2018 ނިމުނުއިރު، އެންމެ އަގުހުރި ކުންފުންޏަކީ މައިކްރޮސޮފްޓް

އެމެރިކާގައި، އާންމުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، އެންމެ އަގުހުރި ކުންފުޏަކަށް، އެންމެ ފުރަތަމާ ވާނެ ކަމަށް ބެލެވުނީ އެމެޒޯން އެވެ. މިއީ ޓެކްނޮލޮޖީ މަސްރަހު ދިރާސާކުރާ މީހުން އެމެޒޯންއާ މެދު ހީކުރި ގޮތެވެ. ނަމަވެސް، އެމެޒޯން އަށް ވުރެ ކުރިން އެ މަގާމު އެޕަލް ހޯދަފާނެ ކަމަށް ވެސް ގިނަ ބަޔަކަށް ބެލެވުނެވެ. މަސްރަހު އެނބުރުނީ ވެސް އެޕަލް އަށް ފަހިވާ ގޮތަށެވެ. އެންމެ އަގުހުރި ކުންފުނީގެ ގޮތުގައި، އެންމެ ފުރަތަމަ ލިސްޓްކުރެވުނީ އެޕަލް އެވެ. އެމެޒޯން އަށް އެ ޝަރަފު ލިބުނީ އެޕަލް އަށް ވުރެ އެއް މަސްދުވަސް ފަހުންނެވެ.


2018 ނިމުނުއިރު އެޕަލް އަދި އެމެޒޯން އަށް ވެސް ވަނީ އެ ޝަރަފު ގެއްލިފަ އެވެ. ހިއްސާ ބާޒާރުގައި އެންމެ އަގުހުރި ކުންފުންޏަކީ މިހާރު މައިކްރޮސޮފްޓެވެ. ކުންފުންޏެއްގެ ހިއްސާ އަށް އަންނަ ބަދަލުން ދޭހަވާ މާނަ އަކީ، ހިއްސާދާރުންގެ މެދުގައި އެ ކުންފުންޏެއް އޮތް ހާލަތެވެ. އާންމު ވިޔަފާރީގައި އެ ކުންފުންޏެއްގެ ކާމިޔާބާއި ނާކާމިޔާބެވެ.

އެންމެ އަގުހުރި ކުންފުންޏަކަށް ވުމަށް އެޕަލް އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އައިފޯނުގެ ސަބަބުންނެވެ. އައިފޯނާ ހެދި، ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް އެޕަލް އަށް ވަނީ މާލީ ތަނަވަސްކަން ލިބިފަ އެވެ. އައިފޯނާ ގުޅުން ހުރި ހާޑްވެއާ އަދި ސޮފްޓްވެއާއިން ވެސް، އާދައިގެ މީހަކަށް އަންދާޒާނުކުރެވޭ މިންވަރަށް އެޕަލް އަށް ފައިސާ ހޯދައިދީފައި ވެ އެވެ.

އެމެޒޯން އަށް ގަދަ ބާރަކަށްވީ ރީޓެއިލް ވިޔަފާރި އެވެ. މި ވިޔަފާރީގެ ތެރެ އަށް ސްމާޓް ޓެކްނޮލޮޖީ ތައާރުފުކުރުމުން، އާންމުން ގަޔާވާ ސިފަތަކެއް އެމެޒޯން ވިޔަފާރީގައި ޖެހުނެވެ. އޭގެ އެއް މިސާލަކީ "އެލެކްސާ" ސްމާޓް ސްޕީކަރުތަކެވެ.

މައިކްރޮސޮފްޓް ގިނަ ވަގުތު އޮންނަނީ ދެބަދޭތެރޭގަ އެވެ. އެހެން ނަމަވެސް، މައިކްރޮސޮފްޓްގެ ސިޔާސަތަށް 2018 ގައި ގެނައި ބަދަލުތަކުގެ ސަބަބުން، ޓެކްނޮލޮޖީ ވިޔަފާރީގައި ކުރި އަށް ޖެހިލި އެވެ. މައިކްރޮސޮފްޓަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ "ކްލައުޑް ކޮމްޕިއުޓިން" އަދި ފާފަސް މަރުކާގެ ޓެބްލެޓްތަކުންނެވެ. ސާފަސް ޓެބްލެޓްތައް ވިކުނު އަދަދު އަޖައިބުކުރުވާ މިންވަރަށް އިތުރުނުވި ނަމަވެސް، އުންމީދީ މަސައްކަތްތަކެއް ކުރެވެމުންދިއުން ވެފައި ފަނީ އިންވެސްޓަރުން އަދި ބޭނުންކުރާ މީހުންނަށް އޮތް އިތުބާރު ބޮޑުވި ސަބަބަކަށެވެ.