އޮޅިގެން ފޮޓޯ ފޮނުވުމުގެ ފުރުސަތު ކުޑަކުރަން ވަޓްސްއެޕަށް ބަދަލެއް

ބޭނުންކުރާ މީހުންނަށް ފަސޭހަކުރަން ވަޓްސްއެޕަށް އެކި ކަހަލަ އަޕްޑޭޓްސްތައް ގެންނަން ރޭވިފައި އެބަ ހުއްޓެވެ. އެގޮތުން މި މެސެޖިން އެޕް ބޭނުންކުރާ މީހުންނަށް ވަރަށް ބޭނުންތެރި އާ އަޕްޑޭޓެއް މިހާރު ވަނީ އެންޑްރޮއިޑްގެ އަހުލުވެރިންނަށް ދޫކޮށްލައިފަ އެވެ.


އަލަށް މި ގެނައި ބަދަލަކީ މީހަކަށް ފޮޓޯއެއް ފޮނުވާއިރު، އެ މީހެއްގެ ޕްރޮފައިލް ފިކްޗާއާ ދިމާލުން ކުޑަ އައިކަން އަށް އެކަނި ފެންނަން އިނުމުގެ ބަދަލުގައި ޕްރޮފައިލް ޕިކްޗާގެ ދަށަށް އެ މީހެއްގެ ނަން ވެސް ފާޅު ކުރުމެވެ. ވަޓްސްއެޕުން ބުނި ގޮތުގައި މި ބަދަލަކީ ފޮޓޯ ފޮނުވަން ބޭނުންވި މީހާ ނޫން މީހަކަށް ފޮޓޯ ފޮނުވުމުގެ ފުރުސަތު ކުޑަކުރުމެވެ.

އެހެންވެ މިހާރު ފޮޓޯއެއް ފޮނުވާއިރު، އެ ފޮނުވެނީ ސީދާ ފޮނުވަން ބޭނުންވާ މީހާއަކަށް ކަށަވަރު ވާނެ އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަށް ގެންނަން ހުރި އިތުރު ބަދަލުގެ ތެރޭގައި އިންސްޓްގްރާމާއި މެސެންޖާ، ފޭސްބުކާ ގުޅުވައިލި ގޮތަށް ވަޓްސްއެޕާ ދޭތެރޭ ވެސް މި ފާލަން ގުޅުވައިލުމެވެ. އެކަމަކު މި ބަދަލު ގެންނާނެ އިރެއް ނޭނގެ އެވެ.

އަނެއް ބަދަލަކީ ދާދި ފަހުން ފޭސްބުކަށް ގެންނަން އިއުލާން ކުރި ކްރިޕްޓޯކަރަންސީ "ލިބްރާ" ވަޓްސްއެޕަށް ވެސް ލިބޭނެ ގޮތްވުމެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު ވަޓްސްއެޕަށް "ލިބްރާ" އަންނާނެ އެވެ. އެހެންވެ މިއީ ފައިސާގެ މުއާމަލާތްތަކަށް ވެސް އިތުރު ފަސޭހަ ކަމެއް އަންނާނެ ކަމަކަށް ވާނެ އެވެ.