ޕާކިސްތާނުގައި އިތުރުވަމުންދާ ކުށްތައް ގުޅުވީ ބޮލީވުޑްގެ ފިލްމުތަކާ

އެކި ބާވަތްކުގެ ކުށްތައް ޕާކިސްތާނުގައި އިތުރުވަނީ ބޮލީވުޑްގެ ފިލްމުތަކަކުގެ ސަބަބުން ކަމަށާއި މީގެ ކުރިން ދެކެފައި ނުވާ ވަރަށް ޕާކިސްތާނުގެ ޒުވާނުންގެ މެދުގައި ކުށްކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރު އިމްރާން އިންޑިއާ އަށް ތުހުމަތުތަކެއްކޮށްފި އެވެ.


އަބަދު ވެސް ސިޔާސީ ގޮތުން ބޮޑު ހަތުރުވެރިކަމެއް އޮންނަ ޕާކިސްތާނަކީ އިންޑިއާގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮންނަ ގައުމަކަށް ވިޔަސް، މިދިޔަ އަހަރު ދެ ގައުމުގެ މެދުގައި ހޫނުވި ކޯޅުންތަކާ ގުޅިގެން އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން ވަނީ މަނާކޮށްފަ އެވެ.

ބޮޑުވަޒީރު އިމްރާން ވިދާޅުވި ގޮތުގައި އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައި އޮތަސް ސްމާޓްފޯނާއި އިންޓަނެޓްގެ އެހީގައި ޕާކިސްތާނުގެ ގިނަ ބަޔަކު ތިބީ އިންޑިއާގެ އުފެންދުންތަކުގެ ތެރޭގައި ތާށިވެ، އެ މީހުންގެ ސިކުނޑި އާއި ވިސްނުން ވެސް ހަރާބުވެފަ އެވެ.

މިހާރު މޮބައިލް ފޯނު އާންމުވެފައިވާލެއް ބޮޑުކަމުން އެންމެންނަށް ވެސް މިއޮތީ އެއްވެސް ހުރަހެއް ނެތި އެކި ބާވަތުގެ ކޮންޓެންޓްތަކަށް ދޮރު ހުޅުވިފައި.

މީގެ ދެ އަހަރު ކުރިން މަގާމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ކްރިކެޓް ތަރި ވިދާޅުވި ގޮތުގައި ބޮލީވުޑްގެ ފިލްމުތަކަކީ އެކި ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަން ލިބޭ ހިތްވަރެކެވެ. އެގޮތުން އިންޑިއާގެ އުފެއްދުންތަކުގެ ސަބަބުން ޕާކިސްތާނުގެ ޒުވާނުންނާއި ޅަ ކުދިން މަސްތުވާތަކެއްޗާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ އުފެއްދުންތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ޖުމްލަކޮށް ބޮޑު މަންޒަރަށް ބަލާކަމަށްވަންޏާ ޕާކިސްތާނުގައި ބޮޑުވަމުންދާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކުގެ އަސްލު ސަބަބަކީ ބޮލީވުޑްގެ ފިލްމުތައް،" އިމްރާން ވިދާޅުވި އެވެ. "މިހާރު މޮބައިލް ފޯނު އާންމުވެފައިވާލެއް ބޮޑުކަމުން އެންމެންނަށް ވެސް މިއޮތީ އެއްވެސް ހުރަހެއް ނެތި އެކި ބާވަތުގެ ކޮންޓެންޓްތަކަށް ދޮރު ހުޅުވިފައި. އޭގެ ތެރޭގައި ހޮލީވުޑްގެ އުފެއްދުންތައް ވެސް ހިމެނޭ. އެހެންވީމާ މިއީ އެއީ ހަގީގަތުގައި ޕާކިސްތާނަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިކަމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި ގައުމުގެ އިޖުތިމާއީ ވެށި ދަނީ ހަލާކުވަމުން."

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޕާކިސްތާނު މިހާރު އޮތީ މީގެ ކުރިން ދުވަހަކު ވެސް ކުދިން ކުށްތަކަށް އަރައިގަތުން އާންމުނުވާ ކަމަށް އެކަން އާންމުވެފަ އެވެ. އެގޮތުން ސްކޫލްތަކުގެ ތެރޭގައި ވެސް ދަރިވަރުން މަސްތުވާތަކެތީގެ ތެރެއަށް ހުށަހެޅެމުންދާ ކަމަށް ވިދާޅުވި އެވެ.