އައިފޯނުތަކަށް އޮތް ބިރެއް ގޫގުލް އިން ހާމަކޮށްފި

އެޕަލްގެ އައިއޯއެސް އިން ހިންގާ ޑިވައިސްތައްތައް ހެކް ކުރެވޭ ބާގަނޑެއް ފާހަގަކުރެވިފައިވާ ކަމަށް ގޫގުލްގެ "ޕްރޮޖެކްޓް ޒީރޯ" ގައި ބުނެފި އެވެ.


މި ބާގަނޑުގެ ސަބަބުން، އެތައް ހާސް ޑިވައިސް އަކަށް ބިރު އެބަ އޮތް ކަމަށާއި އެކަމަކު މި ހަމަލާ އަމާޒުވީ ކިތަން ޑިވައިސް އަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

އެގޮތުން އައިފޯނާއި އައިޕެޑުން ވަންނަ އެކި ސައިޓްތަކަށް އިންސްޓޯލްކުރާ އެކި ކަހަލަ މަލްވެއާތަކުގެ އެހީގައި މީސްމީހުންގެ ޕާސްވޯޑާއި ކޮންޓެކްޓްތަކާއި އެ ނޫން ވެސް ޒާތީ އެތައް މައުލޫމާތެއް ފޭރިގަތުމުގެ ބިރުބޮޑު ކަމަށް ބުންޏެވެ.

"ޕްރޮޖެކްޓް ޒީރޯ" ގެ ޓީމްގައި ހިމެނޭ މެމްބަރު އިއާން ބިއާ ވިދާޅުވި ގޮތުގައި އައިފޯނާއި އައިޕެޑަށް އޮތް ނުރައްކާ ވަރަށް ވެސް ބޮޑެވެ.

"އެކަމަކު ނޭނގެނީ މީގެ ނުރައްކާ އޮތީ ކިހާ އަދަދެއްގެ ޑިވައިސްތަކަކަށްކަން،" އޭނާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން ވެސް އިއާންގެ ޓީމުން މި ވާހަކަ އެތައް ބައެއްގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އެގޮތުން އައިއޯސް 10 އާއި އައިއޯސް 12 ބަސޯރާވާ ޑިވައިސްތައް އޮތް ނުރައްކަލަށް ސަމާލުވުން ވަރަށް މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ. އައިއޯއެސް އަށް އެންމެ ފަހުން ގެނައި އަޕްޑޭޓަކީ މިދިޔަ ފެބްރުއަރީ މަހު ގެނައި 12.1.4 އެވެ.

ނަމަވެސް ޑިވައިސްތަކުގެ ސެކިއުރިޓީ އަށް އޮތް ބިރުގެ ވާހަކަ "ޕްރޮޖެކްޓް ޒީރޯ" ގައި ހާމަކުރިޔަސް، މި ވާހަކަ އަށް އެޕަލް އިން އަދި އެއްވެސް ރައްދެއް ނުދެ އެވެ.