ޚިޔާލު / ދީން

ނަބަވީ ހިޖުރައިން ދަސްވާ ގިޔަމުތައް

މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މާތްވެގެން މިސްކިތުގައި ބަޔަކު ހަރަކާތްތެރިވަނީ.

ކީރިތި ނަބިއްޔާ ﷺ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވެވި ހިޖުރަ އަކީ ހަމައެކަނި ތަން ބަދަލު ކޮށްލުމަށް ނުވަތަ ހަމައެކަނި ބައެއްގެ ދުއްތުރާތަކުން ސަލާމަތް ވުމަށް ކުރެވުނު ހިޖުރައެއް ނޫނެވެ. ނަމަވެސް އެއީ އިސްލާމީ ދައުވަތުގެ ތާރީޚުގައި އައި ޙަޟާރީ މުހިންމު ބަދަލެއްގެ ފެށުމެކެވެ. މި މަތިވެރި ހިޖުރައިން ލިބޭ ފިލާވަޅުތައް ވެސް އެހާމެ ގިނަ އެވެ.

އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްކަމަކީ އިންސާނީ ދިރިއުޅުމުގައި ދަމަހައްޓަން ވަރަށް މުހިންމު ވަރަށް އަގުބޮޑު ގިޔަމު (ވެލިއު) ތަކެއް އެ ހިޖުރައިން ދަސްވެގެން ދިއުމެވެ. އީމާންކަމާއި އިޖުތިމާއީ ގުޅުންތަކާއި ރިވެތި އަހުލާގާއި އިންސާނިއްޔަވަންތަ ކަމާ ގުޅުން ހުރި އަދި އަބަދުވެސް އޭގެ ބޭނުން ހިފޭނެ ގިޔަމުތަކެއް ދަސްވުމެވެ. އެހެންކަމުން މި ގިޔަމުތަކަކީ ކޮބައިކަމާއި މީގެ ބޭނުން މިއަދު ހިފާނީ ކިހިނަކުން ކަން ކޮންމެ މުސްލިމަކު ވެސް ދެނެގަތުން މުހިންމެވެ.

ހިޖުރައިން ދަސްވާ އަސާސީ ގިޔަމުތައް

ހިޖުރައިން ދަސްވާ އެއް ގިޔަމަކީ، ﷲ އަށް އީމާންވުމާއި އެކަލާނގެ އަށް އިތުބާރު ކުރުމުގެ މުހިންމު ކަމެވެ. ހިޖުރައިގައި މާތް ނަބިއްޔާ ﷺ ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އިންނެވި ހިނދު އަބޫބަކުރުގެފާނަށް ވިދާޅުވި ބަސްފުޅަކީ "ކަލޭގެފާނު ދެރަފުޅުވެ ވަޑައި ނުގަންނަވާށޭ، ހަމަކަށަވަރުން މާތް ﷲ ތިމަންމެންނާ އެކުގައި ވޮޑިގެންވެޔޭ" އެވެ. (އައްތައުބާ 40) މިއިން އެކަލޭގެފާނުގެ އީމާންތެރިކަމާއި ﷲ އަށް އިތުބާރު ކުރައްވާ މިންވަރު ހާމަވެ އެވެ. ބޭރުފުށުން ފެންނަން ހުންނަ ކަންކަމާއި ސަބަބުތަކުގެ އިތުރުން އަހަރެމެންނަށް ނުފެންނަ ފަށުގައި ފޮރުވިފައިވާ އެތައް ކަމަކާއި ސަބަބުތަކެއް ވެސް ﷲ ގެ ފުރިހަމަ އިރާދަތުގެ ތެރޭގައި ވާނެކަން ގަބޫލު ކުރުމަކީ މި ގިޔަމު ދެމެހެއްޓުމަށް ލިބޭ ބާރެކެވެ.

ހިޖުރައިން ދަސްވާ ދެވަނަ ގިޔަމަކީ، ތިމާ ގަބޫލު ކުރާ އަގީދާ އާއި އުސޫލުތައް ހިފެހެއްޓުމަށްޓަކައި ގުރުބާން ވުމުގެ މުހިންމު ކަމެވެ. ހިޖުރައިގެ ހާދިސާގައި ފެނިގެން ދިޔައީ ސަހާބިއްޔަ ބޭކަލުން އެބޭކަލުންގެ ގެދޮރާއި ބިންތަކާއި ދަނޑުތަކާއި މުދާތައް ދޫކުރައްވައި ދީނަށްޓަކައި ގުރުބާންވި ތަނެވެ. ދެތިން ބޭކަލަކު ދުނިޔަވީ ބޭނުމަކަށް ހިޖުރަ ކުރެއްވިޔަސް އަޣުލަބިއްޔަތު ހިޖުރަ ކުރެއްވީ ދީނަށްޓަކައެވެ. އެބޭކަލުން މައްކާ އިން ނެރެލެވުނީ ވެސް އަނިޔާވެރި ގޮތުގަ އެވެ. މިކަން ކީރިތި ޤުރްއާނުގެ އަލްޙައްޖު ސޫރަތުގެ 40 ވަނަ އާޔަތުގައި ބަޔާންވެފައި ވެ އެވެ. މިއަދު ގިނަ ބައެއްގެ ދިރިއުޅުން ބިނާ ކުރަނީ މުޅިން ވެސް ބޮޑަށް މާއްދިއްޔަތުގެ މައްޗަށެވެ. އެހެންކަމުން ދީނަށްޓަކައި ނުވަތަ އަބުރާއި އިއްޒަތަށްޓަކައި ނުވަތަ ގައުމަށްޓަކައި ފަދަ މައުނަވީ ކަންކަމުގައި ގުރުބާން ވާން ދަސްކުރަން ޖެހެ އެވެ.

ތިންވަނަ ގިޔަމަކީ، ކަންކަން ރޭވުމާއި ސަބަބުތަކުގައި ހިފުމެވެ. ކީރިތި ރަސޫލާ ﷺ އަކީ އިލާހީ އިނާޔަތުގެ ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވީ ހިނދު ވެސް އެކަލޭގެފާނު ހިޖުރަ އަށް ވަރަށް ބޮޑަށް ރޭއްވެވި އެވެ. ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި އަބޫބަކުރުގެފާނު އިޚުތިޔާރު ކުރެއްވުމާއި އެކަލޭގެފާނުގެ ދާންކޮޅުގައި އޮންނަވަން ޢަލީގެފާނަށް ހަވާލު ކުރެއްވުމާއި ދަތުރުގައި ތަޖުރިބާކާރު އާރުކާޓީއެއް އިޚުތިޔާރު ކުރެއްވުމާއި ހޮހަޅައެއްގައި ތިއްބެވުމާއި ޒުވާނުންނާއި އަންހެން ކަނބަލުން އެކި ކަންކަމުގެ ޒިންމާތަކަށް ހަވާލު ކުރެއްވުން ފަދަ ރޭއްވެވުންތައް ހިޖުރައާ ގުޅިފައި ވެ އެވެ. މިއިން އެނގެނީ އީމާން ކަމަކީ އެއްގޮތަކަށް ވެސް ސަބަބުތަކުގައި ހިފުން ދޫކޮށްލަން ޖެހޭ ކަމެއް ނޫން ކަމެވެ. އެއާ ޚިލާފަށް ހަގީގީ ވަކީލު ކުރުމަކުން ﷲ އަށް ވަކީލު ކުރެވޭނީ ސަބަބުތަކުގައި ހިފައިގެންނެވެ

ހިޖުރައިގެ ހާދިސާ އަކީ އެތައް ސަތޭކަ އަހަރެއް ވީ ހާދިސާއެއް ކަމުގައި ވިއަސް "ޖިހާދު ކުރުން ލާޒިމުވާހާ ހިނދަކު ހިޖުރަ މެދުކެނޑިގެން ނުދާނެ" އެވެ. އަދި ކުށް ކުރުމާއި ފިތުނަތަކާއި ފާފަ ކުރުމާއި ޖާހިލުކަން ދެމި އޮންނަހާ ހިނދަކު މައުނަވީ ހިޖުރަ މެދުކެނޑިގެން ނުދާނެ އެވެ.

ހަތަރުވަނަ ގިޔަމަކީ، އަމާނާތްތެރިކަމާއި ވަފާތެރިކަމެވެ. މާތް ނަބިއްޔާ ﷺ އާ ހަވާލު ވެފައިވާ އަމާނާތްތައް (އޭގެ ތެރޭގައި ޣައިރު މުސްލިމުންގެ އަމާނާތްތައް ވެސް ހިމެނޭ ގޮތަށް) އޭގެ ވެރިންނަށް ހަވާލު ކޮށްދޭން ޢަލީގެ ފާނަށް ހަވާލު ކުރެއްވި އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެކަލޭގެފާނަކީ ﷲ ގެ ތައުރީފުގެ ބަސްފުޅުގައިވާ ގޮތުން އެންމެ ރިވެތި ޚުލުގުފުޅުގެ މަތީގައިވާ ބޭފުޅެކެވެ. (އަލްޤަލަމް 4).

ފަސްވަނަ ގިޔަމަކީ، އުޚުއްވަތްތެރިކަމާއި އިޖުތިމާއީ ތަކާފުލެވެ. މިގޮތުން މަދީނާ އަށް ވަޑައިގަތުމަށް ފަހު، އެކަލޭގެފާނު މުހާޖިރުންނާއި އަންޞާރުންނާ ދެމެދު އަޚު ކުރެއްވި އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން މުދަލާއި ގެދޮރާއި މަސައްކަތް އަދި ކިއެއްތަ، ކައިވެނި ކުރައްވާނެ ބޭފުޅުން ދެއްވުމުގައި އަންސާރުން ވަރަށް ބޮޑަށް މުހާޖިރުންނަށް އެހީތެރިވި އެވެ. ހަމައެއާ އެކު، މުހާޖިރުން ވެސް މަސައްކަތުގެ ގޮތުން އަންސާރުންނަށް އެހީތެރިވެ ދެއްވި އެވެ. މިކަމަށް ކީރިތި ޤުރްއާނުގައި ތައުރީފު ކުރެވިފައި ވެ އެވެ (އަލްޙަޝްރު 9). މިއަދު ކޮންމެ މީހަކު ވެސް އަމިއްލަ މަސްލަހަތެއް އޮވެގެން ނޫނީ ކަމެއް ނުކުރަން އާދަވެފައިވާ އިރު މި ގިޔަމު އަލުން އަނބުރައި މުޖުތަމައަށް ގެންނަން އެބަ ޖެހެ އެވެ.

ހަވަނަ ގިޔަމަކީ، ތަފާތުތަކާ އެކު ވެސް ގުޅިގެން އުޅުމެވެ. މާތް ނަބިއްޔާ މަދީނާ އަށް ވަޑައިގެންނެވި އިރު އެތަނުގައި ޔަހޫދީންނާއި މަސީހީން ދިރިއުޅެމުން ގެންދިޔައެވެ. މުސްލިމުންގެ ތެރޭގައި ތަފާތު ގަބީލާތައް އޮތެވެ. ދިރިއުޅުމުގެ ކަންކަމުގައި ތަފާތު ޚިޔާލުތައް އޮތެވެ. ނަމަވެސް މި ހުރިހާ ތަފާތުތަކާ އެކު އެންމެން ގުޅިގެން އެކަކު އަނެކަކަށް އިހުތިރާމު ކޮށްގެން އެހެން ނަމަވެސް މުސްލިމުންގެ އަގީދާ އާއި އަހުލާގަށް ގެއްލުމެއް ނުލިބޭ މިންވަރުން އުޅެން އާދަ ކުރި އެވެ. މިއަދު ކޮންމެ މުޖުތަމައެއްގައި ވެސް ތަފާތު ދީންތަކާއި މަޒުހަބުތަކާއި ފިކުރީ ތަފާތުތައް އެބަ އޮތެވެ. މި ތަފާތު ތަކަށް އިހުތިރާމު ނުކުރެވޭ ނަމަ އެކުގައި އުޅެން އުނދަގޫވާނެ އެވެ.

ހިޖުރައިގެ ގިޔަމުތަކުން ލިބިގަންނަން ޖެހޭ ފިލާވަޅުތައް

މަތީގައި ބަޔާންކުރި ކޮންމެ ގިޔަމަކީ ވެސް މިއަދު އޭގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާ ގިޔަމު ތަކެކެވެ. އެހެންކަމުން އެ އިން ކޮންމެ ގިޔަމެއް ވެސް (މަތީގައި ބަޔާންކުރި ގޮތަށް) ދަމަހައްޓަން މަސައްކަތް ކުރަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ހިޖުރައިން ލިބިގަންނަން ޖެހޭ އެހެން ބައެއް ފިލާވަޅުތައް އެބަހުއްޓެވެ. އެއް ކަމަކީ، ﷲ އަށާއި ރަސޫލާ އަށްޓަކައި ހިޖުރަ ކުރުމެވެ. މި ހިޖުރައިގެ އެއް ބާވަތަކީ މާއްދީ ހިޖުރަ އެވެ. އެއީ އިސްލާމް ދީނުގެ މަގުސަދުތައް ދެމެހެއްޓުމަށްޓަކައި ވަކި ތަނެއް ދޫކޮށް ދާން ޖެހިއްޖެ ނަމަ ދިއުމެވެ.

ދެވަނަ ބާވަތަކީ މައުނަވީ ހިޖުރައެވެ. މިގޮތުން ﷲ އަށް ޒިކުރު ކުރުމުގައި ޣާފިލުވުން ހިޖުރަ ކުރަން ޖެހެ އެވެ. ﷲ އަށް ކިޔަމަން ގަތުމުގައި އުރެދުން ހިޖުރަ ކުރަން ޖެހެ އެވެ. ޝަރީއަތަށް ބޯ ލެނބުމުގައި ހަވާނަފްސު ހިޖުރަ ކުރަން ޖެހެ އެވެ. އަދި އެންމެ މުހިންމު ހިޖުރައެއްގެ ގޮތުގައި އިސްލާހުގެ މަތީ ހުރުމަށްޓަކައި ފަސާދަ ހިޖުރަ ކުރަން ޖެހެ އެވެ. އިދާރީ ގޮތުންނާއި މާލީ ގޮތުންނާއި ވެށީގެ ގޮތުން ފަސާދައިގައި މިއަދު އުޅެމުންދާ ހިނދު މި ފަސާދަތައް ހިޖުރަ ކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި ނަޒާހަތްތެރިކަމާއި އިސްލާހަށް އެނބުރި ދާން ޖެހެ އެވެ.

ދެވަނަ ކަމަކީ، ޣައިރު މުސްލިމުންނާ އެކުގައި އުޅޭ އިރު ވިސްނުންތެރި ކަމާ އެކު އެހެން ނަމަވެސް އެ މީހުންނާ ގުޅިގެން އުޅެން ދަސް ކުރުމެވެ. އަމިއްލަ އައިޑެންޓިޓީ ގެއްލުވާ ނުލަ އެވެ. ދީނަށާއި ސަގާފަތަށް ރައްކާތެރި ވެގެންނެވެ. ދޫދެވެން ނެތް އެއްވެސް ކަމެއްގައި ދޫނުދީ އެވެ.

ހިޖުރައިން ފިލާވަޅު ލިބިގަނެ މިއަދު ތަތުބީގު ކުރަން ޖެހޭ ތިންވަނަ ކަމަކީ، މުހާޖިރުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް ނަސްރު ދީ އެހީތެރި ވުމެވެ. އެކި ކަހަލަ ކާރިސާތަކާއި ހަނގުރާމަތަކާއި އަނިޔާވެރިކަން ފަދަ ކަންކަމާ ގުޅިގެން އެހީތެރިކަމަށް އެދޭ އެތައް ބަޔަކު މިއަދު އެބަތިއްބެވެ. އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދީ ވާގިވެރިވާން ޖެހެ އެވެ.

ހަތަރުވަނަ ކަމަކީ، އަޅުގަނޑުމެންގެ ތަފާތު އެކި ނިޒާމުތަކާއި މުއައްސަސާތަކުގައި ހިޖުރައިން ދަސްވި ގިޔަމުތައް ދަމަހައްޓަން މަސައްކަތް ކުރުމެވެ. މިގޮތުން އީމާންކަމާއި އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާއި ދެފުށް ފެނުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އުޚުއްވަތްތެރިކަން ފަދަ ރިވެތި އެންމެހާ ގިޔަމުތައް ދަމަހައްޓަން ޖެހޭނެ އެވެ.

ހިޖުރައިގެ ހާދިސާ އަކީ އެތައް ސަތޭކަ އަހަރެއް ވީ ހާދިސާއެއް ކަމުގައި ވިއަސް "ޖިހާދު ކުރުން ލާޒިމުވާހާ ހިނދަކު ހިޖުރަ މެދުކެނޑިގެން ނުދާނެ" އެވެ. އަދި ކުށް ކުރުމާއި ފިތުނަތަކާއި ފާފަ ކުރުމާއި ޖާހިލުކަން ދެމި އޮންނަހާ ހިނދަކު މައުނަވީ ހިޖުރަ މެދުކެނޑިގެން ނުދާނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިންވާހަކަދައްކާ

29 June 2025

ގިޔަމުއެއީ ކޯއްޗެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454