ހަނދާންނެތޭ ބައްޔާ ދެކޮޅަށް ދުވާލަކު 9،000 ފިޔަވަޅު

އުމުރުން ދުވަސްވީ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ ސިއްހީ އެއް މައްސަލައަކީ ހަނދާން ނެތޭ ބައްޔެވެ. އެހެންވެ ސިއްހީ ތަޖުރިބާކާރުން އެންމެ އާންމުކޮށް ދޭ އިރުޝާދަކީ ވެސް ހަރަކާތްތެރި ދިރިއުޅުމެއް އިހުތިޔާރު ކުރުމެވެ. ދިރާސާތަކުން ވެސް ދައްކާ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ސިއްހީ އެކި މައްސަލަތަކުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ހަރަކާތްތެރިވެ އުޅުމެވެ. ހަނދާން ނެތުމާއި ސިކުނޑި އަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުން މިކަމުގެ ސަބަބުން ރައްކާތެރިކޮށްދޭނެ އެވެ.


އާ ދިރާސާއެއްގައި ބުނާ ގޮތުން އުމުރުން ދުވަސްވީ މީހުން ދުވާލެއްގެ މައްޗަށް 9،000 ނުވަތަ 8،900 ފިޔަވަޅުގެ ރާސްތާއަކަށް ކޮންމެ ދުވަހު ހިނގުމަކީ ހަނދާން ނެތޭ ބަލީގެ އެންމެ އާންމު އެއްވައްތަރު ކަމަށްވާ އަލްޒެއިމާ ބަލިން ރައްކާތެރިކޮށް ދޭން ބާރު އަޅާނެ ކަމެކެވެ.

ޖަމާ ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ދިރާސާ އަށް ވަނީ އެވްރެޖް އުމުރު 73 ގައި ހުރި 182 މީހެއްގެ ސިއްހީ ރެކޯޑް އަށް އަހަރުގެ މުއްދަތަދަކަށް އެނަލައިޒްކޮށްފަ އެވެ. ހިނގާ އިރު އަޅާ، ފިޔަވަޅުތަކުގެ އަދަދު ދަނެގަނެވޭ ޕެޑޯމީޓަރުގެ އެހީގައި ބައިވެރިންގެ ހިނގުމުގެ ރާސްތާ ހުރި ވަރު ބަލައި، ސިއްހީ ގޮތުން އައިސްފައި ހުރި ބަދަލުތައް ދެނެގަނެފައިވެ އެވެ.

ދުވަސްވީ މީހަކު ހިނގަނީ.

އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް، 8،900 ފިޔަވަޅު އަޅާ މީހުންގެ ހަނދާން ނެތޭ މައްސަލަ ކުޑަކަން ހާމަވަފެފައިވެ އެވެ.

މި ނަތީޖާ އަށް އިޝާރާތް ކުރައްވައި ސެންޓަ ފޮ އަލްޒެއިމާސް ރިސާޗް އެންޑް ޓްރީޓްމަންޓް (ސީއޭއާރްޓީ) ގެ ޑިރެކްޓަރު އަދި ދިރާސާގައި އިސްކޮށް އުޅުއްވި ރެއިޒާ ސްޕާލިން ވިދާޅުވީ ހަރަކާތްތެރިވުމުގެ މުހިއްމުކަން މިކަމުން ހާމަވާ ކަމަށެވެ.

އުމުރުން ދުވަސްވީ ބަޔަކު ހިނގަނީ.

"ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުން ހަރަކާތްތެރި ލައިފް ސްޓައިލެއްގެ ތެރޭގައި އުޅޭ ނަމަ ސިއްހީ ގޮތުން ކުރާ ފައިދާތައް ގިނަ. މީގެ ތެރޭގައި މީހާ މެންޓަލީ ފިޓްކޮށް ދިނުމުގެ އިތުރަށް ފިޒިކަލީ ވެސް ވަރުގަދަކޮށްދޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ހިނގުން ކަހަލަ ކަންކަމަކީ ހަމަ ކޮންމެ ދުވަހެއްގެ ތާވަލުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ޖެހޭ. ހަގީގަތުގައި ބޭރުތެރެއަށް ނުކުމެ ހިނގުމަކީ މީހާ އަށް ސޯޝައިލައިޒްވުމުގެ ފުރުސަތު ވެސް ލިބި، ނަފުސަށް ހަމަޖެހުން ގެނުވައި ދޭނެ ކަމެއް."

ރެއިޒާ ވިދާޅުވި ގޮތުގައި ދަރިން ވެސް މައިންބަފައިންނަށް ހަރަކާތްތެރި ދިރިއުޅުމެއް ހޯދައި ދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެކަމަށް ހިތްވަރު ދޭން ވާނެ އެވެ.