން މި ބުނި މިންވަރަށް މުއާމަލާތްތައް ހިންގުމަކީ ރާއްޖޭގެ މާލީ މުއައްސަސާތަކަށް، ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް އަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ބޭރުގެ ކޮންމެ ފައިސާގެ މުއާމަލާތަކަށް ބޭރު ފައިސާ ބޭނުންވާއިރު، ބީއެމްއެލް އަށް ޑޮލަރު ވިއްކޭނީ އެ ބޭންކަށް ޑޮލަރު ގަންނަން ނުވަތަ މާރުކުރަން ލިބޭ މިންވަރަކަށެވެ. މީގެ އިތުރުން މާލީ ނިޒާމުގެ ހަމަޖެހުން ހިފަހައްޓާ އުސޫލުތައް ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާޑު ނެޓްވާކްތަކާއި ޕާޓްނަރުންނާ އެކު އަދާކުރަންޖެހޭ ފައިސާގެ ކޮމިޓްމަންޓްތައް ފުރިހަމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭން ޖެހެ އެވެ.

މާލީ ބާޒާރުތައް ފުޅާ ބޮޑެތި އިގްތިސާދުތަކާ ހިލާފަށް، ރާއްޖެ ފަދަ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކުޑަ ގައުމަކުން ބޭރަށް ފޮނުވާ ފައިސާގެ މިންވަރާއި އަތުގައި ހުރި ބޭރު ފައިސާގެ ވަސީލަތްތަކާ ދެމެދު ވަރަށް ފަރުވާތެރިކަމާ އެކު ބެލެންސް ހިފަހައްޓަންޖެހެ އެވެ. މީގެ ސަބަބުން ކުރެވޭ ކޮންމެ މުއާމަލާތަކަށް އިތުރު އުނދަގޫތަކާއި ޚަރަދުތަކެއް ވެސް ކުރަންޖެހެ އެވެ.

ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބީއެމްއެލްއިން ފީ ނަގާ އުސޫލު؛

•⁠ ⁠ތައުލީމާއި ބޭސްފަރުވާ ހޯދުން ފަދަ މުހިންމު ބޭނުންތަކަށް ފައިސާ ދެއްކުން ( ފަސް ޕަސެންޓާ ހަމައަށް)

•⁠ ⁠އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބޮޑެތި އަދަދުތަކުން ވިޔަފާރީގެ ބޭނުމަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ޓީމޫ ފަދަ ލިސްޓްކޮށްފައިވާ ސައިޓްތަކުން (30 ޕަސެންޓާ ހަމައަށް)

•⁠ ⁠އެހެނިހެން މުދަަލާއި ހިދުމަތަށް ފައިސާ ދެއްކުމުން (10 ޕަސެންޓާ ހަމައަށް)

އީކޮމާސް: ފަސޭހަ، އެހެނަސް ދަމަހައްޓަން ހަރަދު ހިނގާ ނިޒާމެއް.

ބައިނަލްއަގުވާމީ އީކޮމާސް ބިނާވެފައިވަނީ އެކި ގައުމުތަކުގެ މާލީ ނިޒާމުތަކާއި ގަވާއިދުތަކާއި އަދި ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ މައްޗަށެވެ.

ކޮންމެ މުއާމަލާތަކީ ހަމައެކަނި ޑިޖިޓަލް ބަދަލުކުރުމެއް ނޫނެވެ. އެއީ އެކި ގައުމުތަކުގެ ގިނަ ފަރާތްތަކެއް ގުޅިގެން ހިންގާ ވަރަށް ބޮޑު މަސައްކަތެކެވެ. އެހެންކަމުން، މި ހަރަދުތަކަކީ އިއްތިފާގަކުން ކުރިމަތިވާ ކަންކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އޮންލައިން ވިޔަފާރި ރައްކާތެރިކަމާ އެކު އަދި ހަރުދަނާކޮށް ހިންގުމަށްޓަކައި އެކުލަވާލެވިފައިވާ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި ސެކިއުރިޓީ ކަށަވަރު ކުރުމަށާއި އަދި އިގުތިސާދީ ރައްކާތެރިކަމަށްޓަކައި ކުރާ ހަރަދަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ހަރަދުތައް މުޅިން ނައްތާލުމަކީ އެ ނިޒާމު ރޫޅާލުމެވެ.