އެމްބީއޭގެ ލޯގޯގައި ކޯބީ ބްރަޔަންޓް ހިމަނަން ގޮވާލައި ޕެޓިޝަނެއް

ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި އާދީއްތަ ދުވަހު މަރުވި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓްގެ ސޫރަ އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ ލޯގޯ އަށް ގެންނަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.


ޗޭންޖް.އޯގް ގައި ކުރިއަށް ގެންގާ އެ ޕެޓިޝަނުގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

މި ޕެޓިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ނިކް އެމް ބުނީ އެންބީއޯގެ ލޯގޯ އަށް މިހާރު ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށާއި ލޯގޯގައި ހިމަނަން މިހާރު އެންމެ ރަނގަޅީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ގުނައިލެވޭ ކޯބީ، 41، ކަމަށެވެ. އެހެންވެ ޕެޓިޝަނުގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެދިފައިވެ އެވެ.

އެލަން ސީޖެލް ފަރުމާކޮށްފައިވާ އެމްބީއޯގެ ލޯގޯ އިން މިހާރު ރަމްޒުކޮށް ދެނީ އެލްއޭ ލޭކާޒްގެ ކުރީގެ ބާސްކެޓްް ތަރި ޖެރީ ވެސްޓް، 81، އެވެ.

"ބްލެކް މަމްބާ" ގެ ނަމުން މަޝްހޫރުވި ކޯބީ ބާސްކެޓްބޯޅަ އިން ރިޓަޔާކޮށްފައި ވަނީ 2016 ގަ އެވެ. އޭނާގެ 20 އަހަރުގެ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.

ކޯބީ އަކީ ބާސްކެޓްބޯޅަ ކޯޓުން ބޭރުގައި ވެސް ގިނަ ބަޔެއްގެ މަގުބޫލު ކުޅުންތެރިޔެކެވެ. އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެތުލީޓުންގެ ތެރޭގަ އެވެ. ހާއްސަކޮށް ކޯބީގެ ހިތްތިރި އަދި ގިނަ ބަޔަކާ ގުޅެ މިޒާޖުގެ ސަބަބުންނެވެ.

ކޯބީ ވަނީ އެމެރިކާ ގައުމީ ބާސްކެޓްބޯޅަ ޓީމާ އެކު 2008 އަދި 2012 ވަނަ އަހަރު އޮލިމްޕިކްސް ރަން މެޑަލް ހޯދައިފަ އެވެ. މުޅި ކެރިއަރުގައި، 1996 އިން 2016 އަށް އެންބީއޭގެ ލޮސް އެންޖެލްސް ލޭކާސް އަށް ކުޅުނު ކޯބީ ވަނީ އެ ކްލަބާ އެކު އެންބީއޭ ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ.

އޭނާ ވަނީ 2008 ވަނަ އަހަރުގެ ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ކޯބީ އަކީ އެންބީއޭގެ ތާރީހުގައި އެއް މެޗެއްގައި ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާ ވެސް މެ އެވެ.

އެ ރެކޯޑް އޭނާ ގާއިމްކުރީ 2006 ވަނަ އަހަރު ޓޮރޮންޓޯ ރެޕަޗުއާސް ކޮޅަށް 81 ޕޮއިންޓް އަޅައިގެންނެވެ.

ކުޅުން ހުއްޓައިލުމަށް ފަހު ފަހުން ކޯބީ އެންމެ ބޮޑު ސަމާލުކަން ދިން އެއް ކަމަކީ ހެލިކޮޓަރު ހާދިސާގައި މަރުވި އަންހެން ދަރިފުޅު ޖިއާނާ، 13، މޮޅު ކުޅުންތެރިޔަކަށް ހެދުމެވެ.