ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ޒުވާން އަންހެން ވިޔަފާވެރިޔާ ކައިލީ ޖެނާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

މަޝްހޫރު ކާޑޭޝަން އާއިލާ އަށް ނިސްބަތްވާ ކައިލީ ފައިސާގެ އެހީއެއް ދިނީ ކޮވިޑް-19އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ފޭސްމާސްކާއި އެ ނޫން ވެސް މެޑިކަލް ސާމާނުތައް ހޯދައި ދިނުމުގެ ގޮތުންނެވެ.

އަމިއްލަ ނަމުގައި ހިންގާ މޭކަޕް ލައިނަކުން ލިބުނު އާމްދަނީން ދުނިޔޭގެ އެންމެ ޒުވާން އަންހެން މަހުޖަނުގެ މަގާމު ވެސް ހޯދާފައިވާ ކައިލީގެ ފަރާތުން ބޮޑު އެހީއެއް ލިބުނުކަން ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާކުރެއްވީ ލޮސް އެންޖެލިސްގެ ޑޮކްޓަރެއް ކަމަށްވާ ތައީޒް އަލިއަބާދީ އެވެ.

އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ ކުރިން ފަރުވާ ދެއްވި ވަރަށް ލޯބި ޕޭޝަންޓެއްގެ ފަރާތުން 1،000،000 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

"މި އެހީން އަހަރެމެން ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ މާސްކާއި އެ ނޫން ވެސް ގިނަ ވަސީލަތްތަކެއް ހޯދާނަން." ކައިލީ އަށް ޝުކުރު ވެސް އަދާކުރައްވަމުން ތައިޒް ވިދާޅުވި އެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިއީ ހަމަ ހީރޯއެއް."

އުމުރުން 22 އަހަރުގެ ކައިލީ އަކީ އަބަދު ވެސް އެކި ކަންކަމަށް މާލީ އެހީތައް ފޯރުކޮށްދޭ މީހެކެވެ. އެގޮތުން ދާފި ފަހުން އޮސްޓްރޭލިއާގައި ގިނަ ދުވަސްތަކެއް ވަންދެން އަލިފާން ރޯވެގެން ހިނގި ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް ވެސް އޭނާ އެއް މިލިއަން ޑޮލަރު ހަދިޔާކުރި އެވެ.

ދެ އަހަރުގެ އަންހެން ދަރިއަކު ވެސް ހުރި ކައިލީގެ މިލްކިއްޔާތު މިހާރު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.