ޔޫއޭއީގެ ފްލޯޓިން ސޯލާ ޕަވަ ޕްލާންޓް ރާއްޖެ އަށް ވެސް ލިބިދާނެ

މި ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް ގާއިމުކޮށްފައި ވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން 15 މިނިޓްގެ ތެރޭގައި ދެވޭ ނުރާއީ އައިލެންޑްގަ އެވެ. އެތަނުގައި އަޅާފައިވާ ފްލޯޓިން ސޯލާ ޕަވަ ޕްލާންޓުން ކައިރީގައި އޮންނަ ޒަޔާ ނުރާއީ ރިސޯޓަށް އިތުރު 80 ކިލޯވޮޓްގެ ކަރަންޓް ފޯރުކޮށްދޭނެ އެވެ. އެތަނުގައި މިހާރު ވެސް ތިމާވެއްޓާ ރައްޓެހިކޮށް 1،000 ކިލޯވޮޓްގެ ކަރަންޓް އުފައްދައި ބޭނުންކުރެ އެވެ.


މުޅި ޔޫއޭއީ އަށް ސޯލާ އިން ކަރަންޓް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ފަހަތުގައި އޮތީ އެނަވެއާ ކިޔާ އެ ގައުމުގެ ކުންފުންޏެވެ.

އެތަނުގެ އޮފް-ގްރިޑް ޑިވިޝަންގެ ހެޑް ފެރާސް ޝާހިދު ވިދާޅުވީ ފްލޯޓިން ސޯލާ ޕްރޮޖެކްޓަކީ ޔޫއޭއީ އަށް ޗުއްޓީ އަށްދާ ޓޫރިސްޓުން މޫދަށް އެރެން ދަތިނުވާނެ ގޮތްތައް ބަލައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މީގެ ސަބަބުން އަބޫ ދާބީގެ ވަށައިގެންވާ 150 އެއްހާ ރަށަށް ބޭނުންވާ ހަކަތަ ފްލޯޓިން ސޯލާ ޕްލާންޓުން އުފައްދަން ކުރާ މަސައްކަތްތައް ފުޅާވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ސަރަހައްދުތަކަށް މިގޮތަށް ހަކަތަ ފޯރުކޮށްދިނުން އަހަރެމެންގެ އަމާޒަކީ،" ފެރާސް ވިދާޅުވި އެވެ. "އަދި ހަމައެކަނި ޔޫއޭއީއަކަށް ނޫން މި ޕްރޮޖެކްޓް އަމާޒުކުރަން ބޭނުން ވަނީ ވެސް. އަހަރެމެންގެ ޕްލޭންތަކެއް އެބަހުރި ރާއްޖެ އާއި ސީޝެލްއާ ހަމައަށް މި މަޝްރޫއު ފުޅާކުރަން."

އޭނާ ވިދާޅުވި ގޮތުގައި ފްލޯޓިން ސޯލާ ޕްލާންޓްތަކަކީ ވަރަށް ގިނަ ފައިދާތަކެއް ހުރި މަސައްކަތެކެވެ. އެގޮތުން ކުދިކުދި ރަށްތަކުގެ ބިން އެހެން ބޭނުންތަކަށް ބަހައްޓާފައި ހަކަތަ އުފެއްދުމުގެ މަސައްކަތް މޫދުގައި ކުރުމަކީ ބިމުގެ ދަތިކަމަށް އޮތް ހައްލެއް ވެސް މެ އެވެ. އަދި ކަނޑުގެ ރާޅުތަކުގެ އެހީގައި ހަރަދު ވެސް ކުޑަކޮށް މިކަން ކުރެވޭ އިރު، މިއީ އިމާރާތްތަކާއި އެ ނޫން ވެސް އެއްގަމުގެ ތަންތަނުގައި ސޯލާ ޕެނެލްތައް ހަރުކޮށްގެން ހަކަތަ އުފައްދާ އިރު ދިމާވާ މައްސަލަތައް ކުރިމަތިނުވާނެ ކަމެއް ފެރާސް ވިދާޅުވި އެވެ.

"މި މަސައްކަތް ވަރަށް ފުޅާކުރަން އަހަރެމެން ބޭނުން ވަނީ." އޭނާ ވިދާޅުވި އެވެ.