ޚިޔާލު / ދީން

ހަދީސެއްގެ އަލީގައި: ކުޑައިރު ނަމާދު ކުރުވުމާއި ތަންމަތި ވަކި ކުރުން

މި އަހަރުގެ ފިިތުރު އީދު ދުވަހު މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވުމަށް ކުޑަކުދިންނާއި ބޮޑެތި މީހުން ނަމާދު ކުރާ ސަރަހައްދަށް ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާތް ﷲ ރުއްސުންލެއްވި އިބްނު ޢަމްރޫ ބުނުލްޢާޞްގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. މާތް ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ދަރިންގެ އުމުރުން ހަތް އަހަރުގައި ނަމާދު ކުރުމަށް އެ ދަރިންނަށް އަމުރު ކުރާށެވެ! އަދި އުމުރުން 10 އަހަރު ވުމުން (ނަމާދު ނުކުރާ ނަމަ) ޖަހައިގެން (ނަމަވެސް) އެ ކުދިން އަދަބުވެރި ކުރުވާށެވެ! އަދި އެކުދިން ނިދާ ތަންމަތި ވަކި ކުރާށެވެ!" (އަލްޙާކިމް އާއި އަބޫދާއޫދު). މި ހަދީސް ގައި މާތް ނަބިއްޔާ ﷺ އިރުޝާދު ދެއްވަނީ ކުދިން ތަރުބިޔަތު ކުރުމުގައި އެ ކުދިންގެ ނަފްސު ތަޒުކިޔާ ކުރުމަށްޓަކައި އަޅުކަންތައް ދަސްކޮށްދޭން ކުރަން ޖެހޭ ދެ ކަމަކަށާއި ފިތުނަތަކުން ސަލާމަތްކޮށް އަޚުލާގު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަކަށެވެ.

ހަތް އަހަރު ވުމުން ނަމާދު ކުރަން އަމުރު ކުރުން

ހަދީސް ގައިވާ "އަމުރު ކުރާށޭ" އަކީ އަމުރެއް ކަމަށް ވިއަސް މީ ވާޖިބެއް ނޫނެވެ. ވާޖިބު ނޫން ކަމުގެ ގަރީނާ އަކީ ނަމާދު ވާޖިބުވަނީ ބާލިޣުވުމުން ކަމަށް ވާތީ އެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވަނީ މި ތަނުގައިވާ އަމުރުގެ ދަރަޖަ އަކީ މުސްތަޙައްބު ކަމަށެވެ. ހަދީސްގައި ވާގޮތުން މިކަން ފަށަން ޖެހެނީ ހަތް އަހަރުގަ އެވެ. މިއީ ގިނަ ކުދިންނަށް ތަންދޮރު އޮޅުންފިލަން ފަށާ އުމުރެވެ. އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވަނީ ތަންދޮރު އޮޅުން ފިލުމޭ ބުނާ ބަހުގެ މާނަ އަކީ ބުނާ އެއްޗެއް ދޭހަވުމާއި ޖަވާބު ދޭން އެނގުމާއި އިދިކޮޅު ދޭތީގެ ފަރަގު އެނގުން ކަމަށެވެ.

ނަމާދު ކުރުމުގެ ތަމްރީނު މިގޮތަށް ދުރާލާ ފެށުމުގެ އެއް ހިކުމަތަކީ ކިޔަމަންވުމުގެ އާދަ ހަރުލެއްވުމެވެ. މި އުމުރުގައި ހަރުލާ އާދަތައް ގިނަ ދުވަހަށް ދެމިހުންނަކަން ތަރުބަވީ ދިރާސާތަކުން އެނގެ އެވެ.

ދެވަނަ ހިކުމަތަކީ، ތަކުލީފުތަކަށް ތަބާވުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ގެންދިއުމެވެ. އެއީ ފުރަތަމަ އަންގައިދިނުން ދެން ތަމްރީނު ކުރުވުން ދެން އަދަބު ދިނުން ދެން މަސްއޫލު ކުރުވުމެވެ. މި ފިޔަވަޅުތައް މިގޮތަށް ނުގެންގޮސް ބާލިޣުވާ ތަނުން މަސްއޫލު ކުރުވީމާ ކިޔަމަންވާން ފަސޭހައެއް ނުވާނެ އެވެ.

ތިންވަނަ ހިކުމަތަކީ، މަސްއޫލިއްޔަތު އުފުލަން ދަސްކޮށްދިނުމެވެ. މިގޮތުން ﷲގެ ހަޒުރަތުގައި މަސްއޫލުވާން ޖެހޭނެކަން އެނގި އަމިއްލަ ނަފްސު ހިސާބުކޮށް ﷲ އަށް ބިރުވެތިވުމުގެ އިހުސާސްތައް މި ތިން އަހަރުގެ ތަމްރީނުން ތަރައްގީ ކުރެވޭނެ އެވެ.

ދިހަ އަހަރު ވުމުން އަދަބު ދިނުން

ހަދީސްގައި ބަޔާންކޮށްފައި ވަނީ 10 އަހަރު ވުމުން ނަމާދު ނުކޮށްފިއްޔާ ޖެހުމަށެވެ. މި ތަނުގައި ޖެހުމުގެ މާނައަކީ އަދަބުވެރި ކުރުމަށްޓަކައި އަނިޔާއެއް ނުލިބޭ ގޮތަށް ޖެހުމެވެ. މީގެ ދަލީލަކީ ނުކިޔަމަންތެރި އަންހެނުން އިސްލާހުކުރަން ވެސް ފަހު ވަސީލަތެއްގެ ގޮތުގައި ޖަހަން އޮންނަނީ އަނިޔާއެއް ނުވާ ގޮތަށް ކަމަށް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވުމެވެ. އެހެންވެ އަދަބުދިނުމުގެ ގޮތުން ޖެހުމުގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ. ޖެހުމުގެ މާއްދީ އަސަރެއް ހުރެގެންނުވާނެ އެވެ. މޫނުގައި ޖަހައިގެން ނުވާނެ އެވެ. އަނިޔާކުރުން ނުވަތަ ބަދަލު ހިފުމުގެ ނިޔަތް އޮވެގެން ނުވާނެ އެވެ. ކުއްޖާގެ ހާލަތަށް ބަލަންވާނެ އެވެ. ޖެހުމަކީ އަދަބުވެރި ކުރުވުމުގައި އެންމެ ފަހު ވަސީލަތް ކަމުގައި ވާން ޖެހޭނެ އެވެ.

ހަދީސްގައި އެހެން ވަސީލަތްތައް ބަޔާން ނުކޮށް އެ ވަނީ ހަތް އަހަރުން ފެށިގެން 10 އަހަރާ ދެމެދުގައި އެވާ މުއްދަތުގައި އަމުރުކުރުމާއި ނަސޭހަތްދިނުމާއި އުފާވެރި ޚަބަރު ދިނުމާއި އިންޒާރު ދިނުމާއި ނަމޫނާ ފެނުމާއި އިސްލާހު ކުރުމާއި އަމަލީ ގޮތުން ކުރުވުމާއި މި ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެވޭނެތީވެ 10 އަހަރު ވާއިރު ދެން ނަމާދު ނުކުރާ ނަމަ އޮންނާނީ އެންމެ ފަހު ވަސީލަތް ކަމަށް ވާތީ އެވެ.

ނަމަވެސް ސުވާލަކީ ކިތަންމެ މަޑުން ނަމަވެސް ޖަހަންވީ ކީއްވެހޭ އެވެ؟ ޖަވާބަކީ 10 އަހަރު ވާއިރު ކުއްޖާ ހުންނާނީ ބާލިޣުވާން ކައިރި ވެފަ އެވެ. އެ ހިސާބުގައި ނަމާދު ކުރަން އާދަވާން ޖެހޭނެ އެވެ. ހާއްސަކޮށް 5،310 ފަހަރު ނަމާދުކުރާށޭ ތަކުރާރުކޮށް ބުނުމާއި ތިން އަހަރުގެ މުއްދަތުގައި ކުރިން ބަޔާންކުރި ފަދަ ތަރުބަވީ އެހެން ވަސީލަތްތައް ވެސް ބޭނުން ކުރާނެއިރު ކުއްޖާ އަށް މިކަން އާދަ ނުވެއްޖިއްޔާ ދެން އޭގެ މާނައަކީ މިފަދަ ކުއްޖަކު އަދަބުވެރި ކުރުވޭނީ އަދަބެއް ދީގެން ކަމަށް ވާތީ އެވެ. އެކަމަކު، މައިންބަފައިން ހަނދާންކޮށްލަން ޖެހޭ ނުކުތާ އަކީ މި ތިން އަހަރު ތެރޭ މި ހަދީސްގައި ބަޔާންކުރާ މިންވަރަށް އަމުރު ކުރެވިފައި ނުވާ ނަމަ އަދަބު ދޭން އެ ހިސާބުގައި ފަށައިގެން ނުވާނެ ކަމެވެ. އަލުން އެ ތިން އަހަރު ނުވަތަ ގެއްލުނު މިންވަރެއް އިއާދަ ކުރަން ޖެހޭނެ އެވެ. އަދަބު ދޭން ޖެހޭ އަނެއް ސަބަބަކީ ނަމާދުގެ މަތިވެރިކަމާއި މުހިންމުކަން އަދި ނަމާދު އެޅުމުގެ ނުރައްކާތެރިކަން ކުއްޖާއަށް ތަސައްވުރު ކޮށްދިނުމަށެވެ. މިއީ ފަރުވާކުޑަ ކުރެވޭނެ ކަމެއް ނޫންކަން އަންގައިދިނުމަށެވެ. ތިންވަނަ ސަބަބަކީ ނަފްސު ހޭނުވުމެވެ. އެއީ ޝަރުއީގޮތުން ތަކުލީފުތަކާ ހަމައަށް ދާއިރު ތައްޔާރުވެފައި ބެހެއްޓުމަށެވެ.

10 އަހަރުވުމުން ނިދާ ތަންމަތި ވަކިކުރުން

ނިދާ ތަންމަތި ވަކި ކުރުމޭ ބުނާ ބަހުގެ މުރާދަކީ އެއް ރަޖާގަނޑެއްގެ ދަށުގައި ނުވަތަ އެއް އެނދެއްގައި ނުބާއްވައި ކޮންމެ ވެސް ގޮތަކުން ހުރަހެއް ލުމެވެ. މީގެ ތެރޭގައި ވަކި ދެ އެނދުގައި ތިބުން ނުވަތަ ބިތްގަނޑަކުން ނުވަތަ ފޮތިގަނޑަކުން ހުރަހެއް ލުން ފަދަ ކަންކަން ހިމެނެ އެވެ. ކޮންމެހެން ކޮޓަރި ވަކި ކުރާކަށް ނުޖެހެ އެވެ. ނަމަވެސް އަންހެން ފިރިހެން ނަމަ އެންމެ މޮޅު ގޮތަކީ ކޮޓަރި ވެސް ވަކި ކުރުމެވެ. ހަދީސްގައި އެ ކުދިންނޭ އެ ބުނަނީ ހަމަ ހުރިހާ ކުދިންނަށެވެ. އެހެންވެ އެއީ ހަމައެކަނި އަންހެން ފިރިހެން ވަކި ކުރުމެއް ނޫނެވެ. އަންހެން އަންހެން ވެސް އަދި ފިރިހެން ފިރިހެންވެސް ވަކިކުރަން ޖެހޭނެ އެވެ.

މި އުމުރަށް އައުމުން ތަންމަތި ވަކި ކުރުމުގެ އެއް ހިކުމަތަކީ، ކުޑައިރުއްސުރެ ލަދުވެތިވާން ދަސްކޮށްދިނުމެވެ. އައުރަ އަކީ ކޮންމެ މީހެއްގެ ވެސް ހާއްސަ ބައެއް ކަމުގައިވާ ހިނދު އެއީ އެކަކު އަނެކަކަށް ފެންނަން ޖެހޭ ބައެއް ނޫންކަން ދަސްކޮށްދީ މިކަމުގައި ފަރުވާކުޑަ ނުކުރުމެވެ.

ދެވަނަ ހިކުމަތަކީ، ފިތުނަ ތަކުން ރައްކާތެރި ވާން ދަސްކޮށްދިނުމެވެ. އުމުރުން 10 އަހަރަކީ ބައެއް ކުދިން ބާލިޣު ވެފައި ވެސް ވެދާނެ އުމުރެކެވެ. ޔަގީނުން ވެސް ބާލިޣުވާން ކައިރިވެފައިވާ އުމުރެކެވެ. ބާލިޣުވުމުގެ އަލާމާތްތައް ފާޅުވާން ފަށާއިރު ތަބީއީ ގޮތުން ކުއްޖާގެ ކިބައިގައި އެއަށް ދަހިވެތިވުން އޮންނާނެ ހިނދު މި ޝަހުވަތް ކޮންޓްރޯލު ކުރަން ދަސްކޮށްދެވިފައިވުން މުހިންމެވެ. ނޫން ނަމަ ފިތުނައިގައި ޖެހެވިދާނެ އެވެ.

ތިންވަނަ ހިކުމަތަކީ، ކޮންމެ ކުއްޖަކީ ވެސް ވަކި ޝަހުސިއްޔަތެއް ކަން ދަސްކޮށްދީ މިނިވަން ވާން އާދަ ކުރުވުމެވެ. އަދި އިސްލާމް ދީނުގައި ބެލުންތައް ތިރި ކުރަން އަންގަވާފައިވާ އިރު (އައްނޫރު 30) އެއަށް ކިޔަމަންވާން ދަސްވާނީ އެކަމުގެ ތަމްރީނެއް ލިބިގެން ކަމަށް ވާތީ އެވެ.

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، ކުދިން ބާލިޣު ނުވިއަސް ހަތް އަހަރުވީމާ، މުކައްލަފަކަށް ވާން ތައްޔާރު ކުރަން ފަށަން ޖެހޭނެ ކަމެވެ. އޭރުން ކިޔަމަން ވާން ދަސްކުރާނެ އެވެ. އަޅުކަމަށް ލޯބި ކުރާނެ އެވެ. އިންތިޒާމު ދަސްވާނެ އެވެ. ނަމަވެސް މިކަން ކުރަން ޖެހޭނީ އޯގާތެރިކަމާ އެކުއެވެ. އަމަލީގޮތުންނެވެ. ހިތްވަރު ދީގެންނެވެ. އޮބްޒާވްކޮށް އިސްލާހު ކުރުވައިގެންނެވެ. ރީތި ނަމޫނާ ދައްކައިގެންނެވެ.

ދެވަނަ ފިލާވަޅަކީ، ތަރުބިޔަތު ކުރުމުގައި ތަފާތު ވަސީލަތްތައް ބޭނުން ކުރަމުން ގޮސް އެންމެ ފަހުގެ ވަސީލަތެއްގެ ގޮތުގައި އަދަބު ވެސް ދޭން ޖެހޭނެ ކަމާއި އެހެން ނަމަވެސް އަދަބު ދިނުމުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމެވެ. މިގޮތުން ޖަހާނީ ސިވާކު ދަނޑިކޮޅަކުން ނުވަތަ އިނގިލިން ފަދަ ލުއިލުއި އެއްޗަކުންނެވެ. ތިން ފަހަރަށް ވުރެ ގިނައިން ޖަހައިގެން ނުވާނެ އެވެ. މީހުންގެ ކުރިމަތީގައި ޖަހައިގެން ނުވާނެ އެވެ. ޖެހުމުގެ ކުރިން އިންޒާރު ކުރަން ވާނެ އެވެ.

ތިންވަނަ ފިލާވަޅަކީ، ތަރުބިޔަތު ކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދިއުމުގެ މުހިންމު ކަމެވެ. މިގޮތުން ފުރަތަމަ އަމުރެވެ. އެ އަށް ފަހު، ކުރިން ބަޔާންކުރި ތަރުބަވީ އެހެން ވަސީލަތްތަކެވެ. އަދަބު ދިނުން އެންމެ ފަހުންނެވެ.

ހަތަރުވަނަ ފިލާވަޅަކީ، ފިތުނަ ތަކުން ކުދިން ސަލާމަތް ކުރަން ކުޑައިރުއްސުރެ ދަސްކޮށްދޭން ޖެހޭނެ ކަމެވެ. އިންސާނީ ފިތުރަތު ރައްކާތެރި ކުރުމާއި ނަފުސުގައިވާ އެދުންތައް ކޮންޓްރޯލު ކުރުމާއި ކޮންމެ ފަރުދެއްގެ ވެސް ޝަޚުސީ ކަންކަމާއި ބައިތައް ހާއްސަވާނެ ކަން ދަސްކޮށްދޭން ވާނެ އެވެ. ޖިންސީ ޣަރީޒާ އަކީ ޝަރުއީ ހަމައަކުން މެނުވީ ފުއްދޭނެ ޣަރީޒާއެއް ނޫންކަން ދަސްވާން ޖެހޭނެ އެވެ.

ފަސްވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް ވެސް އަސްލުގައި އޮންނަނީ މައިންބަފައިންނަށް ކަން ދެނެގަތުމެވެ. މަދަރުސާ އާއި މުޖުތަމައުން ދެނީ އެހީތެރިކަމެކެވެ.

ހަވަނަ ފިލާވަޅަކީ، ބާލިޣުވުމާއި ތަކުލީފު އުފުލުމާއި ތަމްރީނު ކުރުމާއި މިކަންކަމުގައި ހުރި ފަރަގު ދެނެގަނެ ދަސްކުރުމެވެ. ބާލިޣުވުމުގެ ކުރީގައި ތަކުލީފެއް ނޯންނާނެ ކަމާއި އެކަމަކު ތަމްރީނު ދޭން ޖެހޭނެ ކަމެވެ. އަދި ބާލިޣު ވުމުން މުކައްލަފަކަށް ވާނެ ކަމެވެ. އަދި އޭގެ ސަބަބުން މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަމެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާކު

17 May 2025

ވަރަށްވެސް ރަނގަޅު ލުޔުމެއް,

The name is already taken The name is available. Register?

ދަތި

17 May 2025

ތަން މަތި ވަކި ކޮށް ކޮޓަރި ވަކި ކުރަން ބޭނުމަސް އެކަން ނުވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުން.

The name is already taken The name is available. Register?

ހަންދާ

17 May 2025

ހީވަނީ އަރެއްބެއްހެން

The name is already taken The name is available. Register?

އަހްމްދު ޖަލީމް

17 May 2025

“ޖަހައިގެން”ނޭ؟! އަތްތިލަ ބަޑި ޖަހަންވީ މިކަމައްވެސް؟

The name is already taken The name is available. Register?

މުޅިންވެސްއިހުމާލު

17 May 2025

ކުޑައިރު ނަމާދުކުރުވާ ގުރުއަންކުލާސްތަކަށްގެންދޭ. މައްސަލައަކީ ފުރާވަރަށްއެޅުމުން އެކަންކަމަށް ފާރަވެރިނުވެ ކޭކުފަޅަން އިރާކޮޅު ފްރެންޑްސްގެ ގޭގެއަށް ފޮނުވާތީ. އާޚިރުގައި ދަންވަރު ކޭކުފަޅައިގެން ވާނެހައެތީ އޮންނަނީވެފަ.

The name is already taken The name is available. Register?

ދެރަވެ

17 May 2025

"އަންހެން ފިރިހެން ނަމަ އެންމެ މޮޅު ގޮތަކީ ކޮޓަރި ވެސް ވަކި ކުރުމެވެ. ހަދީސްގައި އެ ކުދިންނޭ އެ ބުނަނީ ހަމަ ހުރިހާ ކުދިންނަށެވެ. އެހެންވެ އެއީ ހަމައެކަނި އަންހެން ފިރިހެން ވަކި ކުރުމެއް ނޫނެވެ. އަންހެން އަންހެން ވެސް އަދި ފިރިހެން ފިރިހެންވެސް ވަކިކުރަން ޖެހޭނެ އެވެ." ބޯހިޔާވަހިކަމުގެ ދަތިކަން، އިޖްތިމާއީމައްސަލަތަކުގެ ފެށުމަކީ، ގިނަ އާއިލާތަކުގައި ދެމަފިރިންނާ ދެޖިިންސުގެ ކުދިން ފިތި ބާރުވެގެން މިއުޅެނީ 1ކޮޓަރި ސިޓިންގްރޫމްގައި 12ހާހުގެ ކުއްޔަށް

The name is already taken The name is available. Register?

ސުވާދީބު

17 May 2025

މިފާއިތުވެދިޔަ ރަމަޟާން މަހުގައި ދީނީ ސުވާލު ކުއިޒް ގެނެސްދިން ބައެއް ދީނީ ޭސްބުކް ޕޭޖުތަކާއި އެހެނިހެން ކައުންސިލް ފޭސްބުކް ޕޭޖުތަކުން އަދިވެސް ކުއިޒްތަކުން ވަނަ ލިބުނު ފަރާތްތަކެއް ނުހޮވާ. އެހެން ނަހަދާ ތިމާމެން ދޭންބޭނުންވާ ބަޔަކަށް އުމްރާ ދަތުރާ އެއްޗެހި ދިނީމަ ވީއެއްނޫންތަ. އެއްވެސް އިންސާފަކުން ކަންކަންކުރާ ޒަމާނެއްނޫންވިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454