އުމުރުން 40 ވުމުގެ ކުރިން ލޭމައްޗަށްދާ ނަމަ ފަހުން ނުރައްކާ ބޮޑު

އުމުރުން 40 އަހަރު ވުމުގެ ކުރިން ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް ލެވެލް މަތިވާ ނަމަ އުމުރުން ދުވަސްވާ ފަހުން، ހިތުގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނި ގޮތުގައި އުމުރުން 40 އަހަރުން ދަށުގެ މީހުންގެ ލޭގެ ޕްރެޝަރާއި ބޭޑް ކޮލެސްޓްރޯލް (އެލްޑީއެލް) އާންމުކޮށް ހުންނަން ޖެހޭ ވަރަށް ވުރެ މަތި ނަމަ އެއީ 40 އިން މައްޗަށް ދާ ފަހުން ކޮރަނަރީ ހާޓް ޑިޒީޒެސް (ސީއެޗްޑީ) ކުރިމަތި ވާނެ ކަމެކެވެ.

އެގޮތުން ސިސްޓޮލިކް ބްލެޑް ޕްރެޝަރު 130 އެމްއެމް އެޗްޖީ ނުވަތަ އެއަށް ވުރެ މަތި ނަމަ ހިތް ހުއްޓުމުގެ ނުރައްކަލާ ކުރިމަތިވުމުގެ ބިރު 37 ޕަސެންޓަށް ބޮޑުވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ޑައޯސްޓޮލިކް ބްލެޑް ފްރަޝަރު 80 އެމްއެމް އެޗްޖީ އަށް ވުރެ މަތި ނަމަ ހިތުގެ އެކި ކަހަލަ މައްސަލަތާ ކުރިމަތިވުމުގެ ފުރުސަތު 21 ޕަސެންޓަށް އިތުރުވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އާންމު ގޮތެއްގައި ލޭގެ ފްރެޝަރު ހުންނަން ވާނީ 120/80 އެމްއެމް އެޗްޖީއާ ދޭތެރޭގަ އެވެ. އަދި އެލްޑީއެލް ހުންނަން ޖެހެނީ 100 މިލިގްރާމް/ޑީއެލްގަ އެވެ.

ދިރާސާގައި ބުނި ގޮތުގައި އުމުރުން 40 އަހަރުގެ ދަށުގެ މީހުންގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މަތިވާ ނަމަ އެކަމުގެ ނުރައްކާ ފެންނާނީ އުމުރުން ދުވަސްވާ ފަހުން ކަމަށްވާތީ ޒުވާން އުމުރުގައި ދުޅަހެޔޮ ލައިފްސްޓައިލެއް އިހުތިޔާރުކުރުން ވަރަށް މުހިއްމެވެ.

ޒުވާން އުމުރުގައި ރަނގަޅު ޑައިޓާއި ކަސްރަތު މުހިއްމު.

"ބައެއް މީހުންނަށް ސިއްހަތަށް ރަނގަޅު ޑައިޓްތަކަށް ސަމާލުކަން ދިނުމާއި ކަސްރަތުގެ މުހިއްމުކަން ވިސްނެން ފަށަނީ އުމުރުން ތަންކޮޅެއް ދުވަސްވާ ފަހުން. އެހެން ގޮތަކަށް ބުނާ ނަމަ ވަގުތު ފާއިތުވާ ފަހުން،" ދިރާސާ ޓީމުގައި ހިމެނޭ ކޮލަމްބިއާ ޔުނިވަސިޓީ އާވިންގް މެޑިކަލް ސެންޓަރުގެ ޑރ. އެންޑްރޫ މޯރަން ވިދާޅުވި އެވެ. "އެކަމަކު އޭގެ ބަދަލުގައި އެންމެ ޒުވާން އުމުރުގައި ވެސް އެބަޖެހޭ ހެލްދީ ލައިފްސްޓައިލަކަށް ދާން. އެއީ ހަގީގަތުގައި ވަކި ހިސާބަކުން އިހުތިޔާރުކުރާ ކަމަކަށް ވެގެން ނުވާނެ."

އޭނާ ވިދާޅުވި ގޮތުގައި ސިއްހަތަށް ހުރިހާ ގޮތަކުން ވެސް އެންމެ ރައްކާތެރި ގޮތަކީ މެދުއުމުރަށް ނުވަތަ މުސްކުޅި އުމުރަށް ދިއުމުގެ ކުރިން ދުރާލައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަންނާށޭ ބުނާ ފަދައިންނެވެ.