އޯރިއޯ ހަލާލެއް ނޫނޭ ކިޔަނީ ކީއްވެ؟

މުޅި ދުނިޔޭގައި ވެސް މަގުބޫލް އޯރިއޯ ކުކީސް ހަރާމް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ކުރިއަށްދަނީ އެވެ. އެކަމަކު މި އުޅެނީ ވަރަށް ބޮޑު އޮޅުމެއް އަރައިގެންނެވެ.


މި ބަހުސް ފެށުނީ އޯރިއޯ ކުކީސް ހަލާލުތޯ މީހަކު ޓްވިޓާގައި ސުވާލުކުރުމުން، އޯރިއޯގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ދިން ޖަވާބާ ހެދި އެވެ. އޯރިއޯ އިން ވަރަށް ސާފުކޮށް ބުނީ ހަލާލު ނޫން ކަމަށެވެ.

"ތޭންކްސް ފޯ ރީޗިން އައުޓް! އޯރިއޯ ކުކީސް އާ ނޮޓް ހަލާލް" އޭ ބުނެ އޯރިއޯ އިން ޓްވީޓްކުރުމާ އެކު، އޯރިއޯ އަށް ލޯބިކުރާ މުސްލިމުންނަށް ލިބުނީ ބޮޑު ހިތާމައެކެވެ. ވީ ގޮތް އޮޅުންފިލުވަން އެތައް ހާސް ބަޔަކު ސޯޝަލް މީޑިއާގައި ސުވާލުކުރަން ފެށި އެވެ.

އޯރިއޯ އުފައްދާ މޮންޑެލެޒް އިންޓަނޭޝަނަލްގެ ތަރުޖަމާނަކު ވަނީ ދިމާވި މައްސަލަ ކިޔައިދީފަ އެވެ.

"އަހަރެމެންގެ ސޯޝަލް މީޑިއާ ހިންގުން އޮންނަނީ އެހެން ބަޔަކާ ހަވާލުކޮށްފައި. އަދި [މައްސަލަ ޖެހުނު] ޓްވީޓް ވެސް ކޮށްފައި ވަނީ ދެ ބަޔަކަށް ބަހާލައިގެން. ވައިރަލް ވެގެން މި އުޅެނީ ޓްވީޓްގެ އެއް ބައި. ޓްވީޓްގެ އެއްބައިގައި ބުނެފައި އެބަ އޮތް އެމެރިކާ އާއި ކެނެޑާގެ ވާހަކަ،" ތަރުޖަމާނު ބުންޏެވެ.

އޯރިއޯ އިން ކުރި މައްސަލަ ބޮޑުވި ޓްވީޓް: މިހާރު ވަނީ ޑިލީޓްކޮށްފައި

އޯރިއޯ އިން ބުނީ ޓްވީޓްކޮށްފައި އޮތީ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް ކަމަށެވެ. އެހެންވެ މިހާރު ވަނީ އެ ޓްވީޓް ޑިލީޓް ވެސް ކޮށްފަ އެވެ.

މިހާ ހިސާބުން ވެސް، އެމެރިކާ އާއި ކެނެޑާގައި ވިއްކާ އޯރިއޯ ހަލާލްތޯ ސުވާލު އުފެދެ އެވެ. މިކަން ވެސް އޯރިއޯ އިން ވަނީ ސާފުކޮށްދީފަ އެވެ.

އޯރިއޯ ކުކީސް ހަދަން އަލްކޮހޮލް ބޭނުން ނުކުރާ ކަމަށާއި ޖަނަވާރެއްގެ މަހުގެ ބާވަތެއް ވެސް ބޭނުން ނުކުރާ ކަމަށް މާކުރިން ވެސް އޯރިއޯ އިން ބުނެފައިވެ އެވެ. މާނަ އަކީ އޯރިއޯ ހަދަން ހަރާމް އެއްޗެއް ބޭނުން ނުކުރުމެވެ. އެކަމަކު އެމެރިކާ އާއި ކެނެޑާގައި ވިއްކާ ކުކީސް އަކަށް ހަލާލް ސެޓްފިކެޓެއް ނޯވެ އެވެ. ކަސްޓަމަރަކު ކުރި ސުވާލަށް ޖަވާބު ދީ ޓްވީޓްކުރި މީހާ އަށް އޮޅުން އެރީ މިކަމެވެ. ހަލާލު ސެޓްފިކެޓް ނެތް ކޮންމެ އެއްޗެއް ހަރާމް ކަމުގައި ބަލައި ޖަވާބު ދިނީ އެވެ.

މި ބަހުސްއާ އެކު އިސްލާމީ ބައެއް ގައުމުތަކުން ވެސް އޯރިއޯއާ ސުވާލުކޮށްފައިވެ އެވެ. އިސްލާމީ ބައެއް ގައުމުތަކުން ވަނީ މިކަން އާންމުންނަށް އޮޅުންފިލުވައިދީފަ އެވެ. އެ ގައުމުތަކުން ބުނަނީ ހަލާލް ނޫން އެއްޗެއް އެތެރެކޮށް އާންމުކޮށް ނުވިއްކާނެ ކަމަށެވެ.