ފަނޑު ނޫ އަލީގެ ތެރޭގައި ނިދަން ފަސޭހަތަ؟

ބައެއް މީހުންނަކީ ނިދާއިރު އެއްވެސް އަލިކަމެއް ނެތި ސީދާ ކަނު އަނދިރީގައީ ނޫނީ ނުނިދޭ މީހުންނެވެ. އެފަދަ މީހުންނަށް ކިރިޔާ ވެސް އަލިކަމެއް ފެންނަ ނަމަ ނިދުމަށް ހުރަސް އަޅަ އެވެ.


އެހެންވެ ސުވާލަކީ ނިދާއިރު އެއްވެސް އަލިކަމެއް ބޭނުންވޭ ހެއްޔެވެ؟ އެހެންވެއްޖަ ނަމަ އެކަމަށް އެކަށޭނީ ކޮން ކުލައެއްގެ އައްޔެއް ހެއްޔެވެ؟ މި ސުވާލަށް ދިރާސާއަކުން ޖަވާބު ތިލަކޮށްދިން އިރު، އޭގައި ބުނީ ނިދާ އިރު ނޫކުލައިގެ ފަނޑު އައްޔެއް ހުރުމަކީ ނިދުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމުގެ އިޝާރާތްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަލިތަކުގައި ނިދަން ފަސޭހަވާ ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

އެކަމަކު އޭގެ މާނަ އަކީ ފޯނާއި ޓެބްލެޓް ފަދަ ތަކެތީ އަލީގައި ނިދާށެކޭ ނޫނެވެ. އެފަދަ ޑިވައިސްތަކުން ނޫ ނޫކުލައިގެ އައްޔެއް ދިން ނަމަވެސް، ރަނގަޅު ގޮތަކީ ނިދާ އިރު، ފޯނާއި ޓެބްލެޓް ކަހަލަ އެއްޗިއްސާ ދުރުވުމެވެ.

ކަރަންޓް ބައޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވަސިޓީގައި ހަދާފައި ވަނީ ރީނދުލާއި ނޫ ބޮކި އަލީގެ ތެރޭގައި މީދާތަކެއް ނިންދަވައިގެންނެވެ. އެގޮތުން ފާހަގަކުރެވުނު ކަމަކީ ރީނދޫ ބޮކީގެ އަލި އެކި ވަރަށް ބަހައްޓައިގެން މީދާތަކަށް ނިދަން އުނދަގޫވި ނަމަވެސް ނޫ ބޮކީގެ ފަނޑު އަލީގެ ތެރޭގައި މީދާތަކަށް ނިދަން ފަސޭހަވިކަމެވެ.

އެހެންވެ މިއީ އިންސާނުންނަށް ވެސް އެކަށީގެންވާ ގޮތެއް ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް މިއީ އަދިވެސް އިތުރަށް ދިރާސާކުރަން ޖެހޭ ކަމެއް ކަމަށް ޓީމުން ބުންޏެވެ.

ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރި ޑރ. ޓިމް ބްރައުން ވިދާޅުވި ދުވާލާއި ރޭގަނޑު ބެހިފައިވާ ގޮތަށް ބަލާ އިރު އެއީ ބޮޑީ ކްލޮކާ ވެސް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. އަދި ދުވާލުގެ ވަގުތުތައް ގުދުރަތީ އަލިކަމުގެ ތެރޭގައި އުޅުމަށް ފަހު، އަރާމުކުރަން ރޭގަނޑު ލިބޭ ވަގުތަކީ އަނދިރި ވަގުތަކަށްވުމަކީ ބޮޑީ ކްލޮކާ ރައްޓެހި ގޮތެއް ކަމަށެވެ. އެހެންވެ ނިދާއިރު މަސްނޫއީ އަލި ލިބުމަކީ ނިދުމަށް ހުރަސް އެޅޭ ކަމަކަށް ވިޔަސް، އަލި ބޭނުންކުރާ ގޮތާއި އޭގެ ކުލަ އަކީ ނިދުމަށް ރަނގަޅު އަސަރެއް ގެނުވައިދޭ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

"ހުދު ނުވަތަ ރީނދޫ ކުލައިގެ އައްޔަކީ ނިދުމާ ދުރުކޮށްދީ، މީހާ އެލާޓްގައި ބަހައްޓާނެ ކަމެއް. އެއާ ހިލާފަށް ނިދާ ތަނުގައި ނޫކުލައިގެ ފަނޑު އަލި އައްޔެއް ހުރުމަކީ ނިދަން ފަސޭހަވާނެ ކަމެއް،" ޓިމް ވިދާޅުވި އެވެ.