އީ-ސިނގިރޭޓެއް ގޮވައި މީހަކު މަރުވެއްޖެ

އެމެރިކާގެ ޓެކްސަސްގައި މީހަކު އީ-ސިނގެރެޓެއް ބޮނިކޮށް އެ ގޮވައި، ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވެއްޖެ އެވެ.


އުމުރުން 24 އަހަރުގެ ވިލިއަމް ބްރައުން މަރުވީ ސިނގިރެޓް ގޮވައި، އޭގެ އެތިކޮޅުތައް ކަރުގެ ނާރުތަކަށް ވަދެ ހަލާކުވެގެންނެވެ. ސީއެންއެން އިން ބުނީ މި މީހާ މިދިޔަ މަހުގެ 27 ވަނަ ދުވަހު މަރުވީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަނިކޮށް ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

މަރުގެ ސެޓްފިކެޓްގައި ބުނެފައި ވަނީ ބްރައުން މަރުވީ ލިބުނު ޒަހަމްތަކުގެ ސަބަބުން ސިކުނޑި އަށް ރަނގަޅަށް ލެޔާއި އޮކްސިޖަން ނުލިބި ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

އާއިލާއާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި ސިނގިރެޓް ގޮވުމާ އެކު ބްރައުން ހޮސްޕިޓަލަށް ގެންގޮސް ބާއްވާފައި އޮތީ ކޯމާގަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ކަރުގައި އީ-ސިނގިރެޓުގެ ބައެއް ތާށިވެފައި ވެސް އޮތް ކަމަށް އާއިލާ އިން ބުންޏެވެ.

އީ-ސިނގިރެޓް އާންމުވެފައި ވާއިރު މިއީ އާދައިގެ ސިނގިރެޓަށް ވުރެ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނެ މާކެޓް ކުރެ އެވެ. ނަމަވެސް ދިރާސާތަކުން އެކަން ސާބިތެއް ނުވެ އެވެ.