އިސްލާމީ ނަޒަރުން ބަލާއިރު ބައެއް ދުވަސްތައް މާތްކަމުގެ ގޮތުން އެހެން ދުވަސްތަކާ ތަފާތުވެ އެވެ. މިގޮތުން ހައްޖު ދުވަހަކީ މާތް ދުވަހެކެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި މިދުވަސް މާތް ދުވަހެއް ކަމުގައި ވަނީ ވަރަށް ގިން ސަބަބުތަކާ ހުރެ އެވެ. 

ދީނާއި ނިއުމަތް ފުރިހަމަ ކޮށްދެއްވުމާއި އިސްލާމްދީނަށް ރުހިވޮޑިގަތުން

ހައްޖު ދުވަސް މާތްވާ އެއް ސަބަބަކީ ﷲ މީސްތަކުންނަށް ބާވާލެއްވި ދީނާއި މީސްތަކުންނަށް އެކަލާނގެ ދެއްވާ ނިއުމަތް ފުރިހަމަ ކުރެއްވި ދުވަސް ކަމުގައި އެ ދުވަސް ވުމެވެ. އުމަރުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ޤުރްއާނުގައި މިކަން ބަޔާންކޮށްފައިވާ އާޔަތާ ބެހޭގޮތުން ޔަހޫދީއަކު ބުނެފައިވަނީ އެ މީހުންގެ މައްޗަށް އެ އާޔަތް ބާވާލެއްވުނު ނަމަ އެ ދުވަހެއް އެއީ އީދެއް ކަމުގައި ފާހަގަކުރާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަނީ އަލްމާއިދަތު ސޫރަތުގެ ތިން ވަނަ އާޔަތަށެވެ. 

އެ އާޔަތުން ބައެއްގެ މާނައިގައި ވަނީ "ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން ﷲ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިއުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަން ﷲ ރުހިވޮޑިގެންފީމެވެ." މިފަދައިންނެވެ. އުމަރުގެފާނު ވިދާޅުވަނީ "ކީރިތިރަސޫލާ ﷺ އެ އާޔަތް ކިޔަވައި ވިދާޅުވީ އަރަފާތު ގައި ހުންނަވައިގެން ހުކުރު ދުވަހެއްގައި ކަމަށެވެ. 

ހައްޖުގެ އަޅުކަމުގައި އަރަފާތުގައި ހުންނަން ޖެހުމާއި އެއާ ގުޅިގެން އީދެއް އައުން 

ހައްޖު ދުވަސް މާތްވުމުގެ ދެވަނަ ސަބަބަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ހައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތުގައި ހުރުން އޮންނަނީ އެ ދުވަހުގައި ކަމަށް ވުމެވެ. 

ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ހައްޖަކީ ޢަރަފާތެވެ. އެހެންކަމުން މިއީ މުސްލިމުންނަށް ކޮންމެ އަހަރަކު ވެސް އިއާދަވަމުން އަންނަ ދުވަހެއް (އާދެ، އީދެއް) ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވާފައި ވެ އެވެ. ސުނަނުގެ އަސްޙާބުން ރިވާ ކުރައްވާފައިވާ ހަދީސެއްގައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "އަރަފާތު ދުވަހާއި އުޟްޙިޔާ ކަތިލާ ދުވަހާއި ތަޝްރީޤުގެ ދުވަސް ތަކަކީ އިސްލާމް ދީނުގެ އަހުލުވެރިންނަށް އީދެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަސް ތަކެކެވެ." 

ޤުރްއާނުގައި އެ ދުވަހުން ﷲ ހުވާކުރައްވާފައިވުން

ހައްޖު ދުވަސް މާތްވުމުގެ ތިންވަނަ ސަބަބަކީ އެ ދުވަސް ގަންދެއްވައި މާތްﷲ ހުވާ ކުރައްވާފައި ވުމެވެ. ﷲ ހުވާ ކުރައްވާނީ މަތިވެރި ވެގެންވާ އެއްޗެއް ގަންދެއްވަ އެވެ. މިގޮތުން އަލް ބުރޫޖު ސޫރަތުގެ ތިންވަނަ އާޔަތުގައި، "ޝާހިދު" އާ އެކު "މަޝްހޫދު" (ހެކި ދެވޭ ފަރާތް) ގަންދެއްވާފައި ވެ އެވެ. އަބޫ ހުރައިރާގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި ޔައުމުލް މަޝްހޫދު އަކީ އަރަފާތު ދުވަހެވެ. އަދި އަލްފަޖްރު ސޫރަތުގެ ދެވަނަ އާޔަތުގައި، "ލަޔާލިން ޢަޝްރި" (ހައްޖު މަހުގެ ފުރަތަމަ ދިހަރޭ) ގަންދެއްވައި ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އޮތް އާޔަތުގައި "އައްޝަފްޢު" އާ އެކު "އަލްވަތްރު" (އޮނަހިރި ތަކެތި) ގަންދެއްވާފައި ވެ އެވެ. ހައްޖު މަހުގެ ފުރަތަމަ 10 ރޭ ގުނާއިރު އޭގެ ތެރޭގައި ހައްޖު ދުވަސް ވެސް ހިމެނޭނެ އެވެ.

އިބްނު އައްބާސް ވިދާޅުވާ ގޮތުގައި "އަލްވަތްރު" އަކީ އަރަފާތުގައި ތިބޭ (ހައްޖު މަހުގެ ނުވަވަނަ) ދުވަހެވެ. އަދި ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ދުނިޔެމަތީގައި އަންނަ އެންމެ މާތް ދުވަސްތައް ކަމުގައި ކީރިތި ރަސޫލާ ބަޔާން ކުރައްވާފައި ވެ އެވެ.  

އަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމުގައިވުން

ހައްޖު ދުވަސް މާތްވުމުގެ ހަތަރުވަނަ ސަބަބަކީ އެ ދުވަހަކީ މާތްﷲ އާދަމުގެ ދަރިންގެ މައްޗަށް އެއުރެންގެ އަމިއްލަ ނަފްސުތައް ހެކި ކުރެއްވި ދުވަސް ކަމުގައި ވުމެވެ. އިބްނު އައްބާސްގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި މާތް ﷲ އަރަފާތު ބިމުގައި އާދަމްގެ ފާނުގެ ބުރަކަށިފުޅުން އެކަލޭގެފާނުގެ ދަރިފަސްކޮޅު ނެރުއްވައި އަހުދު ކަށަވަރު ހިއްޕެވި އެވެ. މިގޮތުން އެކަލޭގެފާނުގެ މައިބަދަފުޅުން އެކަލޭގެފާނުގެ ދަރިފަސްކޮޅު އެކީ ނެރުއްވައި މުށްތަކެއް ފަދައިން އެކަލޭގެފާނުގެ ކުރިފުޅުމަތީ އަތުރުއްވާލައްވައި މާތް ﷲ ވަހީ ކުރެއްވި އެވެ. [ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ކަމުގައި، ތިމަން ﷲ ވޮޑިގެން ނުވަމު ހެއްޔެވެ؟] އެއުރެން ދެންނެވޫ އެވެ. ނޫނެކެވެ. (އިބަ ﷲ އީ އަޅަމެންގެ ވެރި ރަސްކަލާނގެ އެވެ.) އެކަމަށް އަޅަމެން ހެކި ވެއްޖައީމު އެވެ." (އަލް އަޢުރާފު 172).

ރޯދަ ސުންނަތްވުމާއި ފާފަ ފުއްސެވުމާއި ނަރަކައިން ސަލާމަތްވުން 

ހައްޖު ދުވަސް މާތްވުމުގެ ފަސްވަނަ ސަބަބަކީ އެ ދުވަހުގައި ރޯދަ ހިފުން ސުންނަތް ވުމެވެ. އަދި އެ ރޯދައަކީ އިސްވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުހެވޭ ކަމެއް ކަމުގައި ވުމެވެ. (އަބީ ޤަތާދާ).

ނަމަވެސް މި ރޯދަ ސުންނަތް ވެގެން ވަނީ ހައްޖުވެރިން ނޫން މީހުންނަށެވެ. މިހެން ވިއަސް ހައްޖުވެރިންގެ ފާފަ ފުއްސަވައި، ގިނަ ބަޔަކު ނަރަކައިން ސަލާމަތް ކުރައްވައި، ހައްޖުވެރިންނާ މެދު ﷲ ފަހުރުވެވޮޑިގަންނަވާ ދުވަހެއް ކަމުގައި އެ ދުވަސް ވެ އެވެ. އާއިޝަތުގެފާނުގެ ކިބައިން ރިވާ ވެގެންވާ ގޮތުން މާތްﷲ އެންމެ ގިނަ މީހުން ނަރަކައިން މިންޖު ކުރައްވާ ދުވަހަކީ އަރަފާތު ދުވަހެވެ. އަދި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައިވާ ގޮތުން އަރަފާތުގައި ތިބޭ ދުވަހުގެ ހަވީރު ހައްޖު ވެރިންނަށްޓަކައި މާތްﷲ ފަހުރުވެ ވޮޑިގަންނަވާނެ އެވެ. މިގޮތުން މަލާއިކަތް ބޭކަލުންނަށް ވަހީ ކުރައްވާނެ އެވެ. "ތިމަން ﷲގެ އަޅުތަކުންނަށް ނިކަން ބައްލަވާށެވެ! އެބައިމީހުން ހިރަފުހާ ތަތްތެޅި ބޮލުގެ އިސްތަށިތައް ހާވާލައިގެން އައިސް އެ ތިބީ ތިމަން ﷲ އަށް ޓަކައެވެ." 

ހައްޖު ދުވަހުގެ މާތްކަން ހެޔޮގޮތުގައި ހިފުން

މިފަދަ މާތް ދުވަހެއް ކަމުގައި ހައްޖު ދުވަސް ވާއިރު އެ ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ފަރުވާތެރިވާން ޖެހޭނެ އެވެ. ކީރިތި ރަސޫލާގެ އިރުޝާދުފުޅުތަކާއި އަމަލުފުޅުތަކުގެ އިތުރުން ސަލަފުންގެ ސީރަތުން ފާހަގަ ކުރެވޭ އެއް ކަމަކީ، ހައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް މަބްރޫރު (ހެޔޮ ގޮތުގައި ވެވޭ) ހައްޖެއް ކަމުގައި ވޭތޯ މަސައްކަތް ކުރުމެވެ. މިއީ ހައްޖު ވެރިންނަށެވެ. 

ނަމަވެސް ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުންނަށް އޭގެ ބަދަލުގައި އެ ދުވަހު ރޯދަ ހިފުމުގެ ފުރުސަތު އެބައޮތެވެ. އެ ދުވަހު ރޯދަ ހިފުމަކީ އިސްވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެވިގެންދާ ކަމެކެވެ. ރޯދައިގެ އިތުރުން އެހެން އަޅުކަންތަކާއި ހެޔޮކަންތައް ކުރުން (ހައްޖުވެރިން ވެސް) ގިނަ ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ދުއާކޮށް، ޒިކުރު ކުރުމާއި ސަދަގާތް ދިނުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

ދެވަނަ ކަމަކީ ހަރާމް ކަންތައްތަކުން ދުރުހެލިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމެވެ. ފަޟްލު ބުނު އައްބާސް އަށް ކީރިތި ރަސޫލާ އަރަފާތު ދުވަހެއްގައި ހަދީސް ކުރެއްވި އެވެ. "އޭ ތިމަން ކަލޭގެފާނުގެ އަޚުގެ ދަރިޔާ އެވެ! މިއަދަކީ އެ މީހެއްގެ އިވުމާއި ފެނުމާއި ދޫ މިލްކު ކޮށްފި މީހަކަށް (އެބަހީ އެ ގުނަވަންތަކުން ކުރެވޭ ކުށްތަކުން ސަލާމަތް ވެގެންފި މީހަކަށް) ފާފަ ފުއްސެވޭނެ ދުވަހެކެވެ." އެހެންކަމުން ހަރާމް ބެލުންތަކާއި އިވުންތަކާއި ދޮގު ހެދުމާއި ދެބައުޑުވުމާއި ނެތިނުބައިމޮށުމާއި ހަޑިހުތުރުބަހުން ވާހަކަ ދެއްކުން ފަދަ ކަންތައްތަކުން ދުރުހެލިވާން ސަމާލުވާން ޖެހޭނެ އެވެ. 

ތިންވަނަ ކަމަކީ ތަހުލީލާއި ތަސްބީހަ އާއި ތަކުބީރު ކިޔުމާއި ދުއާކުރުން އެ ދުވަހުގައި ގިނަ ކުރުމެވެ. އިބްނު އުމަރުގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި އެ ދުވަހު ކީރިތި ރަސޫލާ އާއި އަސްހާބުން މި ކަންކަން ގިނަ ކުރައްވަވަ އެވެ.

ކީރިތި ރަސޫލާ ހަދީސް ކުރައްވާ ގޮތުގައި އެންމެ ހެޔޮ ދުއާ އަކީ ހައްޖު ދުވަހުގައި ކުރާ ދުއާ އެވެ. އެހެންކަމުން ޒިކުރު ކޮށް ދުއާކޮށް އިސްތިޣުފާރު ކުރުމަށްޓަކައި ހައްޖު ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމެވެ. މިވަގުތު ކޮޅުގައި އަމިއްލަ ނަފްސަށާއި މައިންބަފައިންނަށާއި އަނބިދަރިންނަށާއި ގާތްތިމާގެ މީހުންނަށް ހާއްސަކޮށް އަދި މުސްލިމް އެންމެންނަށް އާންމުކޮށް ދުއާ ކުރުން މުހިންމެވެ. އަދި ހެޔޮ ގޮތުގައި ތައުބާވެ ނަރަކައިން ސަލާމަތްވާން އެދުން މުހިންމެވެ. ތައުބާ ވުމަށްޓަކައި މިފަދަ މާތް ދުވަހެއް އިހުތިޔާރު ކުރުމަކީ ކާމިޔާބު ވާނެ ކަމުގެ ހެޔޮ ފާލަކަށް ނޫނީ ނުވާނެ އެވެ.