ރާއްޖޭގައި މިވަގުތު ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭ ހިމެނޭ އަދި އއ. ތޮއްޑޫގެ މުހިއްމު ޝަހުސިއްޔަތެއް ކަމަށްވާ އެ ރަށު ރަވްވިލާގޭ ފާތިމަތު މުހައްމަދު (ކަތީބު ކަލޭފާނުގޭ ފާތާނިކެ) މިއަދު ނިޔާވެއްޖެ އެވެ.

އައިޑީ ކާޑު ބުނާ ގޮތުގައި ފާތާނިކެގެ އުމުރަކީ 92 އެވެ. އެކަމަކު އާއިލާ އިން ކަށަވަރުކޮށްދޭ ގޮތުގައި އޭނާގެ އުމުރު މިހާރު އުޅެނީ 105 ގަ އެވެ.

ފާތާނިކެގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރުނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގަ އެވެ.

މީގެ ދެ އަހަރު ކުރިން "މިހާރު" ގެ ނޫސްވެރިން ތޮއްޑުއަށް ކުރި ދަތުރެއްގައި ފާތާނިކެއާ ބައްދަލުވެ، ވާހަކަދައްކާލައި ފޮޓޯ ނަގާ ހެދި އެވެ. ގޭގެ ސިޓިންރޫމްގެ ސޯފާގައި އިށީނދެގެން އިންދައި ނެގި ފޮޓޯއެއް ދެއްކުމުން ވަރަށް ހިތްހަމަޖެހި "ރީތިދ؟" އޭ ބުނެ އިތުރު ފޮޓޯ ނަގަން އެދުނެވެ. ދެން އެދުނީ ފްރޭމްކޮށްފައި ފޮޓޯއެއް އޭނާ އަށް ފޮނުވައިދޭށެވެ.

ފާތިމަތު: މިހާތަނަށް ދިމާވި އެންމެ އުފާވެރި ކަމަކީ ކޮބައިތޯ އެހުމުން ބުނީ މިހާރަކު ހަނދާނެއް ނެތް ކަމަށެވެ. "ލައްކަ ކަމެއް އޮންނާނެ" ކަމަށް ބުންޏެވެ. ތޮއްޑޫގައި ދަނޑުވެރިކަން ކުރަން އުޅުނު ހަނދާންތައް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ކަމުދާ ގޮތަކަށް ފޮޓޯއެއް ނެގިއްޖެތޯ ވެސް ދޭތެރެއަކުން އެހި އެވެ.
ފާތިމަތު: މިހާތަނަށް ދިމާވި އެންމެ އުފާވެރި ކަމަކީ ކޮބައިތޯ އެހުމުން ބުނީ މިހާރަކު ހަނދާނެއް ނެތް ކަމަށެވެ. "ލައްކަ ކަމެއް އޮންނާނެ" ކަމަށް ބުންޏެވެ. ތޮއްޑޫގައި ދަނޑުވެރިކަން ކުރަން އުޅުނު ހަނދާންތައް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ކަމުދާ ގޮތަކަށް ފޮޓޯއެއް ނެގިއްޖެތޯ ވެސް ދޭތެރެއަކުން އެހި އެވެ.

ފާތަނިކެއަކީ އޭނާގެ ޒުވާން ދުވަސްވަރު ތޮއްޑޫގެ އިޖުތިމާއީ ހަރަކާތްތަކުގެ މުހިއްމު ބައިވެރިއެކެވެ. ހާއްސަކޮށް އެ ރަށު އަންހެނުން އިސްނަގައިގެން ކުރި ކޮންމެ ކަމެއްގައި ވެސް އޭނާގެ ހިއްސާ އޮތެވެ. މުޅި ރާއްޖެ އަށް މަޝްހޫރު ތޮއްޑޫ ބަނޑިޔާ ގްރޫޕާ އެކު ރަށްރަށަށް ގޮސް، އެ ކުޅިވަރު ދަސްކޮށްދިނުމުގެ މަސައްކަތުގައި ވެސް އުޅުނެވެ. އަތްތެރި މަސައްކަތުގެ ހުނަރުވެރިއެއް ވެސް ކަމަށްވާ ފާތާނިކެ ވަނީ މަގޫ ގަހުން މާ ހަދައިގެން ސަރުކާރުގެ އިނާމެއް ވެސް ހޯދައިފަ އެވެ.

ފާތާނިކެގެ 8 ކުދިންގެ ތެރެއިން ދުނިޔޭގައި ތިބީ ފަސް ކުދިންނެވެ. އޭގެ ތެރެއިން މުހައްމަދު މުބާރިކުގެ ގައިގެ ކުލަ އާއި އިސްތަށިގަނޑުވެ ކުލަ އާދަޔާހިލާފަށް ހުދުކަމުން އޭނާ ދެކިލަން ރަދުން މުހައްމަދު ފަރީދު ދީދީ އެ ރަށަށް ކުރެއްވި ދަތުރަކީ، ތާރީހާ ގުޅިފައިވާ ހާދިސާއެކެވެ.

މުބާރިކަކީ އަލްބައިނޯ ކުއްޖަކަށް ވުމުން ހަންގަނޑާއި، އިސްތަށިގަނޑު ހުދުވިޔަސް، އެއީ ހޭލުންތެރިކަން ކުޑަ ޒަމާނަކަށްވުމުން، އޭނާ އަކީ ހާއްސަ ކުއްޖެއް ކަމަށް ދެކި، އޭޕްރިލް، 1963 ގައި ރަދުން މާލޭން ދަތުރުފުޅު ހައްދަވައިގެން ސީދާ އެ ރަށަށް ވަޑައިގެންނެވީ އެވެ.

ރަދުން މުހައްމަދު ފަރީދު ދީދީ (ކ) މުބާރިކު އާ އެކު ފޮޓޯއެއް ނަންގަވަނީ. ކައިރީގައި ފާތާނިކެގެ ފިރިމީހާ ތޮއްޑޫ މޫސާ ކަލޭފާނު.
ރަދުން މުހައްމަދު ފަރީދު ދީދީ (ކ) މުބާރިކު އާ އެކު ފޮޓޯއެއް ނަންގަވަނީ. ކައިރީގައި ފާތާނިކެގެ ފިރިމީހާ ތޮއްޑޫ މޫސާ ކަލޭފާނު.

ރަދުން އެ ގެޔަށް ޒިޔާރަތްކުރެއްވުމުން މުބާރިކުގެ ބައްޕަ ތޮއްޑޫ މޫސާ ކަލޭފާނު، އޭނާ ރީތިކޮށް ނަލަ ގެނެސް ރަދުން އަރިހުގައި އެގޭ އަށީގައި ބައިންދައިގެން ފޮޓޯއެއް ވެސް ނެގި އެވެ.

އެ ދުވަސްވަރު އެއް ދުވަހު މުބާރިކު ނިންދަވަން ފާތާނިކެ ފަރިއްސަ ކިޔަން އިންދާ، އޭރު ރަށަށް ފޮނުވާލާފައި ހުރި ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޙް އަބްދުﷲ ފަހްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) މަޑުކުރެއްވި އެވެ. އަދި އެއީ ކުދިން ނިންދަވަން ކިޔާ ޒާތުގެ ފަރިއްސެއް ނޫން ކަމަށް ވިދާޅުވެ އެދިވަޑައިގަތީ އަނެއް ދުވަހު އަސުރަށް ފަހު އައުމަށެވެ.

އަނެއް ދުވަހު ފާތާނިކެ ދިއުމުން ކަރުދާސްކޮޅެއްގައި ލިޔުއްވާފައި ދެއްވީ ޖޭމު ދޮންކަމަނަގެ އަޑުން ފަހުން މަޝްހޫރުވި އެ ނާނާ "މި ކުޑަކުޑަ ލޯބި ނާނާ" އެވެ. އެއީ ޖަލާލުއްދީން އެ ދުވަހު ހެއްދެވި ނާނާއެއް ކަމެއް ނުވަތަ ކުރިން ހައްދަވާފައިވާ އެއްޗެއް ކަމެއް ކަށަވަރެއް ނޫނެވެ.

ފާތަނިކެ ވަނީ ފިރިމީހާ ނިޔާވުމުން ވެސް ކުރީގެ ހީވާގި ކަމުގައި ވަރަށް ގިނަ މަސައްކަތް ކުރި އެވެ. އޭނާ އޭރު ބުނި ގޮތުގައި އެހާ ގިނަ ދުވަހު އެނދުމަތި ނުވެ، އެގޮތުގައި ދެމިހުރެވުމުގެ ސިއްރަކީ ހެލިފެލިވެ އުޅުމެވެ.

އެ ދުވަހު "މިހާރު" ގެ ފޮޓޯގްރާފަރު ފަޔާޒު މޫސާ ފޮޓޯ ނަގަން ފެށުމުން އިރުކޮޅަކަށް ކެމެރާއަށް ބަލަން އިނދެފައި، އެހީ ގިނަ ފޮޓޯ ނަގަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބު ވެސް އަމިއްލަ އަށް ދިނެވެ.

"އޭރަށް ނޫހުން ފެންނާނެ ދޯ މަ މަރުވިޔަސް."