"އެންމެ ރީތި ކުއްޖާ"ގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން

ރަޝިޔާގެ އެންމެ ހަ އަހަރުގެ އަނަސްޓޭސިއާ ނިޔަޒީވާ އަކީ ދުނިޔޭގެ އެންމެ ރީތި އަންހެންކުއްޖާ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މި ކުއްޖާ ޕްރޮމޯޓް ކުރުމަށް އެ ކުއްޖާގެ މަންމަ ހިންގާ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު ވެސް ބައި މިލިއަނަށް އަރަ އެވެ. ވިލު ނޫކުލައިގެ ކަޅިއެއް އިންނަ، މި ކުއްޖާގެ ރީތިކަމަށް މީހުން ކުރަމުން އަންނަ ތައުރީފާ އެކު އެ ކުއްޖާގެ ރައްކާތެރިކަމާ މެދު ބައެއް މީހުން މިހާރު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


އަނާ-ނިޔަޒީވާ-އޮފިޝަލް ނަމުގައި ހަދާފައިވާ މި ކުއްޖާގެ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކުރާ މި ފޮޓޯތަކާއި ވީޑިއޯތަކުގެ ތެރެއިން ކޮންމެ ފޮޓޯއަކަށް ވެސް މަދުވެގެން އެއް ލައްކަ ލައިކްސް ލިބެ އެވެ.

އިންސްޓަގްރާމަށް ލާފައި ހުންނަ މި ކުއްޖާގެ ގިނަ ފޮޓޯތަކަކީ ޕްރޮފެޝަނަލް ފޮޓޮގްރާފަރުން ނަގާފައި ހުންނަ ފޮޓޯތަކެވެ. ކުއްޖާގެ ރީތިކަން މި ފޮޓޯތަކުން ވަރަށް ރީއްޗަށް ހާމަވެ އެވެ. މިހާ ރީތި ކުއްޖަކު ނުދެކޭ ކަމަށް ބުނެ އެތައް ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓްކޮށްފައި ވެސް ހުރެ އެވެ.

ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަނީ މިހާ ކުޑަ ކުއްޖެއްގެ ރީތިކަމާ ބެހޭ ގޮތުން ޖަޖްކޮށް މި ދަރަޖައަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ. އަދި މި ކުއްޖާ ނަމޫނާއެއްގެ ގޮތުގައި ބަލައިގެން މި އުމުރުގެ އެހެން ކުދިންގެ އުޅުމަށް އަތުވެދާނެ ބަދަލަކާ މެދު ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ހަ އަހަރުގެ އަނަސްޓީސިއާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ މީހުން ވެސް އެބަތިބި

"މިހާ ކުޑައިރު އެންމެ ރީތި ކުއްޖާގެ ގޮތުގައި ކުއްޖާ މަޝްހޫރުކުރުމުން އޭނާއަށް ވެސް އޭނާއަކީ އެންމެ ރީތި ކުއްޖާ ކަމަށް ގަބޫލުކުރެވި އެގޮތަށް ދިރިއުޅެން ބޭނުންވެ އެނޮރެކްސިއާ އަދި ބްލޫމިއާ ކަހަލަ ބަލިތަކުގެ ޝިކާރައަކަށް ވުމަކީ ވަރަށް އެކަށިގެންވާ ކަމެއް،" ޕޮލީމޯފް2 ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ކުޑަކުދިންނާ ބެހޭ މީހުންގެ ޝިކާރައަކަށް މި ކުއްޖާ ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައިވެ އެވެ. އަދި މިފަދަ ކަންބޮޑުވުންތަކާ ހެދި އެ ކުއްޖާގެ މިނިވަންކަން ގެއްލިދާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ޕޭރެންޓިން އެކްސްޕާޓް ސްޓެފިނީ އޯލީރީ ވިދާޅުވީ ކުޑަކުދިންގެ ނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތައް ހަދައިގެން އެއަށް ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ޕޯސްޓްކުރުމުގައި ފޮރުވިފައިވާ ބޮޑެތި ނުރައްކާތަކެއް ހުރި ކަމަށެވެ. މިގޮތަށް ކުއްޖާގެ ފޮޓޯތައް ޝެއާ ކުރުމުން، ކުއްޖާ ދިރިއުޅޭ ތަނަކާއި ދާން ރާވާފައިވާ ތަންތަނާއި ކުރަން އުޅޭ ކަންތައްތައް ވެސް އެތައް ހާސް ބަޔަކާ އެނގޭނެ ކަމަށާއި މިއީ ކުއްޖާގެ ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑަށް ނުރައްކަލެއް ކަމަށް ސައިކޮލޮޖިސްޓް ސިފަ ކުރެއްވި އެވެ.

"މައިންބަފައިންގެ ހައިސިއްޔަތުން ދަރިން މިފަދަ ހަމަލަތައް އަމާޒުވާ ތަނަކަށް ނެރުމަކީ ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް. ކުދިންގެ ފޮޓޯ އާއި މައުލޫމާތު ޝެއާކުރަން ޖެހޭނީ އާއިލީ ގޮތުން ކުއްޖާއާ ގުޅުން ހުރި އަދި ކުއްޖާއަށް ހެޔޮއެދޭ ގާތް މީހުންނާ އެކަނި،" ސައިކޮލޮޖިސްޓް ވިދާޅުވި އެވެ.

ދަރިިފުޅުގެ "ޑިޖިޓަލް ފުޓްޕްރިންޓް"ގެ ސަބަބުން ދިމާވެދާނެ ހާލަތްތަކަކަށް މައިންބަފައިން ހޭލުންތެރިކުރުވުމުގެ މުހިއްމުކަން ވެސް އޯލީރީ ފާހަގަކުރެއްވި އެވެ.

ދަރިންގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާ ކުރުމަކީ ބައެއް މީހުން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. މިކަމުގައި ހުރި ނުރައްކާތަކާ މެދު މާބޮޑު ސަމާލުކަމެއް ނުދެ އެވެ.