ނީލަމުގައި ވިއްކައިލާ ބޫޓް.
19 މެއި 2020 - 08:31
އެމެރިކާގެ ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ކެރިއަރުގައި ބޭނުންކުރި ތާރީހީ ބޫޓް ނީލަމުގައި ވިއްކައިލެވޭނެ ކަމަށް ލަފާކުރި އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ވިކިއްޖެ އެވެ.
އެމެރިކާގެ އޮކްޝަން ހައުސް ސޮދަބީޒުން މި މަހުގެ 8 ގައި ހުޅުވައިލި ނީލަން އާދީއްތަ ދުވަހު ނިންމައިލީ ބޫޓް 560،000 ޑޮލަރު (8,680,000ރ.) އަށް ވިއްކާލައިފަ އެވެ. އެތަނުން ކުރިން ލަފާކޮށްފައި އޮތީ ބޫޓް 150،000 ޑޮލަރު (2,325,000ރ.) އަށް ވިއްކައިލެވޭނެ ކަމަށެވެ.
"އެއާ ޖޯޑަން 1" ގެ ނަން ދީފައިވާ އެ ބޫޓަކީ ރަތާއި ހުދާއި ކަޅު ކުލަ އެކުލެވޭ ނައިކީން 1985 ސީދާ ޖޯޑަން އަށް ހާއްސަކޮށްގެން އުފެއްދި ބޫޓެކެވެ. އަދި އޭގައި ޖޯޑަންގެ އޮޓޯގްރާފް ވެސް ހިމެނެ އެވެ. އަދި އެ ބޫޓަކީ ކުލަބް ޝިކާގެ ބުލްސްގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި ކެރިއަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި ބޭނުންކުރި ބޫޓެކެވެ.
A game-worn pair of Nike sneakers from Michael Jordan’s glory days sold for a record $560,000— almost four times the initial estimate for the autographed shoes, Sotheby’s said https://t.co/4ye3M6FfSb
— Bloomberg (@business) May 17, 2020
ރެކޯޑް އަގަކަށް ޖޯޑަންގެ ބޫޓް ވިކުމާ އެކު، އެ ބޫޓް ވެގެން ގޮސްފައި ވަނީ ނީލަމެއްގައި ވިއްކައިލި އެންމެ އަގުބޮޑު ބޫޓަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ނައިކީން 1972 ގައި އުފެއްދި "މޫން ޝޫޒް" އަށެވެ. އެ ބޫޓް ނީލަމުގައި މިދިޔަ އަހަރު ވިކުނީ 437،500 ޑޮލަރު (6,759,375ރ.) އަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޯޑަންގެ ކެރިއަރު 1984-2003 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އޭނާގެ ކެރިއަރުގެ ރަން ޒަމާނަކީ 1984-1998 އެވެ. އެ މުއްދަތުގެ ތެރޭގައި ޖޯޑަން ބާސްކެޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި އެމްބީއޭގެ ޗެމްޕިއަންކަން ހަ ފަހަރެއްގެ މަތިން ހޯދާފައިވެ އެވެ. މިހާރު އުމުރުން 57 އަހަރުގެ ޖޯޑަން އަކީ ބާސްކެޓް ކެރިއަރުން ހޯދި އާމްދަނީން އެންމެ ފުރަތަމަ އެންބީއޭގެ ތާރީހުގައި ވެސް ބިލިއަނަކަށްވި ފުރަތަމަ ކުޅުންތެރިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy