ޚިޔާލު / ދީން

ހަލާލު ސިނާއަތުގެ މާނަ އޮޅުވާލައިގެން ނުވާނެ

ހަލާލްގެ ނަން ނުދީ ހުންނަ ހުރިހާ ސިނާއަތެއް ހަރާން ކަމަށް ވިސްނުން ގޯސް.

ސިނާއީ އުފެއްދުންތަކާއި ހިދުމަތްތަކަށް "ހަލާލު ސިނާއަތު" އޭ ކިޔައި ނަން ދީފިއްޔާ ބައެއް މީހުންނަށް ހީވަނީ މި ނަން ނުދީ އޮންނަ ހުރިހާ އުފެއްދުންތަކާއި ހިދުމަތްތައް ހަރާމޭ ބުނަން އުޅެނީ ކަމަށެވެ. މިސާލަކަށް ހަލާލު ފަތުރުވެރިކަމޭ ބުނެފިއްޔާ ހީވަނީ އެ އުޅެނީ ދެން ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެން މީހުން ދޭ ހުރިހާ ހިދުމަތްތައް ހަރާމޭ ބުނަނީ ކަމަށެވެ. އެކަމަކު މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެންކަމުން ހަލާލު ސިނާއަތުގެ މަފުހޫމާއި މިންގަޑުތަކާއި އޭގެ ބޭނުން ދެނެގަތުން މުހިންމެވެ.

ހަލާލު ސިނާއަތުގެ މާނަ

ސިނާއަތަކީ ރޯމާއްދާ ނުވަތަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ހިދުމަތް ދިނުމުގެ މަސައްކަތްތަކެވެ. ހަލާލު ސިނާއަތަކީ މި ސިނާއަތްތަކުގައި އިސްލާމް ދީން މަނާކޮށްފައިވާ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ.

މިސާލަކަށް ހަލާލު ފަތުރުވެރިކަމޭ ބުނެފިއްޔާ އޭގެ މާނައަކީ ފަތުރުވެރިކަމަށް ބޭނުންކުރާ ތަންތަން ތައްޔާރު ކުރުމާއި އެ ތަންތަން ހިންގުމަށްޓަކައި ކުރާ މަސައްކަތްތަކާއި ފަތުރުވެރިން ގެނައުމަށް މާކެޓު ކުރުމާއި އެ މީހުންނަށް ދޭ ހިދުމަތްތަކާއި އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި އެ މީހުން ހިތްހަމަ ޖައްސައިދޭން ކުރާ ކަންކަމުގައި ވެސް އިސްލާމް ދީން މަނާ ކޮށްފައިވާ އެއްވެސް ކަމެއް ނުވަތަ އެއްޗެއް ނުހިމެނުމެވެ. އަދި މީގެ އިތުރުން ދީނީ ޝިއާރުތައް ދެމެހެއްޓުމަށްޓަކައި އެ ހިދުމަތްދޭ ތަންތަނުގައި މަގުފަހިކޮށްދީފައި ވުމެވެ. މިއީ އާންމު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އެހާ ބޮޑަށް ސަމާލުކަން ނުދީފާނެ ކަންކަމެވެ.

އެހެންކަމުން މިފަދަ ފަތުރުވެރިކަމުގައި ހަރާމް ބައެއް ކަންކަން ހިމެނިފައި ހުރެދާނެ އެވެ. މިސާލަކަށް އޫރުމަހާއި ރަލާއި އެ ނޫން ވެސް ހަލާލު ނޫން ކާބޯތަކެތި މި ސިނާއަތުގެ ތެރެއިން ސީދާކޮށް ފޯރުކޮށްދީފާނެ އެވެ. ނުވަތަ ފަތުރުވެރިން ހެދުން އެޅުމުގައި އާންމުންގެ ތެރެއަށް ނިކުންނަ އިރު އިސްލާމްދީނާ ފުށުއަރާ ހެދުން އެޅުން މާ ބޮޑު ކަމަކަށް ނުބަލަފާނެ އެވެ. ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބާއްވާ އިރު ފާހިޝް ކަންކަމަށް މަގުފަހި ކުރާ ބާވަތުގެ ހަރާމް މިޔުޒިކާއި ލަވަ ހިމެނިދާނެ އެވެ. މިފަދަ ގޮތަކަށް ކުރާ ފަތުރުވެރިކަމަށް ހަލާލު ފަތުރުވެރިކަމުގެ ނަމެއް ނުދެވޭނެ އެވެ. މިގޮތުން ހަލާލު ސިނާއަތެއްގެ ގޮތުގައި ނަން ދެވޭނީ ސިނާއަތުގެ ގޮތުގައި އުފައްދާ އެއްވެސް އެއްޗެއް ނުވަތަ ދޭ އެއްވެސް ހިދުމަތެއްގައި ހަރާމް ނުވަތަ މަކުރޫހަ ކަމެއް ނުހިމެނޭ ކަމަށް ވާ ނަމަ އެވެ.

ހަލާލު ސިނާއަތްތައް

މަތީގައި ބަޔާން ކުރެވުނު މާނަ އަށް ބަލާއިރު އިސްލާމީ ނަޒަރުން ހަލާލު ސިނާއަތުގެ ތެރޭގައި ހިމެނޭ އެއްބާވަތަކީ އެ އުފެއްދުމެއް ނުވަތަ ހިދުމަތެއް ދިނުން ވާޖިބުވާ ނުވަތަ ސުންނަތްވާ ސިނާއަތްތަކެވެ. އެއީ އުންމަތުގެ އަފުރާދުންގެ ދިރިއުޅުން އެ ކަންކަމަށް ބަރޯސާވާން ޖެހޭ ނުވަތަ އުންމަތުގެ މަސްލަހަތުތައް އެ އިން ހިމާޔަތް ކޮށްދޭ ކަންކަމެވެ. މިސާލަކަށް ކާބޯތަކެއްޗާއި ބޭސް އުފެއްދުމާއި އުންމަތުގެ ހިމާޔަތަށް ހަތިޔާރު އުފެއްދުން ފަދަ ކަންކަމެވެ. ނުވަތަ މި ކަންކަމާ ގުޅޭ ވިޔަފާރިތަކާއި އެންމެހާ ހިދުމަތްތަކެވެ. މި ކަންކަން ހިމެނިގެން ދާނީ ކިފާޔަތުގެ ފަރުޟެއްގެ ގޮތުގަ އެވެ. އެހެނީ އަދުއްވުންނާ ކުރިމަތިލުމަށްޓަކައި ކުޅަދާނަވީ މިންވަރަކުން ބާރުވެރިކަން ހޯދަން ﷲ އަންގަވާފައި ވުމެވެ (އަލްއަންފާލު 60).

ހަލާލު ސިނާއަތުގެ ދެވަނަ ބާވަތަކީ، ބަޔަކަށް މަންފާއެއް ލިބެނިވި އަދި ދީނުގައި އެ ކަން މަނާކޮށްފައި ނުވާ އުފެއްދުންތަކާއި ހިދުމަތްތަކެވެ. މިސާލަކަށް ދަނޑުވެރިކަމާއި މަސްވެރިކަމާއި ސިނާއީ މަސައްކަތްތައް ފަދަ ކަންކަމެވެ. ނުވަތަ ވިޔަފާރި އާއި ފަތުރުވެރިކަމާއި ތައުލީމު ދިނުމާއި ސިއްހީ ފަރުވާ ދިނުން ފަދަ ހިދުމަތްތަކެވެ.

ﷲ އަންގަވަނީ ހެޔޮކަމާއި ތަގުވާވެރި ވުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރި ވުމަށެވެ (އަލްމާއިދަތު 2). އަދި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ހަލާލު ކަންކަމަކީ ﷲ ގެ ފޮތުގައި އެކަލާނގެ ހަލާލު ކުރައްވާފައިވާ ކަންކަމެވެ. ހަރާމް ކަންކަމަކީ އެ ފޮތުގައި އެކަލާނގެ ހަރާމް ކުރައްވާފައިވާ ކަންކަމެވެ. އަދި އެކަމެއްގެ ވާހަކަ (އެފޮތުގައި) ބަޔާން ނުކޮށް ދޫކޮށްލާފައިވާ ކަންކަމަކީ އަފޫ ކުރެވިގެންވާ ކަންކަމެވެ." (އައްތިރުމިޛީ). މިހަދީސްގައި ފޮތުގެ މުރާދަކީ ގުރްއާނާއި ސުންނަތާއި އެ ދެއެއްޗާ ފުށުނާރާ ގޮތުގައި އިލްމުވެރިން ކޮށްފައިވާ އިޖުތިހާދު ތަކެވެ. އަފޫކުރެވިގެންނޭ ބުނާ ބަހުގެ މުރާދަކީ ހުއްދަ ވުމެވެ. މި ހުއްދަ ވުމަކީ އިސްލާމީ ފިގުހުގައި ބަޔާން ކުރާ ގޮތުގައި ހުރިހާ ކަމެއްގެ ވެސް އަސްލު ހުކުމެވެ. މީގެ ދަލީލަކީ އަލްބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުގައި "އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ" އޭ ބަޔާން ކޮށްފައި ވުމެވެ.

ހަރާމް ސިނާއަތްތައް

ހަރާމް ސިނާއަތްތަކުގެ ތެރެއިން އެއް ބާވަތަކީ، އެއްޗެއް ނުވަތަ ކަމެއް އޭގެ ޒާތުގައި ހަރާމްވުމުން ހަރާމް ވާ ސިނާއަތެވެ. މިގޮތުން ރަލާއި އޫރުމަހާއި ޖުވާ އާއި އަޅުކަން ކުރުމަށް ބުދު ހެދުން ފަދަ ކަންކަމެވެ (އަލްމާއިދަތު 90).

މިއީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ނަޖިސް ކަންކަމެވެ. އެހެންވެ ﷲ އެ ކަންކަން ހަރާމް ކުރައްވާފައިވާ ވެ އެވެ.

ދެވަނަ ބާވަތަކީ، އެއްޗެއް ނުވަތަ ކަމެއް އޭގެ ޒާތުގައި ހަލާލުވިއަސް އެއްޗެއް އުފެއްދުމުގެ ނުވަތަ ހިދުމަތެއް ދިނުމުގެ މަގުސަދަށް ބަލާއިރު ހަރާމްވާ ސިނާއަތެވެ. މިސާލަކަށް މުސްލިމުންނާ އިދިކޮޅަށް ހަނގުރާމަ ކުރުމަށް އަދުއްވުންނަށް ހަތިޔާރު ހަދައި ދިނުމާއި ވިއްކުމެވެ. ނުވަތަ ފާހިޝް ކަންކަން ފަތުރާ މީޑިއާގެ ވަސީލަތްތަކާއި ހިދުމަތްތަކެވެ. ﷲ އަންގަވަނީ ފާފަވެރި ވުމާއި އަދާވާތްތެރި ވުމުގައި އެކަކު އަނެކަކަށް ވާގިވެރި ނުވުމަށެވެ (އަލްމާއިދަތު 2).

ތިންވަނަ ބާވަތަކީ، މަކުރޫހަ ސިނާއަތްތަކެވެ. އެއީ ހަރާމް ދަރަޖަ އަށް ނުދާ، އެހެން ނަމަވެސް އޭގެ ސަބަބުން އާންމު ނުވަތަ ހާއްސަ ގެއްލުމެއް ފޯރުކޮށްދޭ އެއްޗެއްސާއި ކަންކަމެވެ. މިސާލަކަށް ފޫހިފިލުވުމަށްޓަކައި ބޭނުންކުރާ ބައެއް ވަސީލަތްތަކާއި ބޭކާރު ގޮތުގައި ވަގުތުތައް ނަގާލެވޭ ލަހުވު ތަކެވެ.

ދެބާވަތުގެ ސިނާއަތް ފަރަގުވާ ގޮތް

ހަލާލު ސިނާއަތާއި ހަރާމް ސިނާއަތުގެ ފަރަގުތަކަށް ބަލާއިރު އެންމެ ފުރަތަމަ ޝަރުއީ އަސްލަށް ބަލާއިރު ހަލާލު ސިނާއަތަކީ ހުއްދަ ނުވަތަ މުސްތަހައްބު ނުވަތަ ވާޖިބު ސިނާއަތްތަކެވެ. ހަރާމް ސިނާއަތަކީ ދީނުގެ ނައްސަކުން ނުވަތަ ފިގުހުގެ އާންމު ގަވައިދެއްގެ ދަށުން ހަރާމް ނުވަތަ މަކްރޫހަ ކުރެވިފައިވާ ސިނާއަތްތަކެވެ.

ސިނާއަތުން ލިބޭ މަންފާ އަށް ބަލާއިރު ހަލާލު ސިނާއަތަކީ މީސްތަކުންނަށް އެއިން ހަގީގީ މަންފާ ކޮށްދޭ ސިނާއަތްތަކެވެ. ހަރާމް ސިނާއަތަކީ މީސްތަކުންނަށް ގެއްލުންދޭ ނުވަތަ މުޖުތަމައުގެ ގިޔަމުތައް ނިގުޅައިގަންނަ ސިނާއަތްތަކެވެ.

ސިނާއަތުގެ އިގުތިސާދީ އަސަރަށް ބަލާއިރު ހަލާލު ސިނާއަތަކީ އިގުތިސާދު ވަރުގަދަ ކޮށްދީ އޭގައި ބަރަކާތް ލައްވާ ފަދަ ސިނާއަތްތަކެވެ. ހަރާމް ސިނާއަތަކީ އިގުތިސާދީ ހީނަރުކަމާއި ކާރިސާތަކަށް މަގުފަހި ކުރުވާ އަދި ބަރަކާތް ކެނޑިގެންވާ ސިނާއަތްތަކެވެ. ސިނާއަތުގެ އިޖުތިމާއީ އަސަރަށް ބަލާއިރު ހަލާލު ސިނާއަތަކީ މުޖުތަމައު ބިނާކޮށްދީ އަހުލާގީ ގިޔަމުތައް ދަމަހައްޓައިދޭ ސިނާއަތްތަކެވެ. ހަރާމް ސިނާއަތަކީ ބިމުގައި ފަސާދަ އުފައްދައި އަހުލާގީ ގިޔަމުތައް މުގުރާލާ ފަދަ ސިނާއަތްތަކެވެ.

ހަލާލު ސިނާއަތޭ ބުނަނީ ދެންހުރި ސިނާއަތްތައް އެކީ ހަރާމޭ ބުނާކަށް ނޫން

މަތީގައި ފާހަގަކުރި ކަންކަމުން އެނގިގެން ދަނީ ކޮންމެ ސިނާއަތަކަށް ވިޔަސް މުސްލިމުން އެ ސިނާއަތެއްގައި ހަރަކާތްތެރިވާން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. މިގޮތަށް ތަބާވާތީ އެއީ "ހަލާލު ސިނާއަތޭ" ކިޔުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު ބަވަނަ ވެފައިވާ މި ދުނިޔޭގައި ތަފާތު އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ އިރު މުސްލިމުން ބޭނުން ކުރާ އުފެއްދުންތަކާއި މުސްލިމުންނަށް ލިބޭ ހިދުމަތްތައް އެއީ ހަލާލު އެއްޗެއްކަން ކަށަވަރު ކުރަން ބޭނުންވާނެ އެވެ.

މިސާލަކަށް ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ރާއްޖެ ކަހަލަ ގައުމެއްގައި ބޭރު ގައުމުތަކުން އަންނަ މުސްލިމުންނަށް ހާއްސަ ކޮށްގެން ވަކި އުފެއްދުމެއްގެ ގޮތުގައި އިސްލާމީ މިންގަޑުތަކަށް ފައްތައިގެން ދިނުމަކީ ވަރަށް މުހިންމު ކަމަކަށް ވެދާނެ އެވެ. މިކަމަށް މުސްލިމުންގެ ހިތްތައް ލަންބުވައި ފަތުރުވެރިން ގިނަ ކުރުމަށްޓަކައި "ހަލާލު ފަތުރުވެރިކަން" ގެ ލޭބަލު ދިނުމަކީ ވެސް މައްސަލައެއް ނޫނެވެ.

މިހެން ބުނުމުން އޭގެ މާނަ އަކީ މިނަން ނުދީ ފޯރުކޮށްދޭ ފަތުރުވެރިކަމުގައި ހިމެނޭ ހުރިހާ އުފެއްދުމެއް ނުވަތަ ހިދުމަތްތަކެއް ހަރާމޭ ބުނުމެއްވެސް ނޫނެވެ. ހަރާމް ވާނީ ނުވަތަ މަކުރޫހަ ވާނީ މަތީގައި ބަޔާންކުރި މިންގަނޑުތަކުން ބަލާއިރު ހަރާމް ނުވަތަ މަކުރޫހަވާ ކަންކަން އެކަންޏެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުނަން.

23 August 2025

މި އާޓިކަލްގަ މިބުނަނީ ރާއްޖޭގަ މިހާރު މިއޮތީ ހަލާލު ޓުއަރިޒަމެއް ނޫނޭ. %100 ހަލާލު ކޮއްލާ

The name is already taken The name is available. Register?

އެޑްމުންޑޯ

23 August 2025

ވަރަށް ރަގަޅު މުހިއްމު ލިއުއްވުމެއް ، ސައުދުﷲ ގެ މިފަދަ ލިއުއްވުންތަކުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދޭ ، ޝުކުރިއްޔާ ސައުދު ،

The name is already taken The name is available. Register?

213366

23 August 2025

ރާއްޖޭގައި ހަލާލު ސިނާއަތް ނޫން އެއްޗެއް ހުރެގެން ނުވާނެ. ވިޔަފާރިއަކަށް ޓަކައި ދީން އެއްލާލަނަމަ ދިވެހިންގެ އަތުން ގައުމު ބީވާނެ. ތުރުކީގެ ޚިލާފަތުން މަމެން ދަސްކުރަންޖެހޭ. އެމީހުންގެ 1000 އަހަރުގެ ކާމިޔާބީގައި އިސްލާމް ދީނުގައި ހިފައިގެން އޭގެ މަގުން ކުރިއަށް ދިއުން. އެ ދޫކޮށްލީ ޚިލާފަތު ނިމުނީ

The name is already taken The name is available. Register?

ބޯދާސް

23 August 2025

ކޮންމެސް އެއްޗެކޭ ކިޔާފަ ޓޫޒަމް ހަލާކުކޮއްލާ ހަލާލު ޓުޒިމް ޖައްސައިގެން އެތަނުގާ މިއުޅޭ ސަލަފީ ފިކުރަށް ކަންކަން ބައްޓަންކޮށް ޖިހާދައް މީހުން ރެކްރޫޓްކޮށް ހަދިޔާރު ހަދަންފެށީމަ ހުންނާނީ ޓުރިޒަމް ހިންގިފަ ދުނިޔޭ މެޖޯރިޓީ އިންސާނުންނާ އެކު އުޅެވެން ނެތް ފިކުރެއް ގަބޫލުކުރަންޏާ އެކަނި އުޅެންވީ

The name is already taken The name is available. Register?

ބާލީ

23 August 2025

ޔައުނީ ހަލާލް ސިޔާސީ ޕާޓީތަށް. މިސާލަކަށް އަދާލަތު ޕާޓީ އަކީ ހަމައެކަނި ހަލާލް ޕާޓީ. މީހުން ގިނަކުރަން ދީނީ ޕާޓީގެ ގެ ލަގަބު ނަގައި އިސްލާމިކް މިނިސްޓްރީ ކޮންޓްރޯލް ކުރުން. ގައުމު ހީނަރުވެ އަދަޖަހަމުން މިދަނީ ދީންބޭނުން ކޮށްގެން ސިޔާސީ މަންފާއާއި ވިޔަފާރީގެ މަންފާ ނަހަމަގޮތުގަ ނަގާ ބަޔަކުއުޅޭތީވެ.

The name is already taken The name is available. Register?

‫ވާންޗޯ

23 August 2025

ޔޭސް

The name is already taken The name is available. Register?

ދޮންދަލޭކަ

23 August 2025

އިސްލާމީ ޓޫރިޒަމް ގެ ހިދުމަތްދޭ ތަންތަނަށްޗެސް އެއްޖިންސުން ގުޅުން ހިންގާ މީހުންނާ ޒިނޭކުރަން ދާ މީހުން ވަރަށް ގިނަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454