ހޮންކޮންގް މުޒާހަރާ ތީމް ބޫޓުން ވޭންޒް ހޫނުފެނަށް

ސްކޭޓްބޯޑިން ބޫޓް އުފައްދާ އެމެރިކާގެ ކުންފުނި ވޭންޒް އިން ކުރިއަށް ގެންދާ "ވޭންޒް ކަސްޓަމް ކަލްޗާ" މުބާރާތުގައި ފަރުމާކުރި ބޫޓެއް، ހޮންކޮންގުގައި ކުރިއަށްދާ މުޒާހަރާ އަށް ރައްދުވާތީ، މުޒާހަރާ އަށް ތާއީދުކުރާ މީހުން އެ ކުންފުނި ބޮއިކޮޓްކުރަން ގޮވަން ފަަށައިފި އެވެ.


ފާޑުކިޔުންތައް އަމާޒުވުމުން މުބާރާތުގައި އެ ބޫޓް ނުހިމަނަން ވެސް ވަނީ ނިންމައިފަ އެވެ.

ވޭންސް އިން އެކަން އިއުލާންކުރީ ވާދަކުރާ ބޫޓް ކަލެކްޝަނަށް ވޯޓްދޭން އާންމުންނަށް ފުރުސަތު ވެސް ހުޅުވާލާފައި ވަނިކޮށެވެ. "ވޭންޒް ކަސްޓަމް ކަލްޗާ ކޮންޓެސްޓް" އަކީ އާންމުންނަށް ޑިޒައިންތައް ހުށަހަޅަން ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެގޮތުން އެންމެ ގިނަ ވޯޓް ލިބޭ ފަރުމާއަކަށް 25،000 ޑޮލަރު ދޭނެ އެވެ.

ހޮންކޮންގް މުޒާހަރާ ތީމް ބޫޓަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ވޭންޒް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ފަރުމާ އަކީ މުޒާހަރާއާ ދެކޮޅަށް އުފެއްދި އެއްޗެއް ނޫން ކަމަށާއި އެކަމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށެވެ. އަދި އެ ބޫޓަކީ މި މުބާރާތަށް ކެނެޑާގެ ނައޯމިސޯ ކިޔާ މީހަކު ހުށަހެޅި ޑިޒައިނެއް ކަމަށް ވެސް ބުންޏެވެ.

އެ ބޫޓްގައި ހޮންކޮންގުގެ މުޒާހަރާގެ ބައިވެރިން ބޭނުންކުރާ ރީނދޫ ކުޑަ އާއި ފޭސްމާސްކް އަޅައިގެން ތިބޭ މީހުންނާއި ހޮންކޮންގްގެ ދިދައިގައި އިންނަ ބަހުނިއާ މާ ރަތް ކުލައިން ހިމަނާފައިވެ އެވެ.

ބޫޓަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އިނގިރޭސި ބަހާއި ޗައިނާ ބަހުން ވޭންޒްގެ ފޭސްބުކްގެ ޕޭޖްގައި ބުނީ އެ ކުންފުންޏަކީ އަބަދުވެސް އާ ހިޔާލުތަކާއި އާ ވިސްނުންތަކަށް ހުޅުވާލެވިފައިވާ ތަނެއް ކަމަށެވެ. އަދި ހޮންކޮންގް މުޒާހަރާ ތީމް ބޫޓަކީ އެގޮތުން ލިބުނު ފަރުމާއެއް ކަމަށާއި އެއީ ބަޔަކާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި އެފަދަ ގޮތަކަށް ދުވަހަކު ވެސް ކަމެއް ނުކުރާނެ ކަމަށް ވޭންޒް އިން ބުންޏެވެ.

"އަހަރެމެން ދަމަހައްޓަމުން އަންނަ އުސޫލުތައް އަބަދު ވެސް ދަމަހައްޓާނަން،" ސީދާ ހޮންކޮންގް މުޒާހަރާގެ ވާގަކަ ނުގެނެސް ވޭންޒް އިން ބުންޏެވެ. "އަދި ބަޔަކަށް އިހުތިރާމު ކުޑަވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން."

މުޒާހަރާ ތީމް ބޫޓާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ boycottVans# ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.