ދުބާއީ ފުލުހުންނާ އެކު ބައިސްކަލް ޕެޓްރޯލިން އަށް ވޮލަންޓިއަރުން ހޯދަނީ

ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވި ހާލަތުގައި، ބައިސްކަލުގައި ދުބާއީ ޕެޓްރޯލްކުރުން ފުލުހުން ފަށާފައިވާ ހަރަކާތުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.


ދުބާއީގެ ކޮމާންޑަ-އިން ޗީފް މޭޖަ ޖެނެރަލް އަބްދުﷲ ޚަލީފާ އަލް މެއްރީގެ އިސްނެންގެވުމަކަށް "ރައިޑް ވިތު ދުބާއީ ބައިކާޒް" ޔުނިޓާ ގުޅޭ މީހުންގެ މަސައްކަތަކަށް ވާނީ ދުބާއީގެ އެކި ސަރަހައްދުތަކަށް ބައިސްކަލުގައި ނުކުމެ ޕެޓްރޯލްކޮށް، ކޮރޯނާވައިރަހާ ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި، މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި، އެ މީހުންނަށް ވަކިން ބޮޑަށް މައުލޫމާތުތައް ދީ މާކްސް ފަދަ އެއްޗެހި ހިލޭ ދޭނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ މީހުންނަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް އަދި ސިއްހީ އެހެން މައްސަލައެއް ވެސް ނެތް މީހުންކަން ކަށަވަރުކޮށްދޭން ޖެހޭނެ އެވެ

ކޮވިޑް-19އާ ގުޅުވައިގެން ޔޫއޭއީގައި ފެށި "ވީ އާ އޯލް ރެސްޕޮންސިބަލް" ކެމްޕޭންގެ ދަށުން ފުލުހުންނާ އެކު ބައިސްކަލުގައި ޕެޓްރޯލްކުރަން ނުކުންނަން ޝައުގުވެރިވާ މީހުންނަށް ދުބާއީ ޕޮލިސްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.

ފުލުހުންގެ ޑިރެކްޓަރު ކެޕްޓަން ޚަލީފާ މުހައްމަދު ވިދާޅުވި ގޮތުގައި ޓީމްތަކަށް ބަހާލައިގެން ދުބާއީގެ އެކި ސަރަހައްދުތައް ޕެޓްރޯލްކުރާ އިރު، ވޮލަންޓިއަރުންގެ ޓީމްތަކުގައި ސުޕަވައިޒަރެއްގެ ގޮތުގައި ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވާނެ އެވެ.