ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ، އެކަކު އަނެކަކާ އޮންނަ ގުޅުންތައް ބަދަހި މުޖުތަމައަކަށްވީ ނަމަވެސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތީ އިސްލާހީ ބޮޑު މަސްއޫލިއްޔަތެކެވެ. މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހަމަ މަގަށް އެޅުވުމާއި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަގުކޮށުމާއި ފާލުން ނެއްޓިފައިވާ ސިޔާސީ ޒިންމާދާރުކަން އަލުން އިއާދަކުރުމަކީ މިއަދު ގައުމު ބޭނުންވާ އެންމެ މުހިންމު ބަދަލެވެ.
ޝައްކެއް ވެސް ނެތް ގޮތުގައި، މީގެ 17 އަހަރު ކުރިން ތަސްދީގުކުރި 2008 ގެ ގާނޫނުއަސާސީއަކީ ދިވެހިންނަށް ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަހަމަކަމުގެ ފޮނި އުއްމީދުތައް ގެނެސްދިން ބިންގަލެވެ.
ދައުލަތުގެ ހިދުމަތްތަކަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތް، އިންސާފުވެރި ހިދުމަތްތަކަކަށް ވުމަށް މި ގާނޫނުއަސާސީ ލާޒިމުކުރެ އެވެ. ނަމަވެސް، ރާއްޖެ ކަޑައްތު ކުރަމުންދާ މި ޑިމޮކްރަސީގެ ހަޔާތަށް ބެލުމުން ފެންނަ ހަގީގަތަކީ، ވެރިކަމުގެ ނިޒާމު ހިނގަމުން ދަނީ ރައްޔިތުން ކުރި އުއްމީދުތަކާ ބީރައްޓެހި ގޮތަކަށް ކަމެވެ.
ގާނޫނުއަސާސީގެ އަސްލު ރޫހު ގެއްލި، އޭގެ ފޮނިމީރުކަން ރައްޔިތުންނާ ހަމައަށް ފޯރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އިޖުތިމާއީ ގުޅުންތަކާއި އާއިލީ ނުފޫޒުގެ ހުރަސް
މި އުއްމީދުތައް ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ދިވެހިންގެ މެދުގައި އޮންނަ ގާތް ގުޅުންތަކުގެ ނާޖާއިޒު ފައިދާ ސިޔާސީ އަދި އިދާރީ އޮނިގަނޑުގެ ތެރެއިން ނެގުމެވެ. ދައުލަތުގެ މުހިންމު މަގާމުތަކަށް މީހުން އައްޔަނު ކުރުމާއި ބިޔަ މަޝްރޫއުތައް ހަވާލުކުރުމުގައި މިއަދު އިސްކަންދެވެނީ ގާބިލުކަމުގެ ބަދަލުގައި އާއިލީ ނުވަތަ ރަހުމަތްތެރިކަމުގެ ގުޅުމަށެވެ. ސްކޫލަކުން ފެށިގެން ހަސްފަތާލަކަށް ބެލިޔަސް އެކި ފަންތީގެ ވެރިންގެ ކިބައިން އާންމު ހިދުމަތް ދިނުމުގައި މި ތަފާތުކުރުން ދަނީ ފެތުރެމުންނެވެ. އަދި މިއީ މައްސަލައެއް ކަމަށް އާންމު ފަރުދުންނަށް އިހުސާސް ނުކުރެވޭ ވަރަށް މުޖުތަމައުގައި މި ބަލިކަށިކަން ދަނީ އަށަގަންނަމުންނެވެ.
މީގެ ހިތި ނަތީޖާ ދައުލަތުގެ އެކި އޮޑިޓް ރިޕޯޓުތަކުންނާއި ފުލުހުން ހިންގި ތަހުގީގުތަކުން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. މިސާލަކަށް، ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި އެތައް މިލިއަން ރުފިޔާގެ 92 ކޮންޓްރެކްޓެއް ވަނީ އެ ކުންފުނީގެ އޭރުގެ އިސްވެރިންގެ އާއިލީ މަސްލަހަތު އޮތް ކުންފުނިތަކަށް ދެފުށް ފެންނަ އުސޫލެއް ނެތި ހަވާލުކޮށްފަ އެވެ. ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވައި، ހިންގާފައި ވަނީ މިފަދަ ގުޅުންތަކުގެ ތެރެއިންނެވެ. މިއީ ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމަށް މަގުފަހިވާ، އަދި ރައްޔިތުންގެ އިތުބާރު ގެއްލުވައިލާ ބޮޑު ޖަރީމާއެކެވެ.
ގާބިލުކަން އިސްކުރުމުގެ މުހިންމުކަން
އާއިލީ ނުފޫޒު ނުވަތަ 'ނެޕޮޓިޒަމް' އަކީ ހެޔޮވެރިކަމުގެ ބިންގާ މުގުރާލާ ކަމެކެވެ. ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް މަގާމުތަކާއި މަޝްރޫއުތައް ބެހުމުގެ ސަގާފަތަކީ، ގައުމެއްގެ އިސްލާހީ މަސައްކަތް ފެއިލް ވާން ފަށާ ހިސާބެވެ. އިންސާނީ ތަބީއަތުގައި އާއިލާ އަށް ކަމޭހިތުމަކީ އޮންނަ ކަމެއް ނަމަވެސް، ދައުލަތެއް ހިންގުމުގައި އެންމެ އިސްކުރަން ޖެހޭނީ ގައުމީ މަސްލަހަތެވެ. މިއީ ގައުމެއްގެ ވެރިއަކަށް ހުންނަ އެންމެ އިސް ފަރާތްތަކުން ހަމައެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ އަޅުގަޑުމެން އެންމެން ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. ދައުލަތުގެ މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ މުގައްދަސް އެތިކްސްއެއް ކަމުގައި ބަލަން ޖެހެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ފާހަގަކުރާ ގޮތުގައި، މިފަދަ ނުފޫޒުތަކުގެ ސަބަބުން ދައުލަތުގެ މަސައްކަތްތަކުގެފެންވަރު ދަށްވެ، އިދާރީ ހިންގުން ބަލިކަށިވެ، އަހުލާގީ މިންގަނޑުތައް ވެއްޓިގެންދެ އެވެ. ގާބިލު މީހުން އެއްފަރާތް ކުރެވުމުން، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ހިތްވަރު އެލި، ނިޒާމަށް އޮންނަ އިތުބާރު ކެނޑިގެންދެ އެވެ.
މުއައްސަސާތައް ބާރުވެރިކުރުވުން
މި މައްސަލައަށް އޮތް އެއް ހައްލަކީ ގާނޫނުއަސާސީން އުފައްދާފައިވާ މިނިވަން މުއައްސަސާތައް ކަމުގައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް ފަދަ ތަންތަން ހަގީގީ މާނައިގައި ބާރުވެރި ކުރުވުމެވެ. އާއިލީ ގުޅުމުގެ ތެރެއިން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަށް އެއްވެސް ބެލުމެއް ނެތް، ހަރުކަށި އަދަބު ދެވެން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ މިފަދަ ނިންމުންތައް ގާތުން ބަލައި، ޒިންމާދާރު ކުރުވާ ފާރަވެރިއަކަށް ވާންޖެހެ އެވެ.
ގައުމު އެންމެ އިސްކުރުން
ގާނޫނުއަސާސީ އެކުލަވާލި ފަރާތްތަކުގެ މަގުސަދަކީ ދިވެހިރާއްޖެއަކީ ގާނޫނުގެ ވެރިކަން ހިނގާ، އިންސާފުވެރި ގައުމަކަށް ހެދުމެވެ. ދައުލަތުގެ މަގާމުތަކަށް އެންމެ ގާބިލު މީހުން އައްޔަނު ކުރުމަކީ ހަމައެކަނި އިދާރީ އުސޫލެއް ނޫނެވެ. އެއީ ގައުމީ ވަފާތެރިކަމާއި ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރުގެ ރަމްޒެކެވެ.
ގައުމީ މަސްލަހަތު އިސްނުކޮށް، ދައުލަތުގެ ކޮންމެ ހިސާބެއްގައި ހުންނަ ވެރިއަކު، އާއިލީ މީހަކަށް ނުހައްގު ފައިދާއެއް ހޯދައިދޭ ކޮންމެ ހިނދަކީ، ހަމަ އޭނާ އާއި އޭނާގެ އާއިލާ އަދި އޭނާގެ ރައްޓެހިންނާއި އާންމު ދިވެހި ރައްޔިތުން ދިރިއުޅެން އޮތް މި ގައުމުގެ ހާލަތު ދުވަހުންދުވަހަށް ދަށްވެ، އަޅުގަޑުމެން ބޭނުންވާ ފާގަތި ދިވެހި ގައުމުގެ މުސްތަގުބަލާ ދުރަށް އެޅޭ ފިޔަވަޅެކެވެ. އެހެންކަމުން، ކޮންމެ ނިންމުމެއްގައި ވެސް "ގައުމު އިސްކުރުން" މިއީ އެންމެ މަތީ ސިޔާސަތު ކަމުގައި އަޅުގަނޑުމެން އެންމެން ހަދަންޖެހެ އެވެ. މިފަދަ ގުޅުންތަކަށް އަޅުގަނޑުމެން އެންމެން ސަމާލުވެ، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އެކަމުން ތަނާޒުލްވުމަކީ ފަރުދީ ޒިންމާއެއް ކަމުގައި އަޅުގަޑުމެން ދެކެން ޖެހެ އެވެ.
އެޑިޓަރުގެ ނޯޓް:
އަނިލް އާދަމަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.