ކޯބީ ބްރަޔަންޓްގެ އަންހެނުން ބަދަލު ހޯދަން ދައުވާކޮށްފި

ހެލިކޮޕްޓަރު ވެއްޓި އެމެރިކާގެ ބާސްކެޓް ތަރި ކޯބީ ބްރަޔަންޓާއި އިތުރު ބަޔަކު މަރުވި މައްސަލާގައި ކޯބީގެ އަންހެނުން ދައުވާކޮށްފި އެވެ.


މިދިޔަ މަހުގެ 26 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ހިނގި އެ ހާދިސާގައި ކޯބީގެ އިތުރުން 13 އަހަރުގެ އަންހެން ދަރިފުޅު ޖިއާނާ އާއި އިތުރު ހަތް މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރު ދުއްވި ޕައިލެޓް އަރާ ޒޮބަޔާން، 50، ވެސް ހިމެނެ އެވެ.

ކޯބީގެ ހުވަފަތް އަންހެނުން ވަނެސާ ބްރަޔަންޓް ދައުވާކުރީ ހެލިކޮޕްޓަރު އޮޕަރޭޓްކުރި ކުންފުނި އައިލެންޑް އެކްސްޕްރެސް ހެލިކޮޕްޓާޒަށެވެ. އެގޮތުން މޫސުމަށް ބެލުމެއް ނެތި ގަދަ ދުންފުނީގެތެރޭގައި ދަތުރުކޮށް، ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ޕައިލެޓްގެ އިހުމާލުން ވެސް ވީ ކަމެއް ކަމަށާއި މިކަމުގެ ހުރިހާ ޒިންމާއެއް ކުންފުނިން ނަގަން ޖެހޭނެ ކަމަށް ބުންޏެވެ.

ވަނެސާގެ ދައުވާގައި ވަނީ ފިރިމީހާ އާއި ދަރިފުޅުގެ މަރާ ގުޅިގެން އާއިލާ އަށް ލިބުނު ގެއްލުމުގެ ބަދަލު ވެސް ނަގައިދޭން އެދިފަ އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ނަގައިދޭން އެދުނު އަދަދެއް ހާމަކޮށްފައެއްނުވެ އެވެ.

އެ ހާދިސާއާ ގުޅިގެން އައިލެންޑް އެކްސްޕްރެސް ހެލިކޮޕްޓާޒްގެ ހުއްދަ ވެސް ވަނީ ބާތިލުކޮށްފަ އެވެ.