ރަޝިޔާ އަންހެނަކަށް ވަރަށް އާދަޔާޚިލާފު ގޮތަކަށް ކުއްޖަކު މަރުން ސަލާމަތް ކުރެވިއްޖެ އެވެ.

ރަޝިޔާގެ ހުޅަނގުގައި އޮންނަ ޓަޓަރަސްތާންގައި 10 އަހަރުގެ ފިރިހެންކުއްޖަކު ގެއްލިގެން އޭނާ ހޯދަން ވަރަށް ވަރުގަދަ 120 ވޮލަންޓިއަރުން މަސައްކަތް ފެށި އެވެ. ގޫލިއާ ޔަރުއްލީނާ، 31، އަކީ މި ވޮލަންޓިއަރުންގެ ތެރޭގައި ހިމެނުނު މީހެކެވެ.

މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަގުމަތީ ކޮނެފައި އޮތް ވަޅުގަނޑަކަށް ގޫލިއާ ވެއްޓުނީ އެވެ. ވަޅުގަނޑުގެ މަތީ ބައި އޮތީ ސްނޯއިން ފޮރުވިފައި ކަމުން އޭނާއަށް އެ ވަޅުގަނޑު ނުފެނެވެ. ވަޅުގަނޑަށް އޭނާ ވެއްޓުމާ އެކު އެއަށް ވުރެ ބޮޑު ޝޮކެއް ލިބުނެވެ. އެމީހުން ގެއްލިގެން ހޯދަމުން ދިޔަ ބުރަޓް ނަމަކަށް ކިޔާ ކުއްޖާ އެ ވަޅުގަނޑު ތެރޭގައި ނިދާފައި އޮތީމަ އެވެ.

އެންޓީވީއާ ވާހަކަ ދައްކަމުން ގޫލިއާ ބުނީ އޭނާ ފުރަތަމަ ހީކުރީ އެ ފިރިހެންކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

"ވަޅުގަނޑަށް ވެއްޓުމާ އެކު އަހަންނަށް ބިރުން ހަޅޭއްލަވަން ފެށުނީ. އަހަރެން ހަޅޭއްލަވާ އަޑަށް އެ ކުއްޖާ އަށް ހޭލެވިގެން އޭނާ ވެސް ބިރުން ހަޅޭއްލަވަން ފެށީ. އަހަރެން އޭނާ ކައިރީ ބުނިން ބިރުނުގަންނާށޭ. އަހަންނަކީ އޭނާ ގެއްލިގެން ހޯދަން މަސައްކަތް ކުރާ މީހުންގެ ތެރެއިން މީހެކޭ. އެންމެ ފަހުން މިއޮއް ފެނުނީ ނޫންހޭ. އޭނާ އުފަލުން ގޮސް ފުމެން ފެށި،" ގޫލިއާ ބުންޏެވެ.

ރަޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ފަހުން ބުނީ ވޮލަންޓިއަރު ވަޅުގަނޑު ތެރެއަށް ނުވެއްޓުނު ނަމަ އެ ކުއްޖާ ވަޅުގަނޑު ތެރޭގައި ހުރި ކަން އެކަކަށް ވެސް ނޭނގުނީސް ކަމަށެވެ. އަދި އެގޮތަށް ވަޅުގަނޑު ތެރޭ އޭނާ ގަޑިއެއްހާ އިރު އިތުރަށް ހުންނަން ޖެހުނު ނަމަ ފިނިވެގެން ގޮސް މަރުވީސް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ވަޅުގަނޑަށް ވެއްޓުމުގެ ސަބަބުން ގޫލިއާގެ ބުރަކައްޓަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ވަޅުގަނޑުގައި އޮވެގެން ފޯނުން އޭނާ ވަނީ އެހެން މީހުންނަށް އޭނާ އާއި ކުއްޖާ އޮތް ވަޅުގަނޑު ބުނެދީފަ އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އާއި އެ ކުއްޖާ ސަލާމަތްކުރި އެވެ.

އޭރު ކުއްޖާ އަށް ވަނީ ގަދަ ފިނީގައި ގިނައިރު އޮތުމުގެ ސަބަބުން ސިއްހީ ނުރައްކާތަކެއް ކުރިމަތިވެފަ އެވެ. އެހެންވެ ވަގުތުން އޭނާ ހޮސްޕިޓަލަށް ފޮނުވައިގެން ފަރުވާ ދިނުމަށް ފަހު މިހާރު ކުއްޖާ ހުރީ ގޭގައި އާއިލާއާ އެކުގަ އެވެ.

ރަޝިޔާ ނޫސްވެރިން ކައިރީ ކުއްޖާ ބުނީ ވަޅުގަނޑަށް ވެއްޓުމުން ހަވީރު ވަންދެން ހުއްޓާނުލާ ހަޅޭއްލެވި ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް އަޑު ނީވުނު ކަމަށާއި އެންމެ ފަހުން ވަރުބަލިވެގެން ގޮސް ނިދުނީ ކަމަށެވެ.