ދަރިންނަކީ ނިއުމަތެކެވެ. އެއީ ދިރިއުޅުމުގެ ހަޔާތުގެ ޒީނަތެކެވެ (އަލްކަހުފު 46). ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކުރުމަކީ ނަރަކައިން އެ ކުދިން ސަލާމަތް ކޮށްދެވެން އޮތް މަގެވެ. މިކަން ކުރަން ﷲ އަންގަވާފައި ވެއެވެ (އައްތަޙުރީމު 6). މުޖުތަމައުތައް ކުރިއަރައި އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހަމަޖެހުން ގެނެސްދޭނެ އެންމެ މުހިންމު އަސާސަކީ ހެޔޮގޮތުގައި ދަރިން ތަރުބިޔަތު ކުރުމެވެ. އެހެންވެ އިސްލާމް ދީނުގައި މިކަމަށް ވަރަށް ބޮޑު އަހަންމިޔަތެއް ދީފައިވެ އެވެ. ތަރުބިޔަތުގެ އަމާޒާއި މަގުސަދުތަކާއި އުސޫލުތައް ކަނޑައަޅާފައި ވެ އެވެ. ތަރުބިޔަތު ކުރުމުގެ ގޮތްތަކާއި ވަސީލަތްތަކާއި އިސްލާހުކުރުމުގެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެ އެވެ. 

ޝަޚުސިއްޔަތު ބިނާކުރުމުގައި ކުޑަކުދިންގެ މަރުހަލާގެ މުހިންމުކަން 

ތަރުބަވީ ނަފުސާނީ އިލްމުތަކުގެ ނަޒަރިއްޔާތަކަށް ބަލާއިރު ހާމަވާ އެއްކަމަކީ އިންސާނާގެ ސުލޫކުގެ އަސާސީ ބައްޓަން ކުރުންތައް އުމުރުގެ ކުރީކޮޅުގައި ފަރުމާވާނެ ކަމެވެ. މިގޮތުން އިންސާނާގެ ނަފުސާނީ އިޖުތިމާއި ތަރައްގީގައި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އަމާންކަން އިހުސާސްވުމާއި އިޖުތިމާއީ ނިސްބަތްވުން ފަދަ ކަންކަން ދަސްކުރަނީ ކުޑަކުދިންގެ މަރުހަލާގައިކަން އެރިކް އެރިކްސަންގެ ދިރާސާތަކުން ހާމަވެ އެވެ. ހަމައެފަދައިން ކުއްޖާގެ ވިސްނުމާއި އިހުސާސްތަކާ ގުޅޭ ގާބިލިއްޔަތުތައް ތަރައްގީ ވާއިރު، ކުއްޖާގެ ޅަ އުމުރުގައި ކުރެވިފައިވާ ޖަޒުބާތީ ތަޖުރިބާތަކުން ވަރަށްބޮޑު އަސަރެއް ފޯރުވާނެ ކަމަށް ދިރާސާތަކުން ހާމަވެ އެވެ. 

ވީއިރު ކުޑަކުދިންނަށް އަޅާލުމާއި އޯގާތެރިވުމާއި ލޯބި ދިނުމާއި އެ ކުދިންގެ ބޭނުންތައް ސައްހަ މަގުން ފުއްދައިދޭން މަސައްކަތް ކުރަން ޖެހެ އެވެ. އިސްލާމްދީނުގައި ކުޑަކުދިންނަށް އޯގާތެރިވުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި ވެ އެވެ. ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި ކުޑަކުދިންނަށް އޯގާތެރި ނުވާ އަދި މުސްކުޅިންނަށް ގަދަރު ނުކުރާ މީހަކީ ފުރިހަމަ މުސްލިމެއް ނޫނެވެ (އައްތިރުމިޛީ). އެކަލޭގެފާނު ވަނީ އަމަލީ ގޮތުން އޯގާތެރިކަން ދައްކަވައިދެއްވައިފަ އެވެ.

އެކަލޭގެފާނުގެ ކާފަދަރިކަލުން ހަސަނުގެފާނަށް ބޮސްދެއްވަ އެވެ. އެއްފަހަރަކު މިކަން އަލްއަޤުރަޢު ބުނު ޙާބިސް އަށް ފެނިވަޑައިގަތުމުން އެބޭފުޅާ ވިދާޅުވީ ތިމަންގެ 10 ކުދިން ތިބޭއިރު ވެސް އެއްވެސް ކުއްޖަކަށް ބޮސްދީ ނަހަދާ ކަމަށެވެ. އެ ހިނދު ރަސޫލާ ﷺ ހަދީސް ކުރެއްވީ "ރަހުމް ނުކުރާ މީހަކަށް ﷲ  ރަހުމަތް ނުލައްވާނެ" ކަމަށެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މާތް ﷲ އިންސާނުން ހައްދަވައި އެބައިމީހުންގެ އަމިއްލަ ނަފުސުތަކުން އެބައިމީހުންގެ ބައިވެރިން ލެއްވީ އެބައިމީހުންނަށް ހަމަހިމޭންކަން ގެނައުމަށެވެ. އަދި އެބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ވެސް އެކަލާނގެ ލެއްވި އެވެ. މިކަންކަމަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ (އައްރޫމް 21). އަދި މިއީ އާއިލާއެއްގައި ކުދިން ތަރުބިޔަތު ކުރާއިރު ދަމަހައްޓަން ޖެހޭ ވަރަށް މުހިންމު ސިފަތަކެކެވެ.

މި ސިފަތައް ދަމަހައްޓާ އާއިލާއެއްގައި ކުދިން ތަޖުރިބާ ކުރާނީ ހިތްހަމަޖެހުމާއި އަމާންކަމާއި އާއިލާ އަށް ނިސްބަތްވުމެވެ. އެ ކުދިންގެ ނަފުސާނީ އަދި އިޖުތިމާއީ ބޭނުންތައް އެންމެ ހެޔޮގޮތުގައި ފުދޭނެ އެވެ. 

ކުޑަކުދިންނަށް ނަފުސާނީ އަދި ފިކުރީ ހިމާޔަތް ދިނުން 

ކުޑަކުދިންނަކީ އެ ކުދިންގެ ޖިސްމާނީ ބޭނުންތަކާ އެކު، ވަރަށް މުހިންމު ނަފުސާނީ ބޭނުންތަކެއް ވެސް އޮންނަ ބައެކެވެ. ލޯތްބާއި ހިމާޔަތާއި އަމާންކަމާއި އަޅާލުމާއި އައުކަންކަން ތަޖުރިބާކުރަން ކުދިން ބޭނުންވާނެ އެވެ. އަދި ކަންކަން ކުރުމުގެ މިނިވަންކަމާއި ކާމިޔާބު ހޯދައި އެކަމާ ފަހުރުވެރިވާން ބޭނުންވާނެ އެވެ. މި ބޭނުންތައް އާއިލާގެ ތެރެއިން ހެޔޮގޮތުގައި ނުފުއްދޭ ނަމަ ދެން ކުދިން ނުކުންނާނީ ބޭރަށެވެ. އޭރުން މި ބޭނުންތައް ފުއްދާނީ ހެޔޮގޮތުގައިކަން ކަށަވަރެއް ނުކުރެވޭނެ އެވެ. ކުދިން ތަރުބިޔަތު ކުރުމުގައި މިއަދު ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ އަސްލަކީ އާއިލާގެ ތެރެއިން ކުދިންގެ ނަފުސާނީ އަދި ފިކުރީ ބޭނުންތައް ހެޔޮގޮތުގައި ފުއްދައި ނުދެވުމެވެ. ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިއުގަތަކުގެ ޝިކާރައަކަށް ވެދެ އެވެ. ނުވަތަ ސުމޭކު ވަސީލަތްތަކަށް ދެވިހިފައި އޭގެ ބޭނުން ސައްހަ ނޫން ގޮތްގޮތުގައި ހިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ކުދިންގެ ދީނީ ސަގާފީ އައިޑެންޓިޓީ ގެއްލިދެ އެވެ. މަޑުމަޑުން ކުދިން މިފަދަ ކަންކަމަށް ހުށަހެޅިގެންދާއިރު ބެލެހެއްޓުންތެރިކަމާއި އިރުޝާދު ދިނުމާއި އިސްލާހުކުރުމުގެ ދައުރު އަދާނުކުރެވެ އެވެ. 

ނަމަވެސް އިސްލާމް ދީނުގައި އިރުޝާދު ދެނީ ދަރިން ތަރުބިޔަތު ކުރުމުގެ ޒިންމާ ނެގުމަށެވެ. ނަބިއްޔާ ﷺ ހަދީސް ކުރައްވަނީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ޒިންމާ އެއް އުފުލަންޖެހޭ މީހެއް ކަމަށެވެ. އަދި އެ މީހަކު ޒިންމާވާންޖެހޭ ކަމަކާމެދު ސުވާލު ވެވޭނެ މީހެއް ކަމަށެވެ.

މައިންބަފައިން ޒިންމާވާން ޖެހޭ ޒިންމާތަކުގައި ވެސް ސުވާލު ކުރެވޭނެ ކަމަށެވެ (މުސްލިމް). ދަރިން ތަރުބިޔަތު ކުރުމުގައި އިސްލާމީ ތަރުބަވީ އުސޫލުތައް ދަމަހައްޓަން ވެސް ދީނުގައި އިރުޝާދު ދެ އެވެ. މިގޮތުން ތަރުބިޔަތު ކުރުމުގައި ކުދިންގެ ނަފުސާނީ އަދި ފިކުރީ ބޭނުންތައް އިސްލާމް ދީން ހުއްދަކުރާ ގޮތުގައި ފުއްދައިދޭން ޖެހެ އެވެ. މިސާލަކަށް ކުދިން ލޯބި ބޭނުންވާ އިރު އެ ކުދިން ދެކެ އެންމެ ލޯބިވާ ބަޔަކީ މައިންބަފައިންނާއ އާއިލާގެ މީހުން ކަމަށް ވާން ޖެހެ އެވެ. މި ލޯބި ދިނުމުގައި އިސްލާމީ މެދުމިންގަނޑުން ވަޒަން ހިފަހައްޓަން ޖެހެ އެވެ. ކުދިންގެ އުޅުން މޮނިޓަރު ކުރަން ޖެހެ އެވެ. ނުވަތަ ކުދިން އައުކަންކަން ހޯދަން ބޭނުންވާއިރު އެ ކުދިންނަށް މައުލޫމާތު ލިބޭ މަސްދަރުތަކަކީ ސައްހަ މަސްދަރުތަކެއްތޯ ބަލަން ޖެހެ އެވެ. 

ތަރުބިޔަތުގައި އަމުރަށް ވުރެ ނަމޫނާގެ އަސަރު މާ ވަރުގަދަވާނެ 

އިންސާނުން އުނގެނެނީ އިޖުތިމާއީ ގޮތުން ކަމަށް ބުރަވާ ނަޒަރިއްޔާތަކުން އެނގޭ ގޮތުގައި ކުދިންގެ ކުރިމަތީ އަބަދު ފެނި ތަކުރާރުވާ ކަންކަން އެ ކުދިން ކޮޕީ ކުރާނެ އެވެ. އިސްލާމް ދީނުގައި ތަރުބިޔަތުގެ މުހިންމު މަންހަޖެއްގެ ގޮތުގައި ނަމޫނާއިން ތަރުބިޔަތު ކުރުން ހިމެނެނީ އެހެންވެ އެވެ. މިގޮތުން ނަބީންނާއި ރަސޫލުންނަކީ އެންމެ ރިވެތި ނަމޫނާކަން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ (އަލްއަޙުޒާބު 21، އަލްމުމްތަޙިނާ 6). އެހެންވެ މި ނަމޫނާތަކުގެ މައްޗަށް ބިނާކޮށް މައިންބަފައިން ނަމޫނާ އަށް ވާން ޖެހެ އެވެ. އެކުވެރިން އިހުތިޔާރު ކުރުމުގައި ހެޔޮލަފާ މީހުން އިޚުތިޔާރު ކުރަން ޖެހެ އެވެ.

އެހެންކަމުން ކުދިން ތަރުބިޔަތު ކުރުމުގައި އަމުރުތައް ކުރުމުގެ ބަދަލުގައި ރިވެތި ނަމޫނާތައް ގޭތެރެއިން ފެންނަން ޖެހެ އެވެ. ނަމޫނާ ޖެހޭނީ ފެންނާށެވެ. ދައްކާކަށް ނޫނެވެ. މިގޮތުން މައިންބަފައިންގެ ކިބައިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމުގެ ނަމޫނާ ފެނުމަށްޓަކައި މައިންބަފައިންނަކީ މި ސިފަތަކުގެ މަތީ އަބަދުވެސް ދެމިތިބޭ މީހުން ކަމުގައި ވާން ޖެހޭނެ އެވެ. 

ކުޑަކުދިން ހިމާޔަތްކޮށް ތަރުބިޔަތު ކުރުމުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުދިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ ޒިންމާ އުފުލަން ޖެހެނީ އާއިލާއިންނެވެ. ނަމަވެސް މިއީ މުޖުތަމައުގެ އެހެން ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމެކެވެ. މަދަރުސާތަކާއި ދީނީ މުއައްސަސާތަކާއި މީޑިއާ އާއި ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިވެރިންނާއި މަދަނީ ޖަމިއްޔާތައް ފަދަ ފަރާތްތަކުގެ އެހީ ބޭނުންވެ އެވެ.

ކުދިންގެ އީމާންތެރިކަން ވަރުގަދަކޮށް އަޅުކަންތަކުގެ ތެރެއިން ނަފުސު ތަހުޒީބުކޮށް އަހުލާގީ ސިފަތައް އަށަގެންނެވުމުގައި އާއިލާ އާއި މަދަރުސާއިން މަސައްކަތް ކުރަން ޖެހެ އެވެ. އިލްމާއި މާރިފާ ފޯރުކޮށްދިނުމުގައި ތައުލީމީ އަދި ދީނީ މުއައްސަސާތަކުން މަސައްކަތް ކޮށްދޭން ޖެހެ އެވެ. ތަރުބަވީ މަސައްކަތްތަކަށް ހުރަސްއެޅޭ ކަންކަމުން މީޑިއާތަކާއި ވިޔަފާރިވެރިން ދުރުހެލިވާން ޖެހެ އެވެ. އޭގެ ބަދަލުގައި އެކަމަށް އެހީތެރިވެދޭ ކަންކަން ކޮށްދޭން ޖެހެ އެވެ. ކުދިންގެ ކިބައިގައި ދީނީ އަދި ވަތަނީ ލޯބި އުފައްދައި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުތައް އެކުލަވާލައި ސިޔާސަތުތައް ކަނޑައަޅައި އިންސާނީ އަދި މާއްދީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކޮށްދޭން ޖެހެ އެވެ. 

މިގޮތުން މިހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަންވީ ހެޔޮލަފާ ޖީލެއް ބިނާކުރަން އަމާޒު ކޮށްގެންނެވެ. އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ ކުޑަކުދިންގެ މަރުހަލާގަ އެވެ. ތަރުބިޔަތު ކުރުމުގެ މަސައްކަތް ހަރުދަނާކުރަން ވިސްނަން ޖެހެ އެވެ. ދަރިޔަކަށް މައިންބަފައިންނަށް ދެވޭނެ އެންމެ މާތް ހަދިޔާ އަކީ ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި އެ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކޮށްދިނުމެވެ (އައްތިރުމިޛީ).