އިށީނދެ އިނުމުގެ ބަދަލުގައި ބައި ގަޑިއިރުގެ ކަސްރަތު

ހަރަކާތްތެރިކަން ކުޑަކޮށް މުޅި ދުވަހު ހޭދަކުރާ ވަގުތުގެ ގެއްލުން ބައި ގަޑިއިރުގެ ކަސްރަތުން ކުޑަކޮށްލެވޭނެ ކަމަށް އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.


ކޮލަމްބިއާ ޔުނިވަސިޓީގެ ތަޖުރިބާކާރުން ވަނީ، އުމުރުން 45 އަހަރުން މަތީގެ 7،999 މީހަކު މި ދިރާސާގައި ބައިވެރިކޮށްފަ އެވެ. މިއީ 2009 އިން 2013، މަދުވެގެން ހަތަރު ދުވަހު އެކްޓިވިޓީ މޮނިޓަ އަޅައިގެން އުޅުނު މީހުންނެވެ.

ދިރާސާގެ ބައިވެރިންގެ ހަރަކާތްތެރިކަން ހުރި މިންވަރާއި އެ މީހުންގެ ސިއްހީ ހާލަތު ފަސް އަހަރުގެ މުއްދަތަކަށް ވަނީ އެއްކޮށްފަ އެވެ.

ދިރާސާގެ ނަތީޖާއިން ދެއްކީ އިށީނދެ އިންނަ ވަގުތުން ބައި ގަޑިއިރު މަދުކޮށް އެ ވަގުތު ލުއި ކަސްރަތެއް ކޮށްލުމުން ވެސް، ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލައެއްގައި މަރުވުމުގެ ފުރުސަތު 17 ޕަސެންޓް ދަށްވާ ކަމަށެވެ. ދުވުމާއި ބައިސްކަލް ދުއްވުން ފަދަ ބުރަ ކަސްރަތުން، ބަލިތަކުގައި މަރުވުމުގެ ފުރުސަތު 35 ޕަސެންޓް ކުޑަވެ އެވެ. އަދި 1-2 މިނެޓްގެ ކުއްލި، ބުރަ ހަރަކާތްތަކެއް ގެނައުމުން ވެސް ސިއްހީ ފައިދާތައް ކުރާ ކަމަށް ދިރާސާއިން ދެއްކި އެވެ.

ދިރާސާ ޓީމުން ވަނީ، ގިނައިރު އިށީނދެ އިނުން ނުވަތަ ހަރަކާތްތެރިކަން ކުޑަ ވަޒީފާތަކުގައި އުޅޭ މީހުން ކަސްރަތު ކުރުމަށް ބޮޑަށް ބާރު އަޅައިފަ އެވެ.