ކުޑަކުއްޖަކު ޕްލާސްޓިކް ކުލަ ފަންސުރާ ދެކޮޅަށް

ތިމާވެއްޓާ ރައްޓެހި ރިސައިކަލް ކުލަފަންސުރު އިނގިރޭސިވިލާތުގެ ކްރޭޔޯލާ އިން އުފައްދަން ގޮވާލައި 7 އަހަރުގެ ކުއްޖަކު ޕެޓިޝަނެއްގައި ސޮއިކުރުވަން ފަށައިފި އެވެ.


ކުރެހުމަށް އަބަދުވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުންނަ އަދި ލަންޑަނުގެ ބްރޮކްލީގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ޖެސީ ސްޓެފެންސްގެ ޕެޓިޝަނުގައި މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ކްރެޔޯލާ އަށް ގޮވާލާފައި ވަނީ ކުލަފަންސުރަކީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗަކަށް ނުހެދުމަށެވެ. ކްރެޔޯލާ ގިނަ އުފެއްދުންތައް މި ވަގުތު ހުންނަނީ ނުރައްކާތެރި ޕްލާސްޓިކްގެ ބާވަތްތަކުން ތައްޔާރުކޮށްފަ އެވެ.

އެގޮތުން ރިސައިކަލްކުރެވޭ ތިމާވެއްޓާ ރައްޓެހި ބާވަތްތަކުން ކުލަފަންސުރު އުފައްދާ ނަމަ އެއީ ތިމާވެއްޓަށް ވަރަށް ބޮޑު ރައްކަލަކަށް ވާނެ ކަމަށް ބުންޏެވެ. މިކަމަށް ގޮވާލައި ކުރިއަށް ގެންދާ އޮންލައިން ޕެޓިޝަން Change.org ގައި ކުރިއަށްދާ އިރު ޖެސީގެ ޓާގެޓަކީ މަދުވެގެން 75،000 މީހުންގެ ސޮއި އެއަށް ހޯދުމެވެ.

"ކްރެޔޯލާގެ ކުލަފަންސުރުތަކަކީ އަހަރެން މިހާތަނަށް ބޭނުންކުރަން އެންމެ ގަޔާވި ކުލަތައް ވެސް މެ. އެކަމަކު އެ ކުންފުނީގެ އުފެއްދުންތައް ތިމާވެއްޓަށް ގެއްލުން ހުރި އެއްޗަކަށްވާތީ އަހަރެން މިހާރު ބޭނުމެއް ނޫން ކްރެޔޯލާގެ އުފެއްދުންތައް ބޭނުންކުރާކަށް،" ޖެސީ ބުންޏެވެ. "އެހެންވެ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ދާން އަހަރެން ކްރެޔޯލާ އަށް ގޮވާލަނީ. އެކަން ވެދާނެކަމުގެ ޔަގީންކަން ކުންފުނިން ލިބެން ބޭނުންވޭ."

ޖެސީގެ ޕެޓިޝަނުގައިން އިން ކުރެހުމެއް.

އޭނާ ބުނިގޮތުގައި ތިމާވެށީގެ ހިމާޔަށް އެންމެން މަސައްކަތްކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ އެންމެންގެ ކުރިމަގު ވެސް ގެއްލިދާނެ ކަމަށް ބުންޏެވެ.

"މިއީ އާދައިގެ ކަމެއްހެން ހީވިޔަސް ކުޑަކަމެއް. ކުޑަކުޑަކަމުން ވެސް ރަނގަޅު ބަދަލެއް ގެނެވޭނެ." ޖެސީ ބުންޏެވެ.

މިކަމާ ގުޅިގެން ޖެސީ ވަނީ ކްރެޔޯލާ ކުންފުނީގެ ވެރިންނާ ބައްދަލުކުރަން ވެސް އެދިފަ އެވެ. އެކަމަކު އެ ކުންފުނިން މިކަމަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ.

"އެތަނުން ލިބުނު ޖަވާބުގެ ސިޓީގައި އުފާވާ ކަހަލަ އެއްވެސް ކަމެއް ނެތް. އަދި ބައްދަލުވުމަކަށް ފުރުސަތެއް ދޭނެ އިޝާރާތެއް ވެސް ނެތް،" އޭނާ ބުންޏެވެ.

ޖެސީ ބުނިގޮތުގައި މިހާތަނަށް އަދި ކްރެޔޯލާ އިން އެކަށީގެންވާ ކަހަލަ ޖަވާބެއް ނުލިބުނަސް އޭނާ ކުރާ މަސައްކަތްތައް ހުއްޓައެއްނުލާނެ އެވެ.

"އެހެންވެ އަހަރެން އެދެން ވީހާ ވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކޮށްދޭން. މީގެ ސަބަބުން ބަދަލެއް ގެންނަން އަހަންނަށް ފުރުސަތު ލިބޭނެ،" ޖެސީ ބުންޏެވެ.

ޖެސީ ކިޔަވާ ސްކޫލްގެ ހެޑް ޓީޗަރު ސުއީ ހާޓް ބުނިގޮތުގައި އެންމެ 7 އަހަރުގެ ކުއްޖަކު ތިމާވެށީގެ ހައްގުގައި މިކުރާ މަސައްކަތަކީ ތައުރީފު ހައްދު ހިތްވަރު ދޭން ޖެހޭ ވަރުގެ ކަމެކެވެ.

"އަހަރެމެން މުޅި ސްކޫލުން ޖެސީގެ މަސައްކަތް ބަލައިގަނެ، ހިތްވަރުދެން،" އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ލޭބާ ޕާޓީ އަށް ނިސްބަތްވާ ވިކީ ފޮކްސްކްރޮޓް ވެސް ވިދާޅުވީ އޭނާ ހުންނެވީ ޖެސީގެ ކެމްޕޭނާ އެކީގަ އެވެ.

"ކްލައިމެޓް ޗޭންޖްގެ އިޝޫތަކަކީ ގިނަ ޒުވާނުން އަހަންނާ ހަމައަށް ވެސް އެންމެ ގިނައިން ހުށަހަޅާ ކަންބޮޑުވުންތައް،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ތިމާވެށީގެ މައްސަލަތަކުގައި ކުރިމަގުގެ ޖީލު ލޮބީކުރުމަކީ ވަރަށް ހެޔޮ ބަދަލަކަށް ވާނެ."

ޖެސީގެ ޕެޓިޝަނުގައި ސޮއިކުރަން އެދިވަޑައިގެން ވިކީ ވަނީ ޓްވިޓާގައި އޭގެ ލިންކް ވެސް ހިއްސާކުރައްވައިފަ އެވެ.