އަތުގައި އޮންނަ ފޯނުން ސެލްފީއެއް ނަގަން މީހުން ޖައްސާ ވައްތަރުތަކަކީ މިހާރު އެއްވެސް މީހަކަށް އާ ކަމަކަށް ނުވާނެ އެވެ. އެހެންވިއްޔާ އެއަށް ވުރެ ބޮޑު ކަމެއްގެ ފޮޓޯއެއް ނަގާއިރު އަދި ކިހާ ވަރެއް ވާނެހެއްޔެވެ؟ ހާއްސަކޮށް، ކައިވެނީގެ ފޮޓޯއެކެވެ.

އިންޑިއާގެ ޒުވާން ދެމަފިރިން ކަމަށްވާ ޝާއިޒާއި ނަވިޔާގެ ކައިވެނީގެ ފޮޓޯތަކެއް އައުޓްޑޯގައި ނަގަން މި މަހުގެ 15 ވަނަ ދުވަހު ކުރި މަސައްކަތަކަކީ ބަޔަކު ކޮސްވާ ވަރުގެ ކަމެކެވެ. ދެމަފިރިންގެ ކައިވެނީގެ ހެދުމުގައި ޗާލު ފޮޓޯކޮޅެއް ނަގަން ހަވާލުކުރި ކެރެލާގެ ފޮޓޯގްރާފަރު ވިޝްނޫ، 23، ރީތި ކެޕްޗާއެއް އަތުޖެހޭތޯ ގަހަކަށް އަރައި، އެލިގެން އޮތީ އެކޮޅުކޮޅުންނެވެ.

އެހެން އޮވެ ދެމަފިރިން ލައްވައި ޕޯޒް ކުރުވާފައި ނެގި ބައެއް ފޮޓޯތަކާއި އެކަން ކުރި އިރު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ވެސް މިހާރު ވަނީ ވައިރަލްވެފަ އެވެ. މިއަށް ކޮމެންޓް ކުރި ބައެއް މީހުން މި އާދަޔާހިލާފު ފޮޓޯގްރާފަރު ސިފަ ކުރީ "ސްޕައިޑަ-މޭން" ގެ ގޮތުގަ އެވެ. އެއް ބަޔަކު އަދި ބުނީ އޭނާއަކީ "މި ވަގުތު ދުނިޔޭގައި ހުރި އެންމެ ޑެޑިކޭޓެޑް ފޮޓޯގްރާފަރު" ކަމަށެވެ. އަދި ބައެއް މީހުން ވަނީ ފޮޓޯގްރާފަރަށް ވަރަށް ބޮޑަށް ހަޖޫ ވެސް ޖަހައިފަ އެވެ.

އެކަމަކު ވިޝްނޫ ހުރީ ސޯޝަލް މިޑިއާގައި އޭނާ އަށް މިހާރު ލިބެމުން އަންނަ ސަމާލުކަމާ ހެދި ނުލާހިކު އުފަލުންނެވެ.

"އަހަރެން ނަގައިދިން ފޮޓޯތަކާ ދޭތެރޭ ޝާއިޒާއި ނަވިޔާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެކަމަކު އަހަރެން ހުރީ އަދިވެސް އެންމެ ހިތްހަމަޖެހިފައެއް ނޫން،" އެންޑީޓީވީ އަށް ވިޝްނޫ ބުންޏެވެ. "އަދި ރީތި އެންގަލްތަކުން މާ ރީތިކޮށް ވެސް ފޮޓޯ ނެގޭނެ."

ވައިޓްރޭމްޕް ފޮޓޯގްރަފަރީގެ ނަމުގައި ހިންގާ ސްޓޫޑިއޯއަކުން ފޮޓޯ ނަގައިދެމުން އަންނަ ޒުވާން ފޮޓޯގްރާފަރު ބުނި ގޮތުގައި އޭނާގެ ހިތްފުރޭ ވަރުގެ އެންގަލަކުން ފޮޓޯއެއް ނަގަން ހުރީ ވަރަށް ބޮޑަށް ކެތްމަދުވެފަ އެވެ.

ވިޝްނޫ: އޭނާ ބުނަނީ ބޭނުން ވަނީ އަބަދު ވެސް ތަފާތު އެންގަލްތަކުން ފޮޓޯ ނަގަން ކަމަށް.
ވިޝްނޫ: އޭނާ ބުނަނީ ބޭނުން ވަނީ އަބަދު ވެސް ތަފާތު އެންގަލްތަކުން ފޮޓޯ ނަގަން ކަމަށް.

"މިއަށް ވުރެ އަދި މާ ތަފާތުކޮށް ފޮޓޯ ނަގަން ފުރުސަތަތުކެއް ލިބޭނެ ކަމަށް އުންމީދު ކުރަން." ވިޝްނޫ ބުންޏެވެ. "ގަހުގައި އެކޮޅުކޮޅުން އޮވެ ނެގި ފޮޓޯތަކާ ދޭތެރޭ އެންމެ ހިތްހަމަނުޖެހުނަސް، މިކަން ކުރަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއް ވައިރަލްވީމަ ވަރަށް އުފާވެއްޖެ."