ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް

ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކުންފުންޏެއްގެ ޝަރަފު، ގޫގްލް ހިންގާ ކުންފުނި އަލްފެބަޓަށް ބުރާސްފަތި ދުވަހު ލިބިއްޖެ އެވެ.


ޕަބްލިކް ކުންފުނިތަކުގެ ތެރެއިން ހިއްސާގެ އަގުން ޓްރިލިއަން ޑޮލަރަށް އަރާ ކުންފުނިތަކުގެ އަދަދު އުޅެނީ އެންމެ ހަތަރެއްގަ އެވެ. އަލްފެބަޓާ އެކު އެ ލިސްގައި ހިމެނެނީ މަޝްހޫރު ކުންފުނިތައް ކަމަށްވާ އެމެރިކާގެ އެޕަލް އާއި ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސްގެ މައިކްރޮސްފޮޓްގެ އިތުރުން މިދިޔަ އަހަރު މުޅިން އަލަށް ހިއްސާގެ ބާޒާރަށް ނުކުތް ސައުދި އަރަބިއްޔާގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ އެވެ.

އަލްފެބަޓަށް ޓްރިލިއަން ކުލަބުން ޖާގަ ލިބުނު އިރު، ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ އެމެޒޯނަށް ވަނީ ޖާގަ ގެއްލިފަ އެވެ.

އެންމެ ފައިދާ ބޮޑު ކުންފުނީގެ ތެރޭގައި އަލްފަބެޓް ހިމެނިގެން ދިޔަ އިރު އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 34 ބިލިއަނާ ގާތްކުރާ ވަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2018 އާ އަޅާކިޔާ ނަމަ 17 ޕަސަންޓްގެ ކުރިއެރުމެކެވެ.

ވިޔަފަރީގެ ރޭހުގައި އަލްފަބެޓަށް ބޮޑު ޝަރަފެއް ލިބިގެން ދިޔަ އިރު، އެ ކުންފުނީގެ މެނޭޖްމަންޓަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބޮޑު ބަދަލެއް ވެސް ގެނެސްފަ އެވެ. އެގޮތުން އަލްފަބެޓްގެ ސީއީއޯގެ މަގާމު ލެރީ ޕޭޖް ދޫކޮށްލުމާ ގުޅިގެން އެ މަގާމު ހަވާލުކޮށްފައި ވަނީ ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީ އެވެ.

މީޑިއާތަކުން ބުނީ އެވަރުގެ ބޮޑު ބަދަލެއް އަލްފެބަޓަށް ގެނައި ނަމަވެސް މާލީ ގޮތުން ކުންފުނީގެ ވިޔަފާރި އަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށާއި އަދިވެސް އެ ކުންފުންޏަކީ ފައިސާ ޖަހާ މެޝިނެއް ކަމަށެވެ. އަދި އާ އަހަރަކާ އެކު އަލްފަބެޓްގެ ހިއްސާގެ އަގަށް ވަނީ 8 ޕަސަންޓްގެ ކުރިއެރުމެއް ވެސް އައިސްފަ އެވެ.