އުމުރުން ހަ އަހަރުގެ ކުޑަ ވިކާ ޑަރޯސްކިކް އަކީ ރަޝިޔާގެ މެދުތެރޭގައި އޮންނަ ކިރޯވް އޮބްލާސްޓް ރީޖަންގައިގެ ކޮޓެލްނިޗް އަވަށުގައި ދިރިއުޅޭ ކުއްޖެކެވެ. މި ކުއްޖާއަށް ވަރަށް އާދަޔާ ޚިލާފު ކަމެއް ގުދުރަތީ ގޮތުން ލިބިފައި ވެ އެވެ. ކުއްޖާގެ ހަށިގަނޑުގައި ދަގަނޑު އެއްޗެހި ތަތްވެ އެވެ.

މި ކުއްޖާގެ ހަށިގަނޑުގައި ވެސް ދަގަތްފާނީ ބާރެއް ހުރެ އެވެ. އެހެންވެ އެއްފަހަރާ 10 ސަމުސާ މި ކުއްޖާގެ ހަށިގަނޑުގައި ހަރުލައްވާފައި ބެހެއްޓުމަކީ އެއްވެސް ކަމެއް ނޫނެވެ.

މި މެޓަލް އޮބްޖެކްޓްތައް ގްރެވިޓީއަކަށް ނުދަމަ އެވެ. ކުއްޖާގެ ގައިގައި ޖައްސާލުމުން ތަތްވެފައި ނުނެއްޓި ހުރެ އެވެ.

އޭނާގެ މަންމަ ނަޑޭޒްޑާ ޑަރޯސްކިކް ބުނީ މި ކުއްޖާގެ ހުރި މި ހުނަރު އާއިލާއަށް ފުރަތަމަ ފާހަގަކުރެވުނީ ކުއްޖާގެ އުމުރުން ހަތަރު އަހަރުގަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ވިކާ އަށް މިކަން ވާރުތަވެފައި މިވަނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ވިކާގެ ބައްޕަގެ ހަށިގަނޑުގައި ވެސް ދަގަނޑު އެއްޗެހި ހަރުކޮށްފައި ބެހެއްޓުމަކީ އެއްވެސް ކަމެއް ނޫނެވެ. އަދި ވިކާގެ ކާފަ އަކީ ވެސް ހަމަ މި ކުޅަދާނަކަން ލިބިފައިވާ މީހެކެވެ.

މި ކުޑަ ކުއްޖާގެ ދަގަތްފާނީ ބާރުގެ ސަބަބުން އޭނާ ދިރިއުޅޭ ސަރަހައްދުގައި ކުއްޖާ ވަނީ ވަރަށް މަޝްހޫރުވެފަ އެވެ. އަދި އެ ހިސާބުގައި އޮންނަ ޓެލެންޓް ޝޯއަކުން ވެސް މި ކުއްޖާ ވަނީ އެއްވަނަ ހޯދައިފަ އެވެ.

ވިކާގެ ބަނޑާއި ބުރަކައްޓާއި ކޮލާއި ނޭފަތުގައި ވެސް ސަމުސާ ހަރުލެއްވޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ. މިހާރު ވިކާގެ ވާހަކަ މަޝްހޫރުވެ ގައުމީ ޓީވީން ދައްކާ ޓެލެންޓް ޝޯއަކަށް ވެސް ދައުވަތު ލިބިފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ. ނަމަވެސް މިހާތަނަށް އެ އާއިލާއިން ވިކާ މިފަދަ ޝޯއެއްގައި ބައިވެރިއެއް ނުކުރެ އެވެ. ވިކާ މިހާރު ޕާފޯމްކޮށްދެނީ ހަމައެކަނި އާއިލާއަށާއި އެކުވެރިންނަށެވެ.

ވިކާގެ މަންމަ ބުނީ މިއީ ކަމުގެ ގާބިލްކަން ނެތި ހަމައެކަނި ދަސްކޮށްގެން ކުރެވޭ ކަހަލަ ކަމެއް ނޫން ކަމަށެވެ. މިއީ ހަށިގަނޑުގެ އެތެރޭގައިވާ ހަކަތައަކުން ކުރެވޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ދަރިފުޅު ބޮޑުވާ ވަރަކަށް ހަށިގަނޑުގައި ހުރި ބާރުގަދަވެ ވަރަށް ބަރު އެއްޗެހި ވެސް ހަރުކޮށްފައި ބެހެއްޓޭ ކަމަށް އުންމީދު ކުރެވޭ،" ވިކާގެ މަންމަ ބުންޏެވެ.

ހަމަ މިފަދަ ގާބިލްކަމެއް ހުރި އެރްމަން ޑެލިކްސް ކިޔާ ފަސް އަހަރުގެ ފިރިހެންކުއްޖެއް ބޮސްނިއާގައި ވެސް އުޅެ އެވެ. މި ކުޑަ ފިރިހެންކުއްޖާ އަށް ވެސް އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ދަގަނޑު ސަމުސާ ފަދަ ތަކެތި ހަރުލައްވާފައި ބެހެއްޓުމަކީ އެއްވެސް ކަމެއް ނޫނެވެ.