ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސިޔަރަތުގެ ހާދިސާތަކުގެ ތެރެއިން އިސްރާ އާއި މިޢުރާޖުގެ ހާދިސާ އަކީ އީމާންކަމާއި ބުއްދިއާ ދެމެދު އޮންނަން ޖެހޭ ގުޅުމާ މެދު ވިސްނާލަން ޖާގަ ލިއްބައިދޭ ހާދިސާ އެކެވެ. ސަބަބަކީ އެއީ ޣައިބުގެ އާލަމާ ގުޅުން ހުރި މުޢުޖިޒާތަކަށް ވުމުން ބުއްދީގެ ހަމައިން އެކަނި ސާބިތު ކުރެވޭނެ ކަމަކަށް ނުވާތީ އެވެ. އެކަމަކު އަނެއްކޮޅުން ބަލާއިރު އެއީ ދީނީ ސާބިތު ނައްސުތަކުން ކަށަވަރު ކަމާ އެކު އެނގެން އޮތް ކަމަކަށް ވާތީ އެވެ.

ބުއްދި އާއި އީމާންކަމާއި ޣައިބުގެ މަފްހޫމުތައް 

ބުއްދިއަކީ ކަންކަން ދެނެގަތުމާއި ފަހުމް ކުރުމުގެ ވަސީލަތެކެވެ. އަދި އެއީ ފަލްސަފާވެރިންގެ ގާތުގައި ކަންކަމުގެ ހަގީގަތަށް ވާސިލު ވުމަށް ނުވަތަ ހިކުމަތްތެރި ގޮތް ދެނެގަތުމަށް އޮތް ވަސީލަތެވެ. އެހެންކަމުން ބުއްދީގެ ހަމައިން ކަމެއްގެ ހަގީގަތުގެ ގޮތުގައި ފަލްސަފާވެރިން ކަމެއް ނިންމައިފިއްޔާ އެއީ ހަގީގަތެވެ. ނަމަވެސް ނިސްބީ ހަގީގަތެވެ. އިސްލާމީ ނަޒަރުން ބަލާއިރު ވެސް ބުއްދިއަކީ ކަންކަން ދެނެގަތުމާއި ފަހުމް ކުރުމުގެ ވަސީލަތެކެވެ. ނަމަވެސް އެއީ ކަންކަމާ މެދު ހުކުމް ކަނޑައަޅައި ނިންމުމުގެ މަސްދަރެއް ނޫނެވެ. މިކަން މިހެން އޮތް ނަމަވެސް ސަރީހަ ބުއްދިއާއި ސައްހަ ނައްސުތަކުގެ މެދުގައި އެއްވެސް ތައާރުޒެއް ނޯންނާނެ އެވެ. ސަބަބަކީ ބުއްދިއަކީ މުސްތަހީލު ކަންކަން މުސްތަހީލުވާނެ ކަން ކަނޑައަޅާ އެއްޗަކަށް ވިއަސް ބުއްދިއަކީ ޣައިބުގެ އާލަމުގައި ހިނގާ ކަންކަމަށް ހުކުމެއް ކަނޑައެޅުމުގެ ގާބިލުކަން ލިބިގެންވާ ބާރެއް ކަމުގައި ނުވާތީ އެވެ. 

އީމާން ކަމަކީ ޣައިބާ ގުޅިފައިވާ ކަމެކެވެ. އީމާންވުމަށްޓަކައި ހިއްސުން ކަމެއް ސާބިތުވުން ލާޒިމެއް ނުވާނެ އެވެ. ސަބަބަކީ އެހިސާބުން ދެން އީމާންވާކަށް އިތުރު ކަމެއް ނޯންނާނެތީވެ އެވެ. އެކަމަކު ޣައިބަކީ ހިއްސުތަކުން ސީދާކޮށް ނުފެންނަ ހަގީގަތެވެ. ހިއްސުތަކުން ވާސިލު ވެވޭނީ ޝަހާދަތުގެ އާލަމުގައި (މާއްދީ ދުނިޔޭގައި) އެކަމެއް ތަމްސީލު ކުރާ މިންވަރަކަށް އެކަންޏެވެ. މުސްލިމުން ޣައިބަށް އީމާންވަނީ ހިއްސުތަކުން ފެންނަ އަސަރަށް ބުރަވެގެންނެއް ނޫނެވެ. ނަމަވެސް ނަޤުލީ ދަލީލުތަކުން ސައްހަކަމާއި ސަރީހަކަމުގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ގޮތުގައި ސާބިތުވާތީ އެވެ. އިސްރާ އާއި މިއުރާޖުގެ ހާދިސާއަކީ ވެސް މިގޮތަށް ސާބިތުވެފައިވާ ޣައިބީ ޢާލަމުގެ ހަގީގަތެކެވެ. 

އިސްރާ އާއި މިއުރާޖުގެ ހާދިސާ ނަޤުލީ ދަލީލުތަކުން ސާބިތުވޭ 

ކީރިތި ޤުރްއާނުގެ އަލްއިސްރާއު ސޫރަތުގެ ފުރަތަމަ އާޔަތުން އިސްރާގެ ދަތުރުފުޅު ހިނގިކަން ކަށަވަރު ކަމާ އެކު އެނގެއެވެ. އަދި މިޢުރާޖުގެ ދަތުރުގެ ވާހަކަ އައްނަޖްމު ސޫރަތުގެ 7 ވަނަ އާޔަތުން 18 ވަނަ އާޔަތާ ހަމައަށް ބަޔާން ކުރައްވާފައި ވެއެވެ. ސަހާބީންގެ ތެރެއިން ވިއްސަށް ވުރެ ގިނަ ސަހާބީން މި ހާދިސާ ރިވާ ކުރައްވާފައި ވެއެވެ. މި ހާދިސާ އާ މެދު މުސްލިމުން ގަބޫލު ކުރަން ޖެހޭ މިންވަރަށް މި ހަދީސްތަކުން ސާބިތުވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅުންހުރި ބައެއް ތަފުސީލު ތަކަކީ ސައްހަކަން ކަށަވަރު ނައްސުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަފުސީލު ތަކެއް ނޫނެވެ.

 އެބަހީ އެކި ހާލަތުގައި އަދި އެކި މީހުންނަށް ވަގުތުގެ ދިގުމިން ތަފާތު ވެދާނެ އެވެ. އަދި ދުރުމިނަކީ ފަތްޖަހާލެވޭނެ އެއްޗެއް ކަމަށް ބުނާ ނަޒަރިއްޔާތައް ވެސް އެބަހުއްޓެވެ. ވީމާ އިލްމީ ގޮތުންނާއި ނަޒަރީ ގޮތުން ވަގުތަކީ މި ދެންނެވި ފަދަ ކަމަކަށް ވާއިރު ވަގުތު ހެއްދެވި ކަލާނގެ އަށް އިސްރާ އާއި މިޢުރާޖު އާދަތަކާ ހިލާފުވާ ވަގުތެއްގެ ތެރޭގައި މެދުވެރިވުމަށް އިރާދަ ނުކުރެއްވޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ.  

މިގޮތުން މިސާލަކަށް ދަތުރުގައި ހިނގައިދިޔަ ބައެއް ހާދިސާތައް ހިނގި ތަރުތީބާއި ނަބީ ބޭކަލުންނާ ބައްދަލުވި ފަހަރުތަކުގެ އަދަދުތަކާއި އެބޭކަލުންނާ އެކުގައި ދެއްކެވުނު ވާހަކަފުޅުތަކުގެ ބައެއް ތަފުސީލުތަކާއި ޣައިބުގެ ޢާލަމުގައިވާ ބައެއް ކަންކަމުގެ ބައެއް ތަފުސީލުތައް ފަދަ ކަންކަމެވެ. މިފަދަ ތަފުސީލުތައް އަގީދާއެއްގެ ގޮތުގައި ގަބޫލުކުރަން ޖެހެނީ ސައްހަ އަދި ސަރީހަ ގޮތުގައި ސާބިތުވާ ނަމަ އެވެ. ސައްހަ ކަމާ މެދު ޝައްކު އުފެދޭ ނަމަ އަގީދާއެއްގެ ގޮތުގައި އެކަމެއް ގަބޫލު ކުރާކަށް ނުޖެހެ އެވެ. ނަމަވެސް މުޅިން އިންކާރު ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ފަހަރެއްގައި ސައްހަ ވެދާނެތީ އެވެ. އެކަމަކު ސައްހަ ނޫންކަން ކަނޑައެޅިގެން ސާބިތުވާ ކަމެއް ނަމަ އެކަމެއް އިންކާރު ކުރަން ޖެހޭނެ އެވެ.  

ބުއްދީގެ ނަޒަރުން ހާދިސާ ތަހުލީލު ކުރުން 

އިސްލާމީ ނަޒަރުން ބަލާއިރު ބުއްދިއާ ގުޅުން ހުރި އެއް ގަވައިދަކީ، ބުއްދީގެ ހަމައިން ޖާއިޒު (އެކަމެއް ވުން އެކަށީގެންވާ) ކޮންމެ ކަމެއް ނަޤުލީ ދަލީލުން ސާބިތުވާ ނަމަ އެކަމެއް ގަބޫލު ކުރުން ވާޖިބު ވުމެވެ. މިގޮތުން އިސްރާ އާއި މިއުރާޖުގައި މުސްލިމުން ގަބޫލު ކުރަންޖެހޭ މިންވަރުގައި ބުއްދީގެ ހަމަތަކުން ބަލާއިރު މުސްތަހީލު އެއްވެސް ކަމެއް ނެތެވެ. މިސާލަކަށް ދެ އިދިކޮޅު އެއްވުމެއް ނުވަތަ އޭގެ ޒާތުގައި މުސްތަހީލުކަމެއް ހިމެނިފައި ވުމެއް މި ހާދިސާގައި ނެތެވެ. އެހެންކަމުން މިއީ ބުއްދީގެ ހަމައިން ބަލާއިރު ވެދާނެ (ޖާއިޒު) ކަމެކެވެ. އަދި ޝަރުއީ ގޮތުން ބަލާއިރު މިއީ ހަގީގަތުގައިވެސް ވެފައި އޮތް ކަމެކެވެ. 

ބުއްދީގެ ނަޒަރުން ބަލާއިރު އިސްރާ އާއި މިއުރާޖުގެ ހާދިސާއަކީ ބުއްދި ފޫއަޅުވަނިވި ކަމެއް ނޫނެވެ. ސަބަބަކީ މުއުޖިޒާތަކީ އެއްވެސް ހާލެއްގައި ބުއްދި ފޫއަޅުވާ ކަމަކަށް ނުވުމެވެ. ބުއްދި ފޫއެޅުވުމަކީ މުސްތަހީލު ކަމެކެވެ. މިއާ ހިލާފަށް މުއުޖިޒާތަކީ އާދަތައް ފޫއެޅުވުމެކެވެ. އެބަހީ ކައުނުގައި ކަންކަން ހިނގަން ﷲ ލައްވާފައިވާ ތަބީއީ ގާނޫނުތަކަށް ބަލާއިރު އާންމުކޮށް ކަން ހިނގާ އުސޫލާ ހިލާފަށް ކަމެއް ހިނގުމެވެ. މިއީ މުސްތަހީލު ކަމެއް ނޫނެވެ. ސަބަބަކީ ތަބީއީ ގާނޫނުތަކުގެ ވެރި ފަރާތަކީ ﷲ ކަމުގައިވާތީ އެވެ. އަދި ﷲ ގެ މުތުލަގު ކުޅަދުންވަންތަކަން އަބަދުވެސް އޮންނާތީ އެވެ. 

އިލްމީ ގޮތުން ބަލާއިރު ވަގުތަކީ ނިސްބީ އެއްޗެކެވެ. އެބަހީ އެކި ހާލަތުގައި އަދި އެކި މީހުންނަށް ވަގުތުގެ ދިގުމިން ތަފާތު ވެދާނެ އެވެ. އަދި ދުރުމިނަކީ ފަތްޖަހާލެވޭނެ އެއްޗެއް ކަމަށް ބުނާ ނަޒަރިއްޔާތައް ވެސް އެބަހުއްޓެވެ. ވީމާ އިލްމީ ގޮތުންނާއި ނަޒަރީ ގޮތުން ވަގުތަކީ މި ދެންނެވި ފަދަ ކަމަކަށް ވާއިރު ވަގުތު ހެއްދެވި ކަލާނގެ އަށް އިސްރާ އާއި މިޢުރާޖު އާދަތަކާ ހިލާފުވާ ވަގުތެއްގެ ތެރޭގައި މެދުވެރިވުމަށް އިރާދަ ނުކުރެއްވޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ.  

ހާދިސާއާ މެދު އުފައްދާ ބައެއް ޝުބުހާތަކާއި އޭގެ ރައްދު 

މި ހާދިސާ ގަބޫލު ނުކުރާ ބައެއް ފަރާތްތަކުން އުފައްދާ އެއް ޝުބުހާ އަކީ މިއީ ތަބީއީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނުމެވެ. މީގެ ޖަވާބުގައި ބުނަން ޖެހެނީ ތަބީއީ ގާނޫނުތަކަކީ ކައުނުގައި އާދަވެގެން ކަންކަން ހިނގުމަށް ﷲ ލައްވާފައިވާ އިލާހީ ސުންނަތްތަކެއް ކަމެވެ. މި ސުންނަތްތަކަކީ އިލާހީ ކުޅަދުންވަންތަ ކަމަށް އޮތް ގައިދެއް ނޫނެވެ. އެބަހީ މި ގާނޫނުތައް އޮތް ކަމުގައި ވިއަސް އޭގެ މައްޗަށް ބާރު ހިނގާ ގޮތަށް ﷲ ގެ މުތުލަގު ކުޅަދުންވަންތަކަން އަބަދުވެސް އޮންނާނެ އެވެ. ވީމާ ތަބީއީ ގާނޫނުތަކާ ހިލާފު ކަމެއް މެދުވެރި ކުރެއްވުމަކީ ﷲ އަށް މުސްތަހީލު ކަމެއް ނޫނެވެ. 

ދެވަނަ ޝުބުހާ އަކީ މުއުޖިޒާތެއް ވިއްޔާ ދެވަނަ ފަހަރަށް އެކަން ތަކުރާރު ވާން ޖެހޭނެ ކަމަށް ބުނުމެވެ. މީގެ ޖަވާބަކީ މުއުޖިޒާތަކީ ވަކި ޒަމާނަކަށް ނުވަތަ ވަކި ތަނަކަށް ނުވަތަ ވަކި ހާލަތަކަށް ގުޅިފައިވާ ހާއްސަ ކަމެކެވެ. ވީމާ މިއީ ތަޖުރިބާކޮށް އަލުން ދެވަނަ ފަހަރަށް ހިނގަން ޖެހޭ ކަމެއް ނޫނެވެ. އައްޝާޠުބީ ވިދާޅުވާ ގޮތުގައި "މުއުޖިޒާތަކީ ތަކުރާރު ވުމާ ގުޅޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ ﷲ ގެ ހަޒުރަތުން އަންނަ ގޮންޖެއްސެވުމަކާ ގުޅުން ހުރި ކަމެކެވެ."

ތިންވަނަ ޝުބުހާ އަކީ މިއީ ހަގީގީ ކަމެއްގެ ބަދަލުގައި މިއީ ރަމްޒީ ކަމެއް ކަމަށް ބުނުމެވެ. މީގެ ޖަވާބަކީ ޤުރްއާނުގައި ބަޔާންކުރާ އެއްވެސް ކަމެއް ދަލީލަކާ ނުލައި ތައުވީލު ކުރުމަކީ އެކަމެއް އިންކާރުކޮށް ބަލައި ނުގަތުން ކަމުގައި ވެގެންދާނެ އެވެ. ޤުރްއާނުގައި ބަޔާން ކުރާ ކޮންމެ ކަމެއްގެ ވެސް އަސްލަކީ ހަގީގަތެވެ. ކަމެއް މަޖާޒަށް ފުރޮޅިގެން ދާނީ އެއީ މަޖާޒެއް ކަމަށް ގަރީނާ އެއް އޮތިއްޔާ އެވެ. މި ހާދިސާ ބަޔާން ކުރުމުގައި ޤުރްއާނުގައި ވެސް އަދި ސުންނަތުގައި ވެސް ތައުވީލަކަށް އެއްވެސް ޖާގައެއް ނެތެވެ.

ވީމާ އިސްރާ އާއި މިއުރާޖުގެ ހާދިސާއިން ދައްކައި ދެނީ އިންސާނާގެ ބުއްދިން ހުރިހާ ހަގީގަތްތަކަކަށް ވާސިލެއް ނުވެވޭނެ ކަމެވެ. އަދި ޣައިބަކީ އޭގެ ބާރު ވަކި ފަރާތަކަށް ލިބިގެންވާ އާލަމެއް ކަމެވެ. އެ އާލަމުގައި ހިނގާ ކަންކަމަށް ބުއްދިން އެކަނި ދަލީލެއް ނުދެއްކޭނެ އެވެ. އެހެންކަމުން މި ހާދިސާ ގައި މިންކުރަން އޮތް ވަސީލަތަކީ ވަހީ (ޤުރްއާނާއި ސުންނަތް) އެވެ. ކަށަވަރު ކުރަންޖެހޭ ހަމައެކަނި ކަމަކީ ވަހީ އަހަރެމެންނާ ހަމައަށް ވާސިލުވެފައި ވަނީ ސައްހަ ގޮތުގައި ތޯ އެވެ. މިގޮތުން މި ހާދިސާގައި މައިގަނޑު ކަންކަމުގައި ސައްހަކަން ކަށަވަރެވެ. ބައެއް ކުދިކުދި ތަފުސީލުތަކުގައި ސައްހަކަން ކަށަވަރު ނުވުމަކީ މުޅި ހާދިސާ އިންކާރު ކުރަން އޮތް ސަބަބެއް ނޫނެވެ