ކުށްވެރިއެއްގެ އިސްތަށިގަނޑަށް އާންމުން ޖޯކު ޖަހާތީ ފުލުހުންގެ އިންޒާރެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ޝަރުތުތަކާ އެކު މިދިޔަ އަހަރު ދޫކޮށްލި ކުށްވެރިއަކު، އެއްބަސްވުމާ ހިލާފުވެ، ފިލި މައްސަލައަކާ ގުޅިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް އެދި އިނގިރޭސިިލާތުގެ ސައުތު ވޭލްސްގެ ފުލުހުން އާންމުކުރި ފޮޓޯއަކަށް ގިނަ ބަޔަކު ޖޯކު ޖަހަން ފެށުމުން، އެކަން ކުރާ މީހުންނަށް ދައުވާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.


ނިއުޕޯޓަށް ނިސްބަތްވާ ޖޭމެއިން ޓޭލާ، 21، ހޯދަން ސައުތު ވޭލްސްގެ ގްވެންޓް ފުލުހުން ފޭސްބުކްގައި ފޮޓޯ އާންމުކުރީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ފޮޓޯގައި އޭނާ ފެންނަނީ ނިތްކުރިމަތިން ތަލަވެ، ބޮލުގެ ފަހަތުގައި ހުރި އިސްތަށިތައް ދެ ފަރާތުން ހިއްލިފައިވާ ތަނެވެ.

އެ ފޮޓޯގައި ޓޭލާގެ އިސްތަށިނޑު ހުރި ސްޓައިލް މަޖާވެގެން އެތައް ހާސް ބަޔަކު މަލާމާތްކޮށް ކޮމެންޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ކޮމެންޓް ސެކްޝަނުގައި ބުނީ ސޯޝަލް މީޑިއާގައި އެއްވެސް މީހަކާ ޒާތީ ގޮތުން ދިމާކޮށްލ ފާޑުކިޔައި، އެ މީހެއްގެ ސިފަ އަށް މަލާމަތްކޮށް، ހަޖޫ ޖެހުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެންވެ ތަކުރާރުކޮށް އެކަން ކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅައި ދައުވާ ކުރަން ޖެހިދާނެ ކަމަށް ބުންޏެވެ.

"އެހެންވީމަ އަހަރެމެން ނަސޭހަތް ދެން ހުރިހާ އެންމެންނަށް ވެސް ސޯޝަލް މީޑިއާގައި މީސްމީހުންގެ ސިފަ އަށް މަލާމާތްކޮށް ހަޖޫ ނުޖަހަން،" ފުލުހުން ބުންޏެވެ. "އަދި މީހެއްގެ އަބުރަށް ހުތުރާ ކަހަލަ ވާހަކަތައް ދައްކާ ނަމަ އެކަން ކުރާ މީހުންގެ މައްސަލަ ފުލުހުން ބަލާނެ ވާހަކަ ވެސް ދަންނަވަން."

ގްވެންޓް ފުލުހުން ބުނީ ޓޭލާގެ ފޮޓޯ އާންމުކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން އޭނާގެ ފޮޓޯ ހުއްޓުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެންމެ މުހިއްމު ކަމަކި އޭނާ ހޯދުމުގައި ފުލުހުންނަށް އާންމުން އެހީވުން ކަމަށް ބުންޏެވެ.

"އަހަރެމެން ބެސް ގަބޫލުކުރަން ހިނި އަންނަ ޒާތުގެ ކޮމެންޓްތައް ވެސް ޓޭލާގެ ފޮޓޯއަށް ކޮށްފައިވާކަން. އެކަމަކު އެއްވެސް ކަމެއް ހައްދުން ބޭރުވެގެން ނުވާނެ،" ފުލުހުން ބުންޏެވެ.

ޓޭލާއަކީ 2017 ވަނަ އަހަރު ގިނަ އަދަދެއްގެ ކޮކެއިން އެތެރެކުރި މައްސަލައެއް ސާބިތުވެ، އެ އަހަރުގެ ސެޕްޓެމްބަރުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. އަދި ޝަރުތުތަކަކާ އެކު އޭނާ ޖަލުން މިނިވަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.